ހއ. އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވަނީ އުތީމުގައި ހުރި ތަރައްގީގެ މަސްރޫއުތަކާއި ގުޅޭތުން "ސީއެންއެމް" އަށް މައުލޫމާތު ހިއްސާކޮށްފަ އެވެ. ދޮންވެލި ރީތި ގޮނޑުދޮށެއް އޮންނަ އަދި މި ރަށުގައި ބޮޑުތަކުރުފާނާއި އެ އާއިލާއާ ގުޅުން ހުރި ކިތަންމެ އާސާރީ ތަނެއް ހުރި އުތީމުގެ ތާރީހާއި ސަގާފީ ތަރިކަ ނެތިދިއުމާއި އުމްރާނީ އަދި ތަރައްގީގެ ގިނަ މަސްރޫއުތަކާއި ގުޅޭ ގޮތުން ވެސް އަބްދުﷲ ރަޝީދު ވަނީ ގިނަ ވާހަކަ ތަކެއް ސީއެންއެމް އާއި ހިއްސާ ކުރައްވާފަ އެވެ.
އެގޮތުން ރަޝީދު ވާހަކަ ފެއްޓެވީ ވެސް އާބާދީ ކުޑަ އުތީމުގެ ރައްޔިތުންނަށް ސަރުކާރު ތަކުން އަޅާ ނުލާ ދޫކޮށްލައިފަ ވާހަކަ ތަކުން ނެވެ. އެގޮތުން ދައުލަތުގެ އެންމެ އިސްވެރިންވެސް، ސަރުކާރުތަކުގެ ވަޒީރުންވެސް އުތީމަކީ ވަރަށް ހާއްސަ ރަށެއްކަމަށް އަބަދުވެސް ދަންނަ ވާކަމަށެވެ. ނަމަވެސް ރަޝީދު ވިދާޅުވެ ދެއްވީ އުތީމަކީ ރާއްޖޭގެ ތާރީހި އެއްރަށް ކަމަށް ވީ ނަމަވެސް ވޭތުވެދިޔަ އަހަރުތަކުގައި އެރަށަށް މާބޮޑު އިސްކަމެއް ނުދެއްވާކަމުގެ ވާހަކަތަކެވެ.
އުތީމުގެ އާބާދީއަށް ބަލާލައިފިނަމަ ހާއްސަކަމެއް ނެތް ނަމަވެސް އުތީމު ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމުގެ ތެރޭގައި ރަަށްގިރާ މައްސަލަ ހިމެނޭކަމަށް އަބްދުﷲ ރަޝީދު ވިދާޅުވި އެވެ.
އުތީމާ ދޭތެރޭ ކުރިއަށްވުރެއްވެސް ބޮޑު އިސްކަމެއް ދީގެން އެހެން ރަށްތަކާ ތަފާތުނުކޮށް ކަންކަން ކުރެއްވުމަށް ކައުންސިލް ރައީސް ގެ ވާހަކަފުޅުގައި ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.
އުތީމަކީ ވަރަށް ގިނަ އަދަދެއްގެ މީހުން ޒިޔާރަތްކުރައްވާ ރަށެއްނަމަވެސް ރަށުގެ ބަނދަރުގެ ހާލަތު ހުރިގޮތާމެދު ކައުންސިލް ރައީސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން 2013 އިން ފެށިގެން ބަނދަރު ހަދަން ފަށައިފައިވާ ނަަމަވެސް ފެށުނު އިރުގަ ފައިކަށި ހަލާކުވެ، ގިނަ ދުވަސްތަކެއް ފާއިތުވެފައިވާކަމަށް ކައުންސިލް ރައީސް ވިދާޅުވި އެވެ.
އުތީމަކީ ގައުމިއްޔަތުގެ ވިންދޭ ސަރުކާރުތަކުން ބުނާ ނަމަވެސް ރަށުގައި މިސްކިތް މިހާރު ވެސް ހުރީ ވަރަށް ބޮޑަށް ވީރާނާވެ މަރާމާތަށް ބޭނުންވެފައިކަމަށް އަބްދުﷲ ރަޝީދު ވިދާޅުވި އެވެ. އެގޮތުން އެކަމާ ގުޅޭގޮތުން އެކި މަރުހަލާތަކުގައި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް އަންގާފައިވާނެކަމަށްވެސް ރަޝީދު ވިދާޅުވި އެވެ.މީގެއިތުރުން އުތީމަކީ ރާއްޖޭގައި އޮތް އެންމެ ތާރީހީ އެއްރަށް ކަމަށް ފާހަގކުރައްވާ ކައުންސިލް ރައީސް ވަނީ ރަށެއްގެ ރައްޔިތުން ވީއެންމެ ބޮޑު ގުރުބާނީ ވީ އުތީމު ރައްޔިތުން ކަމަށް ވިދާޅުވެފަ އެވެ.
ކައުންސިލް ރައީސް އިތުރަށް ވަނީ މާލެ އަތޮޅު ކުރުނބާ ރިސޯޓު އޮންނަނީ ރަށް ވަށާ ބޮޑު ހިލަ ޖަހާފައިކަމަށް ފާހަގަކުރައްވާފަ އެވެ. ބީޗުވެސް ފެންނަން އޮތްކަމަށާއި އުތީމު ރައްޔިތުންވެސް އެދެނީ އެފަދަގޮތަކަށް ރަށް ހިމާޔަތްކޮށްދެއްވުމަށްކަމަށް ކައުންސިލް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
އުތީމުގެ ޒުވާނުންނަކީ ކުޅިވަަރަށް ލޯބިކުރާ ބަޔެއް ކަމަށާއި ފާއިތުވި އަހަރުތަކުގައި ގޯލްޑަން މުބާރާތުގައި އެންމެ ކާމިޔާބު ޓީމްތަކުގަ އުތީމު ޓީމް ހިމެނޭނެ ކަމަށް ކައުންސިލް ރައީސް ވިދާޅުވި އެވެ. ނަމަވެސް އުތީމުގައި ރަނގަޅު ފެންވަރުގެ ދަނޑުތަކާއި ސްކޫލް ކުދިން ކުޅޭނެ ތަނެއްވެސް ނުހުންނަކަމަށް ކައުންސިލް ރައީސް ވަނީ ހިތާމަޔާ އެކު ފާހަގަކުރައްވާފަ އެވެ.
މީގެ އިތުރުން ނިމުނު ޖެނުއަރީ 13 އިން 18 އަށް ކަމާ ރައީސް މުއިއްޒުގެ ސަރުކާރާއި ގުޅުންހުރި މިނިސްޓްރީތަކަށް ދަތުރުކޮށްފަ ވާނެ ކަމަށް އަބްދުﷲ ރަޝީދު ވިދާޅުވި އެވެ. ހުރިހާ މިނިސްޓްރީތަކަށް އެކަންކަން ހިއްސާކޮށްފައި ވާނެކަމަށާއި ރައީސް މުއިއްޒު މިފަހުން ހއ އަށް ކުރި ދަތުރުގަ އެކަންކަމާ ގުޅޭ ގޮތުން ރައީސް އާ މައުލޫމާތު ހިއްސާކުރައްވާފައިވާނެކަމަށްވެސް ކައުންސިލް ރައީސް ވިދާޅުވި އެވެ.
ތަރައްގީގެ މަޝްރޫއުތަކުގައި ސަރުކާރަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށް އަބަދުވެސް އެދޭ ސިޔާސީ ބައިބައިވުން މަދު އުތީމު ރައްޔިތުންނާއި ކައުންސިލްގެ އުއްމީދަކީ މިދިޔަ އަހަރު ތެރޭ ނުވެ ހުރި ހުރިހާކަމެއް މިސަރުކާރު ތެރެއިން ލިބުންކަމަށްވެސް ކައުންސިލް ރައީސް އަބްދުﷲ ރަޝީދު ވިދާޅުވި އެވެ.
ހާއްސަކޮށް އުތީމުގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކުރެވި ޓޫރިިޒަމުން ނަފާ ރަށަށް ލިބުމަށް އުތީމު ރައްޔިތުން އަބަދުވެސް އެދޭ އެދުން ހާސިލްވުން މުހިއްމެވެ. ސަބަބަކީ 15 ވަރަކަށް މިނެޓުން ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ދެވޭ އުތީމުގައި ޓޫރިޒަމްގެ ވިޔަފާރި ކާމިޔާބު ކަމާއެކީ ކުރެވިދާނެ ކަމަށް އެރަށު ރައްޔިރުން ގަބޫލުކުރެ އެވެ.
ހޮޓާ އަޅަން ބިން ދޫކުރަނީ ބޮޑު ތުނޑިއެއް އޮންނަ އުތީމުގެ އެންމެ ހިތްގައިމު ސަރަހައްދުންނެވެ. ރާއްޖޭގެ ގައުމީ ބަތަލް، އުތީމު ބޮޑުތަކުރުފާނު ދޫނި ހިއްޕެވި ކަމަށް ބުނާ ތުނޑީގައި ހޮޓަލެއް އަޅަން އެ ސަރަހައްދުން 260،000 އަކަފޫޓުގެ ބިމެއް 50 އަހަރަށް ދޭން ނިންމާ އެ ރަށު ކައުންސިލުން މިހާރު ވަނީ ބީލަމަށް ވެސް ހުޅުވާލައިފަ އެވެ.
ހއ. އުތީމަކީ ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރި ޖިހާދުގެ ތިން ބަތަލުން ނިސްބަތްވާ ރަށެވެ. މި ރަށުގެ އެންމެ ހާއްސަ ތަނަކީ ޕޯޗްގީޒުންނާ ދެކޮޅަށް ޖިހާދުކުރެއްވުމުގައި އިސްކޮށް ހުންނެވި ބޮޑުތަކުރުފާނުގެ ގެކޮޅު ކަމަށްވާ "އުތީމު ގަނޑުވަރު" އެވެ. މިއީ 16 ވަނަ ގަރުނުގައި ބިނާކޮށްފައިވާ ތަނެކެވެ.
ގިނަ އަދަދެއްގެ ދިވެހިން ވެސް ޒިޔާރަތްކުރާ އަދި ފަތުރުވެރިންގެ މެދުގައި މަގުބޫލުކުރެވިދާނެ އުތީމަކީ "ހެރިޓޭޖް ޓޫރިޒަމަށް" ފައްކާ ކުރެވިދާނެ ރަށެކެވެ. ކުރިން އަރައިފޭބުން އުނދަގޫ ރަށުގައި މިހާރު ވަނީ ޒަމާނީ ބަނދަރެއް ވެސް ހަދައިފަ އެވެ. އުތީމު ރައްޔިތުން މިހާރު އެދެނީ ޓޫރިޒަމުން "ރަށަށް ދިރުން" ލިބުމެވެ.