ރައީސް ޔާމީން މަސައްކަތް ކުރެއްވީ ޕީޕީއެމް / ޕީއެންސީ މަގުމަތި ކުރަން ކަމަށް ބުނެ ސަރުކާރުގެ ވެރިން ދެއްކި ވާހަކަތަކަށް ރޭ ރައީސް ޔާމިން ވަނީ ރައްދުދެއްވާފައެވެ. ޔާމީން ރޭ ވިދާޅުވީ ޕީޕީއެމް / ޕީއެންސީ މަގުމަތި ކުރަން ބޭނުންނަމަ ޕީއެންސީ ރިޔާސީ ކެންޑިޑޭޓެއް ނެރެން ނުބުނާނެކަމަށެވެ.
ޔާމީންގެ މިވާހަކަތަކަށް ރައީސް މުއިއްޒުގެ ހާއްސަ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް މިއަދު މިވަނީ ރައްދު ދެއްވާފައެވެ. ކުރިން ރައީސް ޔާމީންގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭ ހުންނެވި އަބްދުއްރަހީމް ވީދާޅުވީ ޕީއެންސީ ރީޔާސީ ކެންޑިޑޭޓެއް ނެރެން ޔާމީން ވިދާޅުވީ އިހްލާސްތެރި ނިޔަތެއްގައި ނޫންކަމަށެވެ. އަދި އިހްލާސްތެރި ނިޔަތެއް ރައީސް ޔާމީންގެ އޮތްނަމަ އިންތިހާބު ބޮއިކޮޓް ކުރަން އެންގީ ކީއްވެތޯވެސް އަބްދުއްރަހީމް ވަނީ ރައީސް ޔާމީނާ ސުވާލުކުރައްވާފައެވެ.
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ނެރުމުގެ ކަންކަން ހިގައިދިޔަ ޓައިމްލައިނެއް ހިއްސާކުރައްވަމުން އަބްދުއްރަހީމް ވަނީ އިތުރު ސުވާލެއްވެސް ރައީސް ޔާމީނާ ކުރައްވާފައެވެ.
އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމް / ޕީއެންސީ މަގުމަތިކުރަން އުޅުނޭ ވިދާޅުވަމުން މިދަނީ މި ޙަގީގަތްތައް އެހެން ހުރުމުންކަމަށެވެ.
ރޭ ބޭއްވި ޕީއެންއެފްގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ އިންތިހާބު ބޮއިކޮޓް ކުރަން ވިދާޅުނުވާކަމަށާއި އެދުނީ އެކަމާއި މެދު ހިޔާލެެއް ހޯދުމަށްކަމަށެވެ. ސަބަބަކީ ރައީސް ޔާމީނަށް ބައިވެރިނުވެވޭ އިންތިހާބެއްގައި ބައިވެރި ނުވާނެކަމަށާއި އިންތިހާބު ބޮއިކޮޓް ކުރާނެކަމަށް ޕީޕީއެމް / ޕީއެންސީ ގެ ވެރިން އޭރު ގޮވަމުން ދިޔުމުންކަމަށެވެ.