ads
ސިނަމާލެ ބްރިޖުގެ މެއިންޓަނަންސް މަސައްކަތްފެށުން
ސިނަމާލެ ބްރިޖުގެ މެއިންޓަނަންސް މަސައްކަތް ޗައިނާގެ ޓީމަކުން ފަށައިފި
ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ނުވަތަ ސިނަމާލެ ބްރިޖުގެ މެއިންޓަނަންސް މަސައްކަތްތައް އެ މަޝްރޫއު ކުރިއަށްގެންދިޔަ ޗައިނާގެ ކުންފުނިން ފަށައިފި އެވެ.

ސިނަމާލެ ބްރިޖުގެ މެއިންޓަނަންސް މަސައްކަތްތައް އެ މަޝްރޫއު ކުރިއަށްގެންދިޔަ ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ( ސެކަންޑް ހާބާ އިންޖިނިއަރިން ކޮމްޕެނީއާއި ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިމަހުގެ 20 ވަނަ ދުވަހު އެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓަރު، ޑރ. އަބްދުﷲ މުއްތަލިބް މިފަހުން ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ބްރިޖު ބަލަހައްޓައި ރާއްޖޭގައި އޭގެ ކެޕޭސިޓީ އިތުރުކުރުމަށް ޗައިނާއިން އެހީތެރިވެދޭނެ ކަމަށެވެ.

"މި އެއްބަސްވުމަކީ ބްރިޖް މެއިންޓެނެންސް ކުރުމަށް ބޭނުންވާ ވަސީލަތްތައް ތަރައްގީކުރުމަށާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާދެމެދު އޭޕްރީލް 2، 2023 ގައި ވެވުނު އެއްބަސްވުމެއް،" މުއްތަލިބް ވިދާޅުވި އެވެ.

ސިނަމާލެ ބްރިޖު މެއިންޓެނަންސް މަސައްކަތުގެ އެއްބަސްވުމުގެ މުއްދަތު ޗައިނާގެ ސީސީސީސީ ކުންފުންޏާއެކު އިތުރުކުރުމަށް ސަރުކާރުން ނިންމައި އޭގެ އަމަލީ މަސައްކަތް ފެށި ކަމަށް ކުރީގެ ސަރުކާރުން މިދިޔަ އަހަރު ކުރީކޮޅުގައި ބުނެފައިވެ އެވެ. ނަމަވެސް، އޭގެ ފަހުން އެ މަސައްކަތުގެ އެއްވެސް އަޕްޑޭޓެއް ނުދެ އެވެ.

ބްރިޖަށް އަރާއިރު ހުންނަ ގިޑިގެ ވަރަށް ބޮޑަށް ހަލާކުވެފައި ވާތީ ސްޓެލްކޯއާ ހަވާލުކޮށްގެން ވެސް މިދިޔަ އަހަރު ފަހުކޮޅުގައި ވަނީ އެތަން މަރާމާތުކޮށްފަ އެވެ.

މިހާތަނަށް ރާއްޖޭގައި ހިންގި އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ސިނަމާލެ ބްރިޖަށް ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ހަރަދުކޮށްފައިވެ އެވެ. އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރު ލޯނެއްގެ ގޮތުގައި ޗައިނާ އިން ދިން އިރު، ދިވެހި ސަރުކާރުން ވަނީ 12 މިލިއަން ޑޮލަރު ހަރަދުކޮށްފަ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް