ads
ރައީސް ޑރ. މުހައްމަދު މުއިއްޒު- ފޮޓޯ: ޕީޕީއެމް
ހުރިހާ ބާރެއް އޮވެ، އެމްޑީޕީ އަށް މާލެ އަށް ކޮށްދެވުނު ކަމެއް ނެތް: ރައީސް
އެމްޑީޕީގެ ވެރިކަމެއް އޮވެ އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެ ޕާޓީގެ އަތުގައި އޮވެގެން ވެސް މާލެ އަށް ކޮށްދެވުނު ކަމެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މި މަހުގެ 21ގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން މައްޗަން ގޮޅި އުތުރަށް ވާދަކުރައްވާ އިބްރާހިމް މުހައްމަދުގެ ކެމްޕޭނު ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެމްޑީޕީގެ ފަސް އަހަރުގެ ވެރިކަމާއި މަޖިލިސް މެޖޯރިޓީ ދީގެން ނިމެމުންދާ ފަސް އަހަރު ވެސް އެއްވެސް ކަމެއް ނުވި ކަމަށެވެ.

މާލޭގެ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ދޭން ކުރީ ސަރުކާރުން މަސައްކަތް ފެށީ ރިޔާސީ އިންތިހާބު ގާތްވުމުން ކަމަށާއި ނަމަވެސް ރައްޔިތުން ނިންމީ އެމަނިކުފާނު ފްލެޓާއި ގޯތި ދެއްވާނެ ކަމަށް ވެވަޑައިގެންނެވި ވައުދަށް އިތުބާރުކުރަން ކަމަށް ރައީސް ވިދާޅުވި އެވެ.

"ވައުދުވެގެން މާލޭގެ ރައްޔިތުން އެމްޑީޕީ އަށް ބޮޑުތަނުން ވޯޓުދީގެން އެމްޑީޕީގެ ސަރުކާރެއް ހޮވީ. ހޮވައިގެން ވީ ގޮތް އަޅުގަނޑުމެން ހަނދާނަށް ގެންނަން މި ޖެހެނީ. ދިޔައީ އެއްކަމެއް ވެސް ނުވެ. ދެން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އައީ. އެ އިންތިހާބުގައި ވެސް ހަމަ މެޖޯރިޓީ ދިނީ. ދިނީމާ ވެސް އެކަން ނުވެގެން އެތައް ދުވަހެއް ދިޔައީ." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި އެ ޕާޓީ އަށް މަޖިލީހުގެ ސުޕަ މެޖޯރިޓީދީ، ސަރުކާރު ދިނުމުން ވެސް މާލޭ ރައްޔިތުންނަށް އެންމެ މުހިއްމުވި ކަންތަކަށް އިސްކަން ނުދީ އެތައް މަހެއް، އެތައް އަހަރެއް ވޭތުކޮށްލި ކަމަށެވެ.

ރައީސް ވިދާޅުވީ ކުރީ ސަރުކާރުގައި ގެދޮރުގެ މައްސަލަ އަށް އެއްވެސް ހައްލެއް ގެނެވިފައި ނުވާ ކަމަށާއި ނަމަވެސް މި ސަރުކާރުން އެ މައްސަލަ އަށް ހައްލެއް ގެނައުމަށް ވެރިކަމުގެ ފުރަތަމަ މަހުން ފެށިގެން ވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ރައީސް ވަނީ ރަސްމާލޭ ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތަށް އަލިއަޅުއްވާލައްވާފަ އެވެ.

އަމިއްލަ ގޯތީގައި ގެދޮރު އިމާރާތް ކުރުމަށް، ފަސް ޕަސަންޓަށް ވުރެ އިންޓްރަސްޓް ބޮޑުނުވާ ގޮތަށް ދޫކުރާ ގެދޮރުގެ ލޯނުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި، ގެދޮރުގެ މައްސަލަ ހައްލު ކުރެއްވުމަށް އަލަށް އެތައް ކަންތައްތަކެއް ކުރެއްވުމަށް ވައުދުވެވަޑައިގެންނެވި ކަމަށެވެ. އަދި 2028 ވަނަ އަހަރަށްދާއިރު ގެދޮރުގެ މައްސަލަ ހައްލު ނުވެ ހުރި އެކަކުވެސް ނުހުންނާނެ ކަމަށް ވެސް ރައީސް ވަނީ މީގެކުރިން ވިދާޅުވެފަ އެވެ.

ހުޅުމާލޭން ދޫކޮށްފައިވާ ގޯތިތައް އިމާރާތް ކުރުމުގެ ހުއްދަ ވަރަށް އަވަހަށް ދެއްވާނެ ކަމަށް ވެސް ރައީސް ރޭ ވިދާޅުވި އެވެ. މިހާރު ކުރިއަށް ދަނީ މަގުތަކަށް އަރާފައި ހުރި ގޯތިތަކުން މަގަށް އަރާބައި ނެގުމުގެ މަސައްކަތް ކަން ރައީސް ފާހަގަ ކުރެއްވި އެވެ.

ރައީސް ވިދާޅުވީ ކުރީ ސަރުކާރުގައި ގެދޮރުގެ މައްސަލަ އަށް އެއްވެސް ހައްލެއް ގެނެވިފައި ނުވާ ކަމަށާއި ނަމަވެސް މި ސަރުކާރުން އެ މައްސަލަ އަށް ހައްލެއް ގެނައުމަށް ވެރިކަމުގެ ފުރަތަމަ މަހުން ފެށިގެން ވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެމަނިކުފާނު ބޭނުންފުޅުވަނީ ދައުރު ނިމޭއިރު ގެދޮރުގެ މައްސަލަ އަށް ހައްލެއް ގެނައުން ކަމަށްވެސް ވިދާޅުވި އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް