ރައީސް ސާލިހް މިހެން ވިދާޅުވީ ހުޅުމާލެއަށް އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕައިން ހަރަކާތެއްގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ސާލިހް ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އަންނަ މުޅިންވެސް ދެއްކީ ދޮގު ވާހަކަތައްކަމަށެވެ. އޭގެ ތެރެއިން އެއް ވާހަކައަކީ މުޅި ރާއްޖޭގައި ހަތިޔާރު އެޅި ބޭރުގެ ސިފައިން ހާހުން ދެހާހުން އުޅޭ ވާހަކަ ކަމަށެވެ. އެހެންނަމަވެެސް މިއަދު އެވާހަކަތައް ނެތްކަމަށާއި ދިމާއަށް ބޮޑު ބުހުތާނު ދޮގެއް ހެދިކަން މިހާރު ހުރިހާ ރައްޔިތުންނަށް ފެންނަކަމަށްވެސް ސާލިހް ވިދާޅުވިއެވެ.
އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިން ތިބިކަމަށް ބުނެ އޭރުގެ އިދިކޮޅު ފަރާތްތަކުން ދެއްކި ވާހަކަތަކަށްވެސް ރައީސް ސާލިހް ވަނީ ފާޑު ވިދާޅުވެ ޖޯކު ޖައްސަވާފައެވެ.
ރާއްޖެ އޮތީ ބޭރު ބައެއްގެ އަތް ދަށުގައި ކަމަށް ބުނެ އެ ދޮގު ވާހަތައް ފެތުރުމަށްފަހު ވެރިކަމަށް އައިސް މާލޭ ސަރަހައްދުން ބޮޑެތި ބިންތަކެއް ބޭރު ބަޔަކަށް މި ސަރުކާރުން ދިންކަމަށް ރައީސް ސާލިހް ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވިދާޅުވީ ގޮތުން އެއީ ޗާންދަނީމަގުން ފެށިގެން ހުޅަނގަށް މުޅި މާފަންނު ވަރުގެ ސައިޒްގެ ބިންކަމަށެވެ.
ރައީސް ސާލިހް ވިދާޅުވީ ފުށިދިއްގަރު ފަޅު މަޝްރޫއަކީވެސް މިއަދު ހެދި ދޮގެއްކަން އެގިއްޖެކަމަށެވެ. އެ ސަރަހައްދަށް އަޅާނެ ވެލިވެސް ނެތްކަން މިހާރު އެންގުމުން އެއީ އެއްވެސް ޕެލޭނެއް ނެތި ކުރިކަމެއްކަން މިހާރު އެބަ އެނގޭކަމަށްވެސް ރައީސް ސާލިހް ވިދާޅުވިއެވެ.
'ރަސްމާލެ'ގެ ނަމުގައި ފުށިދިއްގަރުފަޅު ހިއްކަން ފެށީ މިިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަދުވަހުއެވެ. އެ މަސައްކަތް ހަވާލުކުރީ ލަންކާގެ ސީއެމްސީއާ އެވެ. އެހެންނަަމަވެސް އެ މަސައްކަތް ވަނީ ހުއްޓިފައެވެ. ކޮންސްޓްރަކްޝަން މިނިސްޓަރ ވިދާޅުވީ މަސައްކަތް މަޑުޖެހިފައިވަނީ ހިއްކަން ބޭނުންވާ ވެލި އެ ސަރަހައްދުގައި ނެތުމުންކަމަށެވެ. އަދި ވެލި ނަގާނެ ދިމާލެއް ބެލުމަށް ދިރާސާކުރަމުން ދާކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ރަސްމާލެެއާ ގުޅުން ހުރި ކޮރަޕްޝަން މައްސަލައެއް ބަލަމުން އަންނަކަން އޭސީސީން އިއްޔެވަނީ ބުނެފައެވެ.