މެޓް އޮފީހުން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން މިއަދު މެންދުރުފަހު 2:00 ގައި ހުޅުލެ އަށް އިހުސާސް ކުރެވޭ ހޫނުމިން ހުރީ 46 ޑިގްރީ ސެލްސިއަސްގަ އެވެ. ލ. ކައްދޫގައި އިހުސާސް ކުރެވޭ ހޫނުމިން 40.8 ޑިގްރީ ސެލްސިއަސްގައި ހުރިއިރު ހަނިމާދޫގެ ހޫނުމިން މިއަދު އެ ގަޑީގައި 40.7 ޑިގްރީ ސެލްސިއަސް އަށް އެރި ކަމަށް މެޓް އޮފީހުން ބުނެ އެވެ.
މި ދުވަސްވަރު ރާއްޖޭގެ އަސްލު ހޫނުމިން ހުރީ އެވްރެޖުކޮށް 30 ޑިގްރީ ސެލްސިއަސް އާއި 34 ޑިގްރީ ސެލްސިއަސްއާ ދެމެދުގަ އެވެ.
ކޮންމެ އަހަރެއްގެ ވެސް މާޗު އަދި އޭޕްރީލް އަކީ ރާއްޖެއަށް އެންމެ ހޫނުވާ މަސްތައް ކަމަށް ވާއިރު، ކޮންމެ ދުވަހަކު ވެސް އެންމެ ހޫނު ގަދަ ވާނީ މެންދުރު ފަހު 2:00 ގައި ކަމަށް ވެސް މެޓް އޮފީހުން ބުނެފައިވެ އެވެ.
މި ދުވަސްވަރު ހޫނުވާ މިންވަރު އިތުރުވަނީ މި ދުވަސްވަރު ވައި މަޑުވުމާއި އޭގެ ސަބަބުން ވައިގެ ތެއްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުން ވައިގެ ހޫނުމިނަށް ވުރެ އިހްސާސް ކުރެވޭ ހޫނުމިން އެތައް ގުނައެއް މަތިވާތީ ކަމަށް މެޓް އޮފީހުން ބުނެ އެވެ. މިއީ އާންމުކޮށް ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރެވެ.
މީގެއިތުރުން މިއަހަރަކީ ވެސް އެލްނީނޯ އަހަރެއް ކަމުން ހޫނުމިން އިތުރަށް މަތިވުމުގެ ފުރުސަތު އޮތް ކަމަށް ދުނިޔޭގެ މޫސުމާ ބެހޭ ޖަމިއްޔާ އިން ވެސް ވަނީ ލަފާކޮށްފަ އެވެ.