އޭނާ ސަސްޕެންޑްކޮށްފައިވަނީ އެމްއެމްޕީއާރުސީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއްގައެވެ. މި މައްސަލަ ސޯޝަލް މީޑިއާގައި ފެންމަތިވުމުން އެމްއެމްޕީއާރުސީން ވަނީ މައްސަލައިގެ ތަހުގީގެއް ފަށާފައެވެ.
އެމްއެމްޕީއާރުސީ ނެރުނު ބަޔާނެއްގައި ބުނީ މި މައްސަލަ އެތަނުގެ ސަމާލުކަމަށް އައީ ސޯޝަލް މީޑިއާއިން ކަމަށާއި އެއްވެސް މުވައްޒަފަކު މިކަހަލަ މައްސަލައެއް ހުށައަޅާފައި ނުވާކަމަށެވެ. އެހެންނަމަވެސް އެކަމުގެ ސައްހަކަން ކަށަވަރުކުރުމަށާއި މެނޭޖްމަންޓުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޑިސިޕިލިނަރީ ކޮމެޓީން އެ މައްސަލަ ތަހުގީގުކުރަން ފަށާފައިވާކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. އަދި ތަހުގީގަށް ފަހު އެކަމުގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.
ސޯޝަލް މީޑިއާގައި ފެންމަތިވެފައިވާ ގޮތުން އެމްއެމްޕީއާރުސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ހުރި ބައްސާމް ވަނީި އެތަނުގެ ބައެއް މުވައްޒަފުންނަށް ޖިންސީ ފުރައްސާރަކޮށްފައެވެ. އަދި މިކަން ހިންގާފައިވަނީ ޖަރުމަނުގައި އެންމެ ފަހުން އޮތް ބާލިން ފެއާއަށް ކުރި ދަތުރުގައިކަމަށާއި ޖިންސީ ނިޔަތް އޮވެގެން ބައެއް މުވައްޒަފުންގެ ގައްޔަށް އަތްލާފައިވާކަމަށްވެސް ވެއެވެ.
މީގެތެރެއިން ބައެއް މުވައްޒަފުން އެތަނުން ވަކިވެފައިވާކަމަށްވެސް ބުނެއެވެ.