ads
އެއާޕޯޓްގެ މަސައްކަތް ހުއްޓާލުމުން ފ. މަގޫދޫގައި އިއްޔެ ކުރި މުޒާހަރާގެ ތެރެއިން. / ފޮޓޯ: އީޝަލް-ފޭސްބުކް
ނިލަންދޫ އެއާޕޯޓްގެ މަސައްކަތް ފެށީ އީއައިއޭ ފުރިހަމަނުކޮށް : އެމްޑީޕީ
ފ. ނިލަންދޫގައި އަވަސްއަރުވާލައިގެން އެއާޕޯޓް މަސައްކަތް ފެށީ އީއައިއޭ މަރުހަލާ ފުރިހަމަނުކޮށް ކަމަށް އިދިކޮޅޫ އެމްޑީޕީން ބުނެފިއެވެ.
Advertisement

މަގޫދޫ އެއާޕޯޓް ހުއްޓާލާ ނިލަންދޫ އެއާޕޯޓް ގެ މަސައްކަތް ފެށި މައްސަލާގައި އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުގައި 2022 ވަނަ އަހަރު ތަރައްގީކުރަން ފެށި މަގޫދޫ އެއާޕޯޓްގެ މަސައްކަޔް މި ސަރުކާރުން ހުއްޓާލީ އެ މަސައްކަތް ފަށާ އަހަރެއްހާ ދުވަހުގެ ތެރޭގައި މަސައްކަތުގެ ބޮޑުބައެއް މިދިޔަ ސަރުކާރުން ނިންމާފައިވާ ވަނިކޮށް ކަމަށެވެ. އަދި މި ސަރުކާރުން ސިޔާސީ ބޭނުމަށް ރައީސް ޑރ. މުއިއްޒުގެ ކޮއްކޯފުޅު ރައްޔިތުންގެ މަޖިލިސް އިންތިހާބު ކާމިޔާބުކުރުމަށްޓަކައި އެއްކޮށް ހުއްޓާލާފައިވާތީ އެކަމާ ނުހަނު ކަންބޮޑުވެ, އެކަން ކުށްވެރިކުރާކަމަށްވެސް އެމްޑީޕީގެ ބަޔާނުގައިވެއެވެ. 

" ދައުލަތުގެ ވަޞީލަތްތައް އެއްވެސް ރޭވުންތެރިކަމެއްނެތި ބޭނުންކުރުމަށް, ތަރައްގީއަށް ހުރަސްއެޅޭގޮތަށް ބަދަލުކުރަމުން ދިއުމަކީ މިޕާޓީއިން ނުހަނު ކަންބޮޑުވާކަމަކަށް ވީހިނަދު މިޕާޓީން މިއަދުގެ ސަރުކާރަށް މިފަދަ ކަންކަން ނުކުރުމަށް ގޮވާލަމެވެ. އަދި މިކަމުން ދައުލަތުގެ މާލިއްޔަތަށާއި ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ވަރަށް ބޮޑަށް ގެއްލޭނެފަދަ ކަމެއްކަން ފާހަގަކުރަމެވެ." އެމްޑީޕީގެ ބަޔާނުގައިވެއެވެ.

އެމްޑީޕީން ބުނީ ފ. މަގޫދޫގައި އަޅާ އެއާޕޯޓްގެ މަސައްކަތުގެ %70 މިދިޔަ ސަރުކާރުގައި ނިންމާފައިވާކަމަށެވެ. އަދި އެއާޕޯޓްގެ ފަޔާރ ބިލްޑިންގެ މަސައްކަތް ނިމި ޕެސެންޖަރު ޓާމިލަން ސްޓްރަކްޗާގެ މަސައްކަތް ވެސް ނިންމާ ފިނިޝިންގެ މަސައްކަތްވެސް 15 ނޮވެމްބަރ 2023 ހަމަޔަށް ފަށައިފައިވާކަން އެމްޑީޕީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. 

އެމްޑީޕީން ބުނީ މަގޫދޫ އެއާޕޯޓްގެ މަސައްކަތް ހުއްޓާލާ އަވަސްއަރުވާލައިގެން ނިލަންދޫ އެއާޕޯޓްގެ މަސައްކަތް މި ސަރުކާރުން ފެށީ އީއައިއޭގެ މަރުހަލާ ފުރިހަމަނުކޮށްކަމަށެވެ. އަދި މީ ރައީސް ޑރ. މުއިއްޒުގެ ކޮއްކޯފުޅު އަދި ޕީއެންސީގެ ކެނޑިޑޭޓު ފާތުމަތު ސައުދާއަށް އިންތިޚާބު ކާމިޔަބުކޮށްދިނުމަށް ކުރި ކަމެއްކަމަށާއި ދައުލަތުގެ ހަޒާނާއިން އިސްރާފުކުރުން މިދިޔަ 5 އަހަރު ފޮހެލާފައިވާކަމަށްވެސް އެމްޑީޕީގެ ބަޔާނުގައިވެއެވެ. 

"މިއީ ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކޮށް, ފާފުއަތޮޅާއި ރާއްޖޭގެ ތަރައްގީއަށް ކަނޑައެޅިގެން ގެއްލުންވާގޮތަށް ދައުލަތުގެ ހަޒާނާއިން އިސްރާފުކުރުންކަން ފާހަގަކޮށް އެކަން ހަރުއަޑުން ކުށްވެރިކުރަމެވެ. މިފަދަ ކަންކަމަކީ ދިވެހި ދައުލަތް ހިންގުމުގެ ތެރެއިން މިދިޔ 5 އަހަރު ފޮހެލެވިފައިވާ ކަންކަން އަލުން އިއާދަވުންކަން ހިތާމައާއެކު ފާހަގެކުރަމެވެ." އެމްޑީޕީގެ ބަޔާނުގައިވެއެވެ.

ސަރުކާރުން ހުރިހާ އުސޫލުތަކާ ހިލާފަށް މަޝްރޫއުތައް ސިޔާސީ ބޭނުމަކަށް ބަދަލުކުރުން ވަގުތުން ހުއްޓާލުމަށާއި ފ. މަގޫދޫގެ އެއާޕޯޓު މަސައްކަތް ވަގުތުން ވަގުތަށް ފެށުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ. އަދި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ 20ވަނަ ދައުރުގައި މިފަދަ ތަރައްޤީގެ މަޝްރޫއުތައް މިގޮތަށް ބަދަލުކުރުމާ ހުއްޓާލުން ޤާނޫނީ ގޮތުން މެދު ނުކެނޑި ކުރިއަށް ގެންދެވޭނެ ޤާނޫނީ ހައްލެއް ހޯދައިދޭނެކަމުގެ ޔަޤީންކަން ދޭކަމަށްވެސް އެމްޑީޕީން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް