ads
ހުޅުމާލޭގައި ސަފާރީތައް އަޅާފައި-- ފޮޓޯ: ސަން
ސަފާރީތަކުގައި ކަސްޓަމްސްގެ ޓްރެކިން ޑިވައިސް ހަރުކުރަން މަޖުބޫރުކޮށްފި
ބަނގުރަލާއި އޫރުމަހުގެ ބާވަތްތައް ހުންނަ ސަފާރީތަކުގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ޓްރެކިން ޑިވައިސް ހަރުކުރަން މަޖުބޫރުވާ ގޮތަށް ގަވާއިދު އިސްލާކޮށްފައިވާ ކަމަށް ކަސްޓަމްސްއިން ބުނެފި އެވެ.

ކަސްޓަމްސްއިން ބުނީ މިދިޔަ މަހުގެ 29 ގައި ގެނައި އެ އިސްލާހަށް މިހާރު އަމަލުކުރަން ފަށާފައިވާ ކަމަށެވެ. އެ އިސްލާހަށް އަމަލު ކުރަން ފެށީ މި މަހުގެ 15 ވަނަ ދުވަހު އެވެ.

ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުން އެއް ތަނުން އަނެއް ތަނަށް ގެންދާ މުދަލާއި ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައިވާ އުޅަނދުފަހަރު އުޅަނދު މޮނިޓާކޮށް ބެލެހެއްޓުމުގެ އުސޫލެއް 2018 ވަނަ އަހަރު ވަނިކ އެކުލަވާލާފަ އެވެ.

އެގޮތުން އެ އުސޫލަށް ފުރަތަމަ އަމަލު ކުރަން ފެށީ ރަސްމީ ބަނދަރު ފިޔަވައި އެހެން ތަންތަނަށް ދިއުމަށް ހުއްދަ ދޭ އުޅަނދު ފަހަރުތަކާއި ކަސްޓަމްސް އިން ދޫކުރާ ބަނގުރަލާއި އޫރުމަސް ގެންދަން ޖެހޭ ތަންތަނަށް ގެންދިއުމަށްޓަކައި އެ ތަކެތި އުފުލާ އުޅަނދުތަކުގައި އެކަނި ޓްރެކިން ޑިވައިސް ހަރުކޮށްގެން މޮނިޓާ ކުރާ ގޮތަށެވެ.

ނަމަވެސް އެ އުސޫލަށް ގެނެވުނު އިސްލާހާއެކު އިތުރު އުޅަނދުތަކެއްގައި ވެސް ޓްރެކިން ޑިވައިސް ހަރުކުރަން ޖެހޭނެ އެވެ. އޭގެތެރޭގައި ސޭފް އެންކަރޭޖްގެ ދަށުން ލޯކަލް ބަނދަރެއްގައި ބޭއްވުމަށް ހުއްދަ ދޭ އުޅަނދުތަކާއި ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ އުޅަނދުފަހަރަށް ތަކެތި ހިފައިގެންދާ ލޯކަލް އުޅަނދު ފަހަރުގައި ވެސް ޓްރެކިން ޑިވައިސް ހަރުކުރަން ޖެހޭނެ ކަމަށް ކަސްޓަމްސްއިން ބުނެ އެވެ.

ކަސްޓަމްސްއިން ބުނިގޮތުގައި އެ އުސޫލާ ހިލާފުވާ ފަރާތްތަކަށް އެ އިދާރާއިން ދޭ ހިދުމަތްތައް މެދުކަނޑާލައި ފިޔަވަޅު އަޅާނެ ކަމުގަ އެވެ. އަދި ޑިވައިސް ހަރުކުރަން މަޖުބޫރުވާ އުޅަނދުތަކުގެ ހަރަކާތްތައް މޮނިޓާ ކުރަމުން ގެންދާނެ ކަމަށް ވެސް އެ އިދާރައިން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް