ވަޒީރު އާދަމް ޝަރީފް މިދިޔަ ޖެނުއަރީމަހުގެ 20 ވަނަދުވަހު ވިދާޅުވީ ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާން މަރާމާތުކުރުމަށްފަހު މި ރޯދަމަހަށް ހުޅުވާނެކަމަށެވެ.
ފެންއަރުވާ ވަޑާމާ ގުޅޭގޮތުން އަނެއްކާވެސް އާދަމް ޝަރީފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަލާކުވެ ވީރާނާ ވަމުންދިޔަ ފެން އަރުވާ ވަޑާން ރައީސް މުއިއްޒުގެ ހާއްސަ އެދިވަޑައިގަތުމަށް މަރާމަތުކުރަމުން އަންނަކަމަށެވެ. އަދި އެ މަސައްކަތް ނިންމާ އަންން ބުދަދުވަހަށް (ކުޑަ އީދަށް ) އެތަން އަލުން ހުޅުވުމުގެ މަސައްކަތް ވަރަށް ބާރަށް ކުރަމުން އަންނަކަމަށެވެ.
މި ފެންއަރުވާ ވަޑާން ހުޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އޭރު މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވީ ހައުސިން މިނިސްޓަރުގެ މަގާމުގައެވެ.
ޖުމްހޫރީ މައިދާނަށް ބަދަލުތަކެއް ގެނެސް އެތަނުގައި ފެން އަރުވާ ވަޑާމެއް ހަދާ ހުޅުވީ ރާއްޖެއަށް މިނިވަންކަން ލިބުންތާ 50 އަހަރު ފުރުން ފާހަގަކުރުމުގެ މުނާސަބަތުގައި ކުރިޔަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިންނެވެ.
އެމްޓީސީސީން 5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ މި ފެންއަރުވާ ވަޑާމަކީ 28 މީޓަރު ފުޅާ އަދި 28 މީޓަރު ދިގު ތަނެކެވެ. މޮނިއުމެންޓް އޮފް ޔުނިޓީ ދައްކުވައިދޭ ބިނާއެއްގެ ގޮތުގައި މިތަން ހަދާފައިވަނީ އެތަނަށް އެރި ފެނުގެ ތެރޭގައި ކުޑަކުދިންނަށް ކުޅެލަން ފުރުސަތު ލިބޭ ގޮތަށެވެ.