ads
ސްޕޯޓްސް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
ޒުވާނުންގެ މަރުކަޒުތައް މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ނިންމި ނިންމުން ބާތިލްކޮށްފި
ރަށްރަށުގައި ހިންގާ ޒުވާނުންގެ މަރުކަޒުތައް ސްޕޯޓްސް މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ނިންމި ނިންމުން ބާތިލްކޮށްފި އެވެ.
Advertisement

ސްޕޯޓްސް މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނީ ރަށް ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ކުޅިވަރުން ފުރުސަތުތައް ހޯދައިދީ، ރައްޔިތުން ބާރުވެރިކުރުވައި، ކުޅިވަރު ތަރައްގީކުރުމުގެ މުހިންމު ދައުރެއް އަދާކުރަމުން އަންނަ ޒުވާނުންގެ މަރުކަޒުތައް މިނިސްޓްރީގެ ދަށަށް ނަގަން ނިންމީ މިދިޔަ މަހުގެ 15 ގައި ކަމަށެވެ. މިކަން މިގޮތަށް ކުރަން ނިންމީ ޒުވާނުންގެ މަރުކަޒުތަކަށް އަޅާނުލެވި، ބޭނުންނުކުރެވޭ ވަރަށް ހަލާކުވެ ވީރާނާވެފައިވާތީ އެތަންތަން މަރާމާތުކޮށް އަލުން ރައްޔިތުންނަށް ހިދުމަތްދެވޭ ފެންވަރަށް ގެންދިޔުމުގެ މަގުސަދުގައި ކަމަށެވެ.

އެކަމަކު، ސްޕޯޓްސް މިނިސްޓްރީގެ ނިންމުން ބާތިލްކުރީ، ޒުވާނުންގެ މަރުކަޒުތައް މަރާމާތުކުރަން ބައެއް ކައުންސިލްތަކުން ގިނަ މަސައްކަތްތަކެއްކޮށް، ބޮޑެތި ހަރަދުތަކެއް ކުރަމުން އަންނާތީ، އެކަން އެގޮތަށް ބަދަލު ކޮށްދިނުމަށް ކައުންސިލްތަކުން އެދެމުން އަންނާތީ އެވެ.

މި ވަގުތު 41 ރަށެއްގެ ޒުވާނުންގެ މަރުކަޒު ހުރީ ކައުންސިލްތަކުގެ ބެލުމުގެ ދަށުގަ އެވެ. މި ހުރިހާ ޒުވާނުންގެ މަރުކަޒުތަކެއްގެ ކަންކަން އަނެއްކާވެސް ބަލަހައްޓާނީ ކައުންސިލްތަކުންނެވެ. 

ޒުވާނުންގެ މަރުކަޒުތައް ނަގަން ނެރުނު ސާކިއުލާ މިއަދު ބާތިލުކުރި އިރު، އެ ސާކިއުލާ ނެރުމާ އެކު ބައެއް ކައުންސިލްތަކުން ބުނީ އެއީ ގާނޫނާ ހިލާފު ސާކިއުލާއެއް ކަމަށެވެ. އެ ގޮތަށް ކަނޑައެޅި އެއް ކައުންސިލަކީ އައްޑޫ ސިޓީ ކައުންސިލެވެ.

ސާކިއުލާ އަށް އަމަލުނުކުރަން އައްޑޫ ސިޓީ ކައުންސިލަށް މިއަދު ހުށަހެޅި ކުއްލި މައްސަލާގައި ތުހުމަތުކޮށްފައިވާ ގޮތުން އެ ސާކިއުލާ އަކީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 40 ވަނަ މާއްދާގެ (ހ)ގެ ނުވަ ވަނަ ނަމްބަރާ ހިލާފު ސާކިއުލާ އެކެވެ. އަދި އެއީ ގާނޫނު އަސާސީގެ 64 ވަނަ މާއްދާގައި ބަޔާންކޮށްފައި ވާ ފަދަ ގައިރުގާނޫނީ އަމުރެއް ކަމަށް ވެސް އެ މައްސަލާފައި ބުންޏެވެ.

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ އަމާޒަކީ ޒުވާނުންގެ މަރުކަޒުތައް މަރާމާތުކުރުމަށް ބޭނުންވާ ފައިސާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައި، މަރުކަޒުތައް އަލުން ހިދުމަތްދެވޭ ފެންވަރަށް މަރާމާތުކުރުމެވެ. އަދި ޒުވާނުންގެ މަރުކަޒުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެކަށީގެންވާ ތަމްރީން ދިނުމުގެ މަސައްކަތްވެސް ކައުންސިލްތަކާ ގުޅިގެން ކުރިއަށް އޮތް ދުވަސްތަކުގައި ކުރެވޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް