ads
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ މުވައްޒަފުން - ފޮޓޯ: ވަގުތު
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަށް 55 މުވައްޒަފުން ހޯދަނީ
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަށް 55 މުވައްޒަފުން ހޯދަން އިއުލާންކޮށްފި އެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އެ ވަޒީފާއަށް ހޮވޭ މީހުން މަސައްކަތްކުރަން ޖެހޭނީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ސެކިއުރިޓީ ބަލަހައްޓަމުން ގެންދާ އެއާޕޯޓު ތަކުގައި ކަމަށެވެ.

އެ މަގާމަށް ހޮވާ މީހުން ޝަރުތުތަކުގެ ތެރޭގައި ސާނަވީ އިމްތިހާނުން ދެ މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއި، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުން "ދިވެހި" މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން ނުވަތަ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ތިނެއްގެ ސަނަދެއް ހާސިލްކޮށްފައިވުން ހިމަނާފައިވެ އެވެ.

މީގެއިތުރުން އުމުރުން 18 އަހަރާ 35 އަހަރާ ދެމެދުގެ ދިވެހި ރައްޔިތެއް ކަމުގައިވުމަކީ ވެސް މަގާމުގެ ޝަރުތެކެވެ. އަދި ކުރިމަތިލާ ފަރާތަކީ އިސްކޮޅުގައި ފަސް ފޫޓް ހުންނަ، ފުރިހަމަ ސިއްހަތެއްގައި ހުރި ފަރާތަކަށް ވާން ޖެހޭނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމަންޑުންގެ ބޭސިކް މުސާރައެއް ގޮތަށް ކަނޑައަޅާފައިވަނީ 5920 ރުފިޔާ އެވެ. އަދި ސާވިސް އެލަވެންސްގެ ގޮތުގައި 1500 ރުފިޔާގެ އިތުރުން އިތުރު އެލަވެންސްތައް ވެސް ލިބޭނެ ކަމަށް އިއުލާނުގައި ވަނީ ބުނެފަ އެވެ.

މަގާމަށް ޝަރުތުހަމަވާ ފަރާތްތަކުން ފޯމު ހުށަހަޅަން ޖެހޭނީ މި މަހުގެ 18 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ހުޅުލޭގައި ހުންނަ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ހެޑްކުއާޓާސްއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް މެދުވެރިކޮށް ވެސް ބަލައިގަންނާނެ ކަމަށް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް