ނަތަންޔާހޫގެ އިންޒާރު މިގޮތަށް މިއައީ ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމަށް ބެލެވޭ ނޫސް އޭޖެންސީތައް ބަންދުކުރުމުގެ ބާރު އިސް ވަޒީރުންނަށް ދޭން އިސްރާއީލުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރުމުންނެވެ.
ހަތްދިހަ ވޯޓުން ފާސްކުރި އެ ގާނޫނުގައި އިސްރާއީލުގައި ހިންގާ ބޭރުގެ ނެޓްވޯކްތައް ބަންދުކުރުމަށް އަމުރުކޮށް، އެތަންތަނުގެ ސާމާނު އަތުލުމުގެ ބާރު ބޮޑުވަޒީރާއި މުއާސަލާތީ ކަންކަމާބެހޭ ވަޒީރަށް ދީފައިވެއެވެ. އެ ގާނޫނާ ދެކޮޅު ހެދީ 10 މެމްބަރުންނެވެ.
ނަތަންޔާހޫގެ މި ވާހަކައާ އެކު އެމެރިކާގެ ވައިޓް ހައުސް އިން ވަނީ "މިއީ ތެދެއް ނަމަ، މިއީ ކަންބޮޑުވުމެއް" ކަމަށް ބުނެފަ އެވެ.
އިސްރާއީލުގެ ގާނޫނުހަދާ މަޖިލީހުން އެ ގާނޫން ފާސްކޮށްފައި ވަނީ ލުބުނާނުގެ ނޫސް އޭޖެންސީ، އަލް މަޔާދީން ހުއްޓައިލާނެ ކަމަށް އިސްރާއީލުން ބުނިތާ ފަސް ވަރަކަށް މަސް ފަހުންނެވެ.
އޮކްޓޫބަރު ހަތް ވަނަ ދުވަހު ޣައްޒާގައި ހަނގުރާމަ ފެށި ފަހުން އިސްރާއީލު ސަރުކާރުން ވަނީ ހަނގުރާމައިގެ ގަވާއިދުތަކެއް ފާސްކޮށް، ކޯޓުތަކުގެ ރުހުމާއެކު ގައުމީ މަސްލަހަތަށް ނުރައްކާވާ ކަމަށް ބެލެވޭ ބޭރުގެ މީޑިއާތައް ވަގުތީ ގޮތުން ބަންދުކުރުމުގެ ހުއްދަ ދީފައެވެ.
އިޒްރޭލުން ބުނާ ގޮތުގައި ޖެނުއަރީ މަހު ވައިގެ މަގުން ހަމަލާދީ މަރާލި އަލް ޖަޒީރާގެ މުވައްޒަފަކާއި އެ ޗެނަލް އަށް މަސައްކަތްކޮށްދޭ ފްރީލާންސް ނޫސްވެރިޔާ އަކީ ވެސް ޓެރަރިސްޓް ހަރަކާތްތައް ހިންގާ ދެ މީހުންނެވެ. އަދި ޖެހިގެން އައި މަހު އިޒްރޭލުން އަލް ޖަޒީރާގެ ނޫސްވެރިޔަކަށް ހަމަލާދީ ޒަހަމްކޮށްލާފައި ވާއިރު އޭނާ އަކީ ހަމާސްގެ "ޑެޕިއުޓީ ކޮމްޕެނީ ކޮމާންޑަރެއް" ކަމަށް ވެސް އިޒްރޭލުން ބުންޏެވެ.
ހަމަލާތަކުގެ ސަބަބުން އިންސާނީ އެހީތެރިކަމަށް ބޭނުންޖެހިފައިވާ ގާޒާގެ 2.3 މިލިއަން މީހުންނަށް އެހީ ފޯރުކޮށްދިނުން ވެސް އިސްރާއީލުން އޮތީ ހުއްޓުވައިފަ އެވެ. ޔަހޫދީންގެ އުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 32,705އަށް އުފުލިފަ އެވެ. ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރެއިން 25,000އަކީ އަންހެނުންނާއި މައުސޫމު ކުޑަކުދިން ކަމުގައި އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން ދާދި ފަހުން ވިދާޅުވެފައިވެ އެވެ. އަދި, މި އުދުވާނުގައި ޒަހަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 75,190އަށް އުފުލިފަ އެވެ.
މި ވާހަކަތަށް ފޮރުވުމެއްނެތި އަލް ޖަޒީރާއިން ދުނިޔެއަށް ހާމަކުރަން ފެށުމުން، އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ގާޒާގައި ކުރަމުންދާ ހަނގުރާމައިގައި އަލް ޖަޒީރާގެ ގިނަ އަދަދެއްގެ ނޫސްވެރިންނާއި އެ މީހުން އާއިލާތައް ވަނީ ޝަހީދުކޮށްލައިފަ އެވެ.