"މިޒްރާ"
އެކި ބައްޓަންތަކަށް މަގުމަތީގައި ހިނގަމުން، ފެނުނު ކޮންމެ އެއްޗަކަށް އޭނާ ހިތައްއެރި ނަމެއް ދެމުން ކުރިއަށް ދިޔައެވެ. އޭނާއާއި އެއްވަރަށް ހިނގޭތޯ އަހަރެންވެސް މަސައްކަތްކުރީމެވެ.
"ނާދިފް"
"ޖަސްޓް ވޯކް!"
"އަޑުއަހާބަލަ" ވަރަށް ބާރަށް މިޒްރާ ބުނެލިއެވެ.
"ޖަސްޓް ވޯކް.."
އޭނާއަށް ސަމާލުކަމެއްނުދީ އަހަރެން ހިނގަންފެށީމެވެ. ތަންކޮޅަކަށް ދެވުނުފަހުން އެނގުނީ އަހަރެން ގާތުގައި މިޒްރާ ނެތްކަމެވެ. ފަހަތް ބަލައިލީމެވެ. ހަށަން ބަނދެލައިގެން މިޒްރާ، ކުރިންހުރި ފިޔަވަޅުމަތީގައި ހުއްޓެވެ.
"ފިޔަވަޅު އަޅަންވެސް ހަނދާން ނެތުނީ؟"
"އޭގެކުރިން.. އަހަރެންގެ .. ވާހަކަ އަޑުއަހާ..!"
"އަހަރެން ބޭނުމެއް ނޫނ.." ޖުމުލަ ފުރިހަމަކުރިޔަކަ ނުދިނެވެ.
"ނާދިފް.. އައި.. އައި.. އައި އެމް ރިއަލީ ސޮރީ.. ރޭގަ.. އަހަރެން ގެއަށް އައިއިރު.. އޭރު.. ވަރަށް ބޮޑަށް.. ލަސްވެއްޖެ.. އެކަމަކު.. އެހެން ގޮތެއްވެސް ނެތް.. ދެން.. ދެން.. ޖެހުނީ ހިނގާފަ.. އަންނަން.. އެކަމަކު.. އެހެން މަގަކުން އަންނަން... ޖެހުނީ.. ވަރަށް.. އަނދިރި.. މަގަކުން.. އެ ތަން އިނގޭނުން.. ގޭންގް މީހުން.. އެމަގު.. އަހަންނަށް މަގުގެ.. މެދަށް ނުދެވެނީސް.. ދެން.." އިސްޖަހައިގެން ހުރެ މިޒްރާ ވާހަކަ ދެއްކިއެވެ.
ކަނުލައި އަޑުއަހަން ހުރީމެވެ. އޭނާ ބުނެދޭން އުޅޭ އެއްޗެއް ނުވަތަ ކަމެއްގެ ބިރުވެރިކަން އަހަރެންގެ ހަތަރެސްފައިން ހީބިހި ނަގުވާލިއެވެ. އުނދަގުލުން ފުން ނޭވާތަކެއް ލަމުން ދިޔައެވެ. އެވާހަކަތައް ބުނެދޭން، އިތުރު ހިތްވަރެއް ނެރެނީކަން ޔަގީނެވެ.
"ހީކުރީ.. ތިން މީހުން .. ކަމަށް.. އެކަމަކު.. އައި ޑޯންޓް ނޯ.. އޭގެ ތެރެއިން އެކަކު.. ނޫނީ ދެމީހުން.. އަހަރެން.. ގައިގަވެސް އަތްލި... މިތާ ކޮނޑުގައި.. އިސްތަށި ގަނޑުގައި.. ތުންފަތުގައި.." ކޮންމެ ތަނެއްގައި އަތްލަމުން އަސަރާއެކު އޭނާ ބުނަމުންދިޔައެވެ.
"އެންޑް ވަޓް ވޯޒް އައި ތިންކިންގ!! މިންހާލް އާއެކު އޭނާ ޑޭޓްއަކަށް ދިޔައީކަމަށް.. އައި އެމް ސޯ ސްޓުޕިޑް.. ރެއިން ފެށިގެން މިޒްރާ އެ ބިރުވެރިކަން ތަހަންމަލް ކުރަމުން އެއަންނަނީ.." ރޭގައި އޭނާ ގެއަށް އައިވަގުތުން ފެށިގެން ފެނުނު ހުރިހައި މަންޒަރަކާއި އަޑުއިވުނު ހުރިހައި އެއްޗެއް އަހަރެންގެ ސިކުނޑީގައި ނިއުޅެން ފެށިއެވެ.
"އަހަންނަށް އެނގުނު.. އެމީހުން.. ކިބައިން.. ސަލާމަތް ނުވެވޭނެކަން.. ބަޓް.. ﷲގެ ރަޙްމަތްފުޅުން.. މިންހާލްއަށް އާދެވުނީ.. އެންޑް.. ހީ.. ހީ ހެލްޕެޑް މީ.. އެތަނުން.. ސަލާމަތް ކޮށްދިނީ.. ދެން.. ދެން މިއަދު.. ނާދިފް.. އަހަރެންގެ ކޮނޑުގައި ހިފެހެއްޓި.. ވަގުތު.. އައި ފެލްޓް ދެޓް ޓަޗް.. އެހެންވެ.. އެހައި .. ބާރަށް.. މޫނުމަތީގައި.. ޖެހުނީ.."
އިސްތަށަށް ޖަހައިގެންހުރެ އުނދަގުލުން، އޭނާ ވާހަކަދެއްކިއެވެ. މިޒްރާ ރޮނީކަން އަހަންނަށް ޔަގީނެވެ.
އިޚްތިޔާރަކާއި ނުލައި މިޒްރާގެ މޫނުގައި ދެއަތުން ހިފަހައްޓާލެވުނެވެ. ތުއްތުކުއްޖެއްގެ މޫނުގައި ފިރުމާލާހައި މަޑުމަޑުންނެވެ. އޭނާގެ މޫނު އަހަރެންގެ މޫނާއި ސީދާ ކޮށްލީމެވެ. އިސްކޮޅުގެ ތަފާތުބޮޑުކަމުން އޭނާއާއި އެއްހަމައަށް އަހަރެން ގުދުވެލީމެވެ.
"މިޒްރާ..! ދިރިއުޅުމަކީ އަހަރުމެން ހީކުރާ ފަސޭހަކަމެއް ނޫން.."
އޭނާގެ ނަޒަރު އަހަރެންނާއި ސީދާކޮށްލިއެވެ. މިއީ އޭނާގެ ލޮލަށް މިފަދަ ގޮތަކަށް އަހަރެން ބަލައިލި ފުރަތަމަ ފަހަރެވެ. ﷲގަންދީ ބުނަމެވެ. އެއަށްވުރެން ރީތި ލޮލެއް އަހަރެން ދުވަހަކުވެސް ނުދެކެމެވެ. އެފަދަ ރީތިކަމެއް އަހަރެންގެ ހަޔާތުގައި ސިފަކުރެވިފައިވެސް ނެތެވެ.
"މިޒްރާ.. މިވަގުތު ތަހަންމަލްކުރަން ޖެހިފައި ތިވަނީ ބަރުދާސްތުކުރަން ފަސޭހަ ވޭންތަކެއް ނޫން.. މިހުރިހައި ކަމެއް ބަދަލުވެ، މިޒްރާގެ ވޭންތަކަށް ދާދި އަވަހަށް ތަސައްލީއެއް ލިބޭނެ.. ކުރިމަތިވި އެ ބިރުވެރި ހާދިސާއަކީ ޢިބްރަތެއްކަމުގައި ބަލަމާހިނގާ.. އޭގައި ރަގަޅުކަމެއް ހިމެނޭނަމަ އެކަމަކާއިމެދު ވިސްނާ..! ދިރިއުޅުމުގެ ފިލާވަޅުން ޢިބްރަތް ހާސިލްކުރަން އެންމެ ފަސޭހަގޮތަކީ އެއީ.. ކޮންމެކަމެއްވެސް ވާނީ ސަބަބެއް އޮތީމައި.. ތިއީ ހިތްވަރު ގަދަ ކުއްޖެއް.. ސާފު ހިތެއްގެ ވެރިއެއް.. ތި ވޭންތަކުން އަރައިގަނެ، ހިތްހަމަޖެހުން ހޯދަން މަސައްކަތްކުރޭ.."
އަނެއްކާވެސް ހުއްޓުމެއް ނެތް ކަރުނަ އޭނާގެ ރީތި ދެލޮލުން އޮހޮރެން ފެށިއެވެ. އަހަރެންގެ ފަރާތުން މިފަދަ މިންވަރަކަށްވެސް އޭނާ އުއްމީދުކޮށްފައި ނުވަނީ ކަމަށް ވެދާނެއެވެ. އެކަން އަހަރެންގެ ހިތުގެ އަޑީން ގަބޫލުކުރަމެވެ. އޮހޮރެމުންދިޔަ ކަރުނަތައް ފޮހެދޭކަށް ބޭނުމެއް ނުވިއެވެ. މިޒްރާގެ މައުސޫމު ހަށިގަނޑުގައި އަޅަމުންދިޔަ ވޭންތައް އެކަރުނައިގެ އެހީގައި ލުއިވުމަށް އެހީވެދޭނެކަމަށް އަހަރެން ގަބޫލުކުރީމެވެ.
ވަރަށް ބާރަށް އަހަރެންގެ ގައިގައި މިޒްރާ ބައްދާލިއެވެ. ބޭނުންގޮތެއް ހަދަން އޭނާއަށް ހުއްދަ ދީގެން އަހަރެން ހުރީމެވެ. އޭނާ ގައިގައި ބައްދާލުމަށް އަހަރެންގެ ދެ އަތް އަހަރާކާތެއްވެސް ނުގެނައެވެ.
"އައި އެމް ސޮރީ ނާދިފް" އަހަރެންގެ ގައިން ދޫކޮށްލަމުން އޭނާ ބުނެލިއެވެ.
"އަހަރެންގެ ނަޒަރު އެ މޫނުން ދުރަކަށް ނުލެވުނެވެ. ބުނާނެ އެއްޗެއް ނޭގިފައި ބަލަހައްޓައިގެން ހުރީމެވެ.
މިފަދަ ހާލަތެއްގައި މިޒްރާ ވަނިކޮށް އަހަރެން ދުވަހަކުވެސް ނުދެކެމެވެ. އޭނާއަކީ އަބަދުވެސް ހިތްވަރުގަދަ ކުއްޖެކެވެ. ކޮންމެ ކަމެއްގައި ރައްދު ދޭނެއެވެ. އެނާގެ ހިމާޔަތުގައި ޚުދު އަމިއްލައަށް ތެދުވެ ކާމިޔާބުވެސް ކުރެއެވެ. މިޒްރާ ހިތްދަތިވެ އަދި ހިތާމައިގައި ވަނިކޮށްވެސް އަހަރެން ދުށީމެވެ. އެކަމަކު މިފަދަ ގޮތަކަށް ކުދިކުދިވެ، ބަލިކަށިވެފައިވާ މިޒްރާއެއް ދުވަހަކުވެސް ނުދެކެމެވެ. މިއީ މުޅިން އާކަމެކެވެ. ތަފާތު ކަމެކެވެ.
"ވަރަށް ބާރަށް ދޯ ޖެހުނީ" ދެލޮލުން ކަރުނަ ފޮހެލަމުން ލޯބި ގޮތަކަށް ބުނެލިއެވެ.
"ނައްހހހ.. އިޓްސް.." މިފަހަރުވެސް އަހަރެންގެ ޖުމުލަ ފުރިހަމަކުރިޔަ ނުދިނެވެ.
"މިތަނަށްތަ ތަދުވަނީ" އަތް އުފުލާލާފައި އަހަރެންގެ ކޮލުގައި މަޑުމަޑުން ފިރުމާލިއެވެ. ސީދާ މިޒްރާ ޖެހިތަނުގައެވެ.
"މިޒްރާ"
"ޝްޝްޝޝ"
އަހަރެން އެއްޗެއް ބުނަން ފުރުސަތެއް ނުދިނެވެ.
ފައިގެ އިނގިލިތަކުގެ ކުރިޖައްސާފައި އޭނާގެ ހަށިގަނޑު ހިއްލާލިއެވެ. އަހަރެންނާއި އިސްކޮޅުން އެއްހަމައަކަށް ޖެހިލެވޭތޯއެވެ. މަޑުމަޑުން ގާތްވެލާފައި އެ ކޮލުގައި މިޒްރާ 'ކިސް'ކޮށްލިއެވެ.
އޭނާގެ އެ ހަރަކާތުން އަހަރެން ހައިރާންވިއެވެ. އެފަދަ ކަމަކަށް ވިސްނިފައިވެސް އަދި އުއްމީދުކުރެވިފައިވެސް ނެތީމައެވެ. ކުރިން ހުރިގޮތަށް ހުއްޓެލާފައި އަހަންނާއި ދިމާއަށް ބަލައިލިއެވެ.
އަހަރެން ހިނިތުންވެލީމެވެ.
ޖަވާބުގައި ހިތްގައިމު ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.
ހަމަހޭގައި ނޫންނަމަވެސް، މިއީ އޭނާ އަހަންނަށް ހަދިޔާ ކޮށްލި ހަގީގީ ފުރަތަމަ ހިނިތުންވުމެވެ. އަހަންނަށްޓަކައި މިޒްރާގެ ފުރަތަމަ ހިނިތުންވުމެވެ. ލިބުނު ހިތްހަމަޖެހުން ބުނެދޭކަށް ނޭގެއެވެ. ކުރިންހުރި ހާސްކަން ނެތި، ހިނިތުންވުމެއް އެމޫނުގައި ވިއެވެ.
"ލެޓްސް ގޯ ބެކް" އަހަރެން ބުނީމެވެ.
މިޒްރާގެ އަތުގައި ހިފައިގެން އަހަރެން ހިނގަން ހިނގަން ފެށީމެވެ.
"ނާދިފް"
"ހޫމްމމ"
"އެއްކަލަ ދުވަހު.. އަހަރެން.. އެއްކަހަލަ.. އާން!ޔެސް! އެއްކަލަ ދުވަހު.. އަހަރެން ސްޕެގެޓީ.. ކެއްކީމެއްނުން ދޯ.. އެއަށް ކިހިނެއް ހެދީ؟"
ކުއްލިޔަކަށް މިޒްރާގެ މޫނަށް ބަލައިލެވުނެވެ. މިހައި ބައިވަރު ސުވާލު މިކުރަނީ ކީއްވެ ހެއްޔެވެ؟ މިރޭ ކުއްލިޔަކަށް އެ ސްޕެގެޓީ އަހަރުމެންގެ ދެމެދަށް މިއައީ ކީއްވެގެން ހެއްޔެވެ؟ ބަނގުލޯއަށް ދިއުމަށް އާންމުކޮށް ނަގާ ފަނަރަ މިނެޓް ބަދަލުގައި މިރޭ ކިތަން ފަނަރަ މިނެޓް ނަގާނެބާއެވެ.؟
"ބުނެބަލަ"
"އަހަރެން އެ އަޅާލީ ޑަސްބިންއަށް.. ދެން އެހެން ކޮންގޮތެއް ހެދޭނީ" ކަނޑައެޅިގެން ބޮޑު ދޮގެއް އަހަރެން ހެދީމެވެ.
"އޯހހހހ"
"ހޫމްމމ" ދުރަށް ބަލަމުން އަހަރެން ބުނީމެވެ.
"އެހާ ލޯބިން އަހަރެން.. ކެއްކީމަވެސް.. ހަމަ އުކާލީތަ..؟ ޑަސްބިންއަށް" ދެރަވާގޮތް މޫނުމަތިން ދައްކާލަމުން ބުނެލިއެވެ.
"އާން.. އަމިއްލަޔަށް ކާންވެގެން ދޯ ކެއްކީ"
"ނާދިފް.."
އަހަރެންގެ ކުރިމައްޗަށް ހުއްޓުނެވެ.
އަހަރެން އެއްބުމަ އަރުވާލީމެވެ.
"ތެދަށްބުނޭ.. އެ ސްޕެގެޓީއަށް .. ހެދިގޮތެއް.. ތެދަށް ބުނޭ!" އަނެއްކާވެސް ހަށަން ބަނދެލިއެވެ.
އަހަރެން އެއަށް ހެދިގޮތް ބުނީމަވެސް ގަބޫލު ނުކުރިއެވެ. ތެދު ބުނާނެކަމަށް އަހަރެންގެ ކިބައިން އޭނާ އުއްމީދުކުރިއެވެ. އެކަމަކު ތެދަށް ބުނާކަށް ބޭނުމެއް ނޫނެވެ. ފަސޭހައެއް ނޫނެވެ.
"ބުނޭ"
"އުކާލީއޭ ބުނެފީމެއްނުން"
"ތެދަށް ބުނޭ" ޑިމާންޑް ކުރުމާއެކު މަގުމަތީގައި އިށީނެވެ.
"ސާފު .. ސީދާ .. ތެދަށް ނުބުނަނީސް.. މިތަނުން .. ނުތެދުވާނަން" އަހަރެންގެ މޫނަށް ބަލަމުން، ޝަހާދަތް އިނގިލިން އިޝަރާތްކޮށްފައި އޭނާ ބުނެލިއެވެ.
ހަދާނެ ގޮތެއް ނޭގި، އަހަރެން މިޒްރާއަށް ބަލައިލީމެވެ. މިހާލަތުގައި މިޒްރާ ތަހަންމަލް ކުރުމަކީ ކުޅަދާނަކަމެއް ނޫނެވެ. އެތަނަށް ވަންވަގުތުން ފެށިގެން އޭނާއަށް ސަމާލުކަން ނުދެވުނުކަމަށްޓަކއި އަހަރެން މިވަގުތު ހިތާމަކުރަމެވެ.
"މިޒްރާ! ގެޓް އަޕް"
"ނޫން.. ފުރަތަމަ ތެދު.. ބުނޭ"
ޅިނދުގައި ދެއަތް ވިއްދާލާފައި އަހަރެން ފުންނޭވާއެއް ލީމެވެ.
"މިޒްރާ"
"ބުނޭ"
"ގޯޑް.. ފައިން.. އައި އޭޓް އިޓް.. ހެޕީ؟ ދެން ތެދުވޭ"
"އެކަމް ނާދީފް ބުނި.. އަހަރެންގެ އަތުން ކައްކާ.. އެއްވެސް އެއްޗެއް.. ނުކާނަމޭ.. ކީއްވެ އެހެން.. ބުނީ؟"
"އަމީތާބް ބައްޗަންއާ އެކުގައި ކޭ.ބީ.ސީ ކުޅޭކަށް ނޫން އިންޑިއާއަށް މިއައީ.. ތެދުވޭ.. ހިނގާ ދާން"
އަހަރެން ކޭ.ބީ.ސީގެ ވާހަކަ ބުނުމާއެކު އޭނާގެ ދެލޮލުގެ ވިދުން ގަދަވިއެވެ. އުފަލުން ދެ ލޯ ބޮޑުކޮށްލިއެވެ. ކޮންމެވެސް މޮޅު ޚިޔާލެއް އައީކަން ކަށަވަރެވެ.
"އާން.. ދެޓް ޝޯ އިޒް ސޯ މަޗް ފަން.. ލެޓްސް ޕްލޭ..!!"
"ވަޓް! ނޯ!"
ތެދުވުމަށް އެހީވުމަށް އަހަރެންގެ އަތް ދިއްކޮށްލުމުން ނިކަން އަވަހަށް އަތުގައި ހިފިއެވެ. ތެދުވުމާއެކު އަމީތާބުގެ އަޑުނެރިގެން ކަމަށް ހަދާފައި ސުވާލުތައް ކުރަންފެށި އެވެ.
ކުޑަކުއްޖަކު ފަދައިން އެކި ވާހަކަދައްކަމުން އަހަރެންގެ އަތުގައި ހިފައިގެން ހިނގަމުން ދިޔައެވެ. މުޅިން އާ އިހުސާސްތަކަކުން އަހަރެންގެ ހަށިގަނޑު ތާޒާވަމުން ދިޔައެވެ. މި އިހްސާސްތައް އަހަރެންގެ ހިތައް ހަމަޖެހުން ގެނުވައިދިނެވެ. ސިކުނޑިއަށް އަރާމު ގެނެސްދިނެވެ. ހިންދީ ފިލްމުތަކާއި، އިންޑިއާގެ ތާރީޚާއި ބެހޭގޮތުން ހަގީގަތުގައިވެސް މިޒްރާގެ މައުލޫމާތު މުއްސަނދިކަމަށް އަހަރެން ގަބޫލުކޮށްފީމެވެ. އޭނާގެ ސުވާލުތަކުގެ ފަސް އިންސައްތަވެސް އަހަންނަކަށް ނޭގެއެވެ. ނުބައިވާ ކޮންމެ ޖަވާބަކަށް މިޒްރާ ހީލައެވެ. ކުއްލިޔަކަށް ހުރިހާ ސުވާލެއް ނިންމާލިއެވެ. އަހަރެންނާއި ގާތްވެލާފައި އަހަރެންގެ އަތުގައި ބައްދާލިއެވެ. އޭނާގެ މޫނުގެ އޮމާންކަން އަހަރެންގެ ހިއްސުތައް ހޭލައްވާލި އެވެ.
"ނާދިފް.."
"ހޫމްމމ"
"ނާދިފްގެ އަޑު ވަރަށް ރީތި.. ކުމާރު ސާނޫއަށް ވުރެންވެސް މާ މޮޅަށް ނާދިފް ލަވަކިޔާ.. އަހަންނަށް ލަވައެއް ކިޔައިދީފާނަން..؟"
އަހަރެންގެ ހިނިގަނޑު ފަޅައިގެން ހިނގައިދާނެތީވެ، އަނގަމަތީގައި އަތް އެޅީމެވެ.
"މިވަގުތު؟"
"ޔެސް! ޕްލީޒް!"
އަހަރެން ހިނިތުންވެލީމެވެ. މިޒްރާ މާޔޫސްކުރަން އަހަރެންގެ ހިތެއް ނޭދުނެވެ. އަހަރެންގެ އަމިއްލަ ލަވައެއް ކިޔަން ބޭނުމެއް ނުވިއެވެ. ކުއްލިޔަކަށް ހިތައް އައި ލަވަ ފެށީމެވެ.
"ހިއް އުފާ ވާނެހޭ ދެން ކަލާޔާ ނުލާ..
....
"މަންޒިލެއް ދާން އެދޭ ނެތް ކަލާޔާ ނުލާ...
ލަވައިގެ ވަކި ހިސާބަކުން އަހަރެންނާއެކު މިޒްރާ ލަވައިގައި ބައިވެރިވިއެވެ. އަހަރެންގެ ހިއްސުތަކުގައި ހުޅުރޯވިފަދައެވެ. ގައިން ހީބިހި ނެގިއެވެ.
....
"ހައްގަކަށް ތިއީ މަގޭވުން ނިކަން ބޭނުމޭ
....
ބީވެގެން ލޯމަތިން ދާން މަ ނޭދެން ކަލާ...
ހިތް އުފާވާނެހޭ ދެން ކަލާޔާ ނުލާ.
ޑުއެޓް ލަވައެއްގެ ގޮތުގައި އަހަރުމެން ދެމީހުން މުޅިލަވަ ނިންމާލީމެވެ. ލަވަ ނިމުނުއިރު ނޭގޭ އިހުސާސަކުން އަހަރެންގެ ހިތް ނަށަނީއެވެ. ދެމީހުން އެކަކު އަނެކެއްގެ މޫނަށް ބަލާލާފައި ހިނިތުންވުމެއް ބަދަލުކޮށްލީމެވެ. ހިތްގައިމު އަސަރުގަދަ ރީތި އަޑެކެވެ. ކުޅަދާނަ ހުނަރުވެރިއެކެވެ. ލަވައިގެ ކޮންމެ ޢިބާރާތެއް އަހަރެންގެ ހިތުގައި ހަރުލިއެވެ. މިއީ އަޖައިބުން ފުރިފައިވާ އަންހެން ކުއްޖެކެވެ.
އެ ހުނަރު އޭނާ ކިބައިގައި ހުރިކަން އޭނާއަށް ނޭގެނީ ހެއްޔެވެ؟ މިހާ ރީތިކޮށް ލަވަކިޔާ ދިވެހި އަންހެން ކުއްޖަކާ މިހާތަނަށް ދިމައެއް ނުވެއެވެ.
މިޒްރާ ބޭރުގައި ބަހަށްޓާފައި އަހަރެން އެތެރެއަށްވަދެ ބަލައިލީމެވެ. ނަސީބަކުން އެއްވެސް މީހަކު ފެންނާން ނެތް ވަގުތެކެވެ.
"މިޒްރާ ކަމް"
ހެވިލާފައި އަހަރެން ގާތަށް އައެވެ. އަވަސްއަވަހަށް މިޒްރާ ގޮވައިގެން އަހަރެން ކޮޓަރިއަށް ވަނީމެވެ.
ރިސެޕްޝަން ސަރަހައްދުންވެސް މީހަކަށް ނުފެނި ސަލާމަތް ވެވުނީތީވެ، ޝުކުރު ކުރީމެވެ.
"ނާދިފް" ތަންކޮޅެއް ބާރަށް މިޒްރާ ގޮވައިލިއެވެ.
އަވަހަށް ގޮސް މިޒްރާ އަނގަމަތީގައި އަތް އެޅީމެވެ.
"މިގަޑީގައި ހަޅޭއް ނުލަވައްޗޭ.. އެންމެން ތިބީ ނިދާފަ.." އަހަރެން މަޑުމަޑުން ބުނީމެވެ.
އޭނާގެ އަނގަމަތީން އަހަރެންގެ އަތް ނެގީމެވެ.
"ނާދިފް" ވައި އަޑުން ބުނެލިއެވެ. އަހަރެން ކައިރިއަށް ހަގީގަތުގައިވެސް ހިނިއައެވެ. އެކަމަކު އެކަން ސިއްރުކުރީމެވެ. ލޮލުގެ އިޝާރާތުން އޭނާއަށް އިޝާރާތްކޮށްލީ، ބޭނުން އެއްޗެއް ބުނުމަށެވެ.
"ނާދިފް އަށް އަހަރެން ކަމަކު ނުދޭ ދޯ.. އަހަރެން ބަލާލަންވެސް ރީއްޗެއް ނޫން ދޯ"
"ވަ-ޓް؟"
-ނުނިމޭ-