މަގޫދޫގައި އަޅަން ނިންމި އެއާޕޯޓުގެ މަސައްކަތް ކެންސަލް ކުރުމުން އެ ރަށުގެ ރައްޔިތުން ގެންދަނީ ސިލްސިލާ އިހުތިޖާޖެއް ކުރަމުންނެވެ. ރަށުގެ ރައްޔިތުން ބުނީ ސަރުކާރުން އެ ރަށުގެ ރައްޔިތުންގެ އަޑު އިވެންދެން މުޒާހަރާ ކުރިއަށްގެންދާނެ ކަމަށެވެ.
ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް މިއަދު މަޖިލީހަށް ހުށައެޅުއްވި ފ. މަގޫދޫ އެއާޕޯޓް ހުއްޓާލިކަމަށް ބުނާ ކުއްލި މައްސަލައިގެ ބަހުސްގައި އަބްދުލްމުހުސިން ވިދާޅުވީ ނިލަންދޫގައި ތިން އަހަރުވަންދެން ބަޖެޓްކޮށްފަ އޮތް އެއާޕޯޓް މަޝްރޫއު މަގޫދޫއަށް ބަދަލުކުރީ ކޮން ގޮތަކަށްކަން ކާކު ހިތް ރުއްސަންކަން އެންމެންނަށްވެސް އެނގޭ ކަމަށެވެ.
ފ. އަތޮޅުގައި އެންމެ އާބާދީ ބޮޑު އަދި ބިން ބޮޑު ރަށަކީ ނިލަންދޫ ކަމަށާއި ދައުލަތުގެ މުއައްސަސާތައް ހުރީ އެރަށުގައިކަން އަބްދުލްމުހުސިން ފާހަގަކުރެއްވި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މައްސަލަ ހުށަހަޅަމުން ހަލީމް ވިދާޅުވީ މަގޫދޫ އެއާޕޯޓް ނިމިފައިވަނިކޮށް ހުއްޓާލާފައި ވަނީ ރައީސްގެ ބާރުތައް ގާނޫނާ ހިލާފަށް ބޭނުންކޮށް އަމިއްލަ އާއިލީ އަދި ސިޔާސީ މަންފާއަށް ކަމަށް ފެންނަން އެބަ އޮތް ކަމަށެވެ.
އެ މަޝްރޫއަކީ އާންމު މަންފާއަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއަޕޯޓް ޤާއިމުކުރުމުގެ ދަށުން ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ފެށުނު މަޝްރޫއެއް ކަމަށާއި އެ މަސައްކަތަކީ 231 މިލިޔަން ޑޮލަރުގެ މަޝްރޫއެއް ކަމަށް ހަލީމް ވަނީ ވިދާޅުވެފައެވެ.
ހަލީމް ވިދާޅުވި ގޮތުގައި، އެ މަޝްރޫއު ފެށިފައި ވަނީ ނަގުދު ފައިސާ ލިބިގެންނެވެ. އަދި މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު މަސައްކަތުގެ 70 އިންސައްތަ ވަނީ ނިމިފައިވާ ކަމަށް ވިދާޅުވި އެވެ.
މަޝްރޫއު ކުއްލިއަކަށް ހުއްޓާލުމަށްފަހު، އެއާޕޯޓް މަސައްކަތްކުރާ މުވައްޒަފުން ގޭގައި މަޑުކުރަން އަންގާފައިވާ ކަމަށް އެރަށުން މައުލޫމާތުދެ އެވެ. ނަމަވެސް އެ މަޝްރޫއު ހުއްޓާލަން އަންގާފައި ނުވާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވެ އެވެ.
އަދި މަގޫދޫ އެއާޕޯޓުގެ މަސައްކަތް ހުއްޓާލި ކަމަށް ބުނާ ވާހަކަތައް މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ވެސް ދޮގުކުރެ އެވެ.
މަގޫދޫގައި ތަރައްގީކުރަމުން އަންނަ އެއާޕޯޓަކީ 230 މިލިއަން ރުފިޔާ ހަރަދުކޮށްގެން ޖެޓު ޖެއްސޭ ފެންވަރަށް، ޖެޓު ކްރޫއިންނަށް ހާއްސަ ހޮޓަލަކާއި އެހެނިހެން އިންތިޒާމުތައް ހިމެނޭ އެއާޕޯޓެކެވެ.