އަންނަ މަޖިލިސް އިންތިހާބުގައި ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން ސ. ހުޅުދޫ ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓް މުހައްމަދު ޝާހިދު (ޝާޑު) ގެ ކެމްޕެއިން ހަރަކާތެއްގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވަނީ ރައީސް ޔާމީނާއި ރައީސް ސާލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ބަހުގެ ހަމަލާތައް ދެއްވާފައެވެ.
ޕީޕީއެންގެ އެއްވެސް ދިރުމެތް މިހާރު ނެތްކަމަށް ވިދާޅުވެ ރައީސް ޔާމީން ދެއްކެވި ވާހަކަތަކަށް ރައްދުދެއްވާ އެމަނިކުފާނުގެ ވަރަށް އަރިސް ބޭފުޅެެއްގެ ގޮތުގައި ކުރިން ހުންނެވި އަދި ރައީސް ޑރ މުއިއްޒުގެ ސެޕްޝަލް އެޑްވައިޒަރުގެ ގޮތުގައި މިހާރު ހުންނެވި އަބްދުއްރަހީމް ވިދާޅުވީ އަންހެނުން ވަރިކޮށްފައި ގޮސް ދެން އެ އަނބާއި ގުޅޭގޮތުން ވާހަކަ ދައްކަން ނުޖެހޭކަމަށެވެ.
ރައީސް ޔާމީންގެ ނަން ވިދާޅުނުވެ އެމަނިކުފާނަށް ފާޑު ވިދާޅުވަމުން އަބްދުއްރަހީމް ވިދާޅުވީ ތިމާ ބޭނުންވާ ގޮތަށް ކަން ނުވީމާ އެމީހަކާއި ދިމާކޮށްލުމަކީ ގައުމަށް ވަފާތެރިވުމެއް ނޫންކަމަށެވެ. އަދި މިއަދު ވެރިކަން ކުރަނީ ޕީޕީއެމް/ ޕީއެންސީކަމަށާއި އެބޭފުޅުން ތިއްބެވީ އެޕާޓީއަށް ދިރުން އަންނާނެ މަގު ހޯއްދަވައިގެންކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
ރައީސް ޔާމީން އުފައްދަވަން މަސައްކަތް ކުރައްވާ ޕީއެންއެފުން ކޮންމެ ރެއަކު ޖަލްސާ ބާއްވާ ސަރުކާރަށް ކިޔަމުންދާ ފާޑުތަކަށްވެސް އަބްދުއްރަހީމް ވަނީ ރައްދުދެއްވާފައެވެ.
އަބްދުއްރަހީމް ވަނީ ރާއިސް ޔާމީންނާއި ރައީސް ސާލިހް ކުރިން ވެރިކަން ކޮށްފައިވާ ގޮތަށް ފާޑު ވިދާޅުވެ އަލުން ވެރިކަމަށް އަންނަ ދެން ފުރުސަތު ނުދެއްވާނެކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ރައްޔިތުންނާއި ގައުމަށް ހިޔާނަތްތެރިވެފައި އަނެއް ފަހަރު ނިކުމެ ދޮގު ބުހުތާނު ވާހަކަތައް ދައްކައިގެން ކުރިއަށް ދެވިދާނެކަމަށް ގަބޫލުކޮށްގެން ނުވާނެކަމަށެވެ. އަދި އަނިޔާވެރިންނަށް ދެން މި ރާއްޖޭގެ ފަސްގަނޑުން ޖާގައެއް ނުދޭނެކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
ރައީސް ޑރ މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރުގެ ގޮތުގައި ހުންނެވި އަބްދުއްރަހީމް ވިދާޅުވީ މިފަހުގެ ތާރީހުގައި ހެޔޮ ނިޔަތެއްގައި ރާއްޖޭގެ ވެރިކަމަށް މުއިއްޒު ނޫން ބޭފުޅަކު ވަޑައިނުގަންނަވާކަމަށެވެ.