ސްޓެލްކޯއާ އެންމެ ފަހުގެ ރަނަރަޕް ދަ ގްރާންޑޭ ސްޕޯޓްސް ކުލަބުން ގްރޫޕް ބީގައި ކުޅުނު މެޗު ނިމުނީ ދޭއް ދޭކުން އެއްވަރުވެގެންނެވެ.
މި މެޗަށް ނުކުތް އިރުވެސް ދަ ގްރާންޑޭއަށް އޮތީ ސެމީގެ ޖާގަ ކަށަވަރުވެފައެވެ. އެކަމަކު މެޗުގެ ނަތީޖާއާއެކު އެ ޓީމަށް ލިބުނީ އެއްވަނަ އެވެ. އެއީ 10 ޕޮއިންޓް ހަމަކޮށްގެންނެވެ. މި ގްރޫޕުގެ ދެވަނައަށް ދިޔަ މުއިވެޔޮ ފްރެންޑްސްއަށް ހަތަރު މެޗުން ލިބުނީ ނުވަ ޕޮއިންޓެވެ.
މި ނަތީޖާއާއެކު އަންނަ ބުރާސްފަތި ދުވަހު ކުޅޭ ސެމީ ފައިނަލް ދެވަނަ މެޗުގައި ދަ ގްރާންޑޭ ނުކުންނާނީ ގްރޫޕް އޭގެ ދެވަނައަށް ދިޔަ އެންމެ ފަހުގެ ޗެމްޕިއަން ހުޅުމާލެ ވެޓެރަންސް ކުލަބާ ދެކޮޅަށެވެ. ސެމީ ފައިނަލް ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މުއިވެޔޮ އާއި ގްރޫޕް އޭގެ އެއްވަނަ ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އެވެ.