މަގޫދޫ އެއާޕޯޓްގެ މަސައްކަތް ނިންމެން ވަރަށް ގާތްވެފައިވަނިކޮށް އެރަށާއި ދާދި ކައިރީގައި އޮންނަ ނިލަންދޫގައި އެއާޕޯޓް އެޅުމަށް ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުން ވަނީ މިިދިޔަ ބުދަ ދުވަހު އެމްޓީސީސީއާ ހަވާލުކޮށްފައެވެ.
ނިލަންދޫގައި އެއާޕޯޓްގެ މަސައްކަތް ހަވާލުކުރިއިރު އެ ދާއިރާއަށް އަންނަ ރައްޔިތުން މަޖލީހުގެ އިންތިހާބުގައި ވާދަކުރައްވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅު ފާތިމަތު ސައުދާއެވެ
މަގޫދޫ އެއާޕޯޓްގެ މަސައްކަތަކީ ދައުލަތުން 230 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިޔަށް ގެންދާ މަޝްރޫއެކެވެ.
ނިލަންދޫ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމުގެ ތިން ވަރަކަށް ދުވަސްކުރިން މަގޫދޫ އެއާޕޯޓްގެ މަސައްކަތް ހުއްޓުމަކަށް އައިކަމަށް އެރަށު މީހުން ބުނެއެވެ. އެގޮތުން މަސައްކަތް ކުރަމުންދިޔަ މީހުން މިހާރު އެެއްވެސް މަސައްކެތެއް ނުކޮށް މަޑުކޮށްލަން އަންގާފައިވާކަމަށް އެރަށު މީހުން ބުނެއެވެ.
މަގޫދޫ އެއާޕޯޓްގެ މަސައްކަތް ހުއްޓާލުމުން އެއާޕޯޓް ހަދާ ސަރަހައްދަށް އެ ރަށުގެ ގިނަ ބަޔަކު ނުކުމެ ރޭ ވަނީ އެކަމާއި ދެކޮޅަށް އަޑު އުފުލާފައެވެ. އެމީހުން ބުނީ އެއާޕޯޓްގެ މަސައްކަތް ސަރުކާރުން ހުއްޓާލި ހުއްޓާލުން ބަލައި ނުގަނެވޭކަމަށެވެ. އަދި އެ މަސައްކަތް ފަށާ އެއާޕޯޓްގެ ހިދުމަށް އަވަހަށް ލިބޭނެ ގޮތް ހެދުމަށް އިހްތިޖާޖުކުރި މީހުން ވަނީ ގޮވާލާފައެވެ.
މަގޫދޫ އެއާޕޯޓްގެ މަސައްކަތް ހުއްޓިފައިވާކަމަށް ބުނެ ރަށު ރައްޔިތުން އެކަމުގެ ނުރުހުން ފާޅުކުރިއިރު އެ އެއާޕޯޓްގެ ހިންގުން ރަސްމީކޮށް ވަނީ ރީޖަނަލް އޭއާޕޯޓް ކޮމްޕެނީއާ ހަވާލުކޮށްފައެވެ. އެ ކުންފުނިން ބުނެފައިވަނީ ތާވަލުކުރެވިފައިވާ ގޮތަށް މަސައްކަތް ދާނަމަ އަންނަ ޖެނުއަރީގައި މަގޫދޫ އެއާޕޯޓްގެ ހިދުމަތް ފެށޭނެކަމަށެވެ.
މަގޫދޫ އެއާޕޯޓް އެޅުމަށް އެމްޓީސީސީއާ ހަވާލުކުރީ 2022 ވަނަ އަހަރު އޮކްޓޫބަރުމަހުއެވެ. އެ މަޝްރޫއުގެ ދަޢުން 1500 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެއް ހަދާ، ޕަސެންޖާ ޓާމިނަލާއި، ކޮންޓްރޯލް ޓަވަރާއެކު ފަޔާ ސްޓޭޝަނެއް ހެދުމަސްވަނީ ނިންމާފައެވެ. އެހެންނަމަވެސް ފަހުން މިދިޔަ ސަރުކާރުން ވަނީ މަގޫދޫ އެއާޕޯޓްގެ ރަންވޭ 300 މީޓަރު އިތުރުކޮށް ރަންވޭގެ ސައިޒް 1800 މީޓަރަށް ބަދަލުކޮށްފައެވެ.
އެއާޕޯޓްގައި މިހާރު ކުރިޔަށް ދަނީ ރަންވޭއަށް އިތުރުކުރި ބައިގެ މަސައްކަތާއި އިމާރާތްތަކުގެ ފިިނިޝިން މަސައްކަތްތައްކަމަށް ރީޖަނަލް އެޢާޕޯޓްސް އިން ކުރިން ވަނީ ބުނެފައެވެ.