ads
އިންޓަނޭޝަނަލް ބަންކަރިން ޕްރޮޖެކްޓުގެ ޓާމް ޝީޓުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: އެސްޓީއޯ
އިހަވަންދިއްޕޮޅު ބަންކަރިން ޕޯޓު ތަފާތު ވަނީ ރާއްޖެ އޮތް ސަރަހައްދުގެ ގޮތުން: މިނިސްޓަރު
އިހަވަންދިއްޕޮޅު ބަންކަރިން ފެސިލިޓީއާއެކު ރާއްޖެއަކީ ބަންކަރިންގެ މަގުބޫލު މަންޒިލަކަށްވާނެކަމަށާއި އިހަވަންދިއްޕޮޅު ބަންކަރިން ޕޯޓު ތަފާތު ވަނީ ރާއްޖެ އޮތް ސަރަހައްދުގެ ގޮތުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސައީދު މިފަދައިން ވިދާޅުވީ، ތުރުކީގެ "ޓީއާރުޓީ ވޯލްޑް" ނޫހަށް ދިން އިންޓަވިއުއެއްގައި އެވެ. 

ބަންކަރިން ހިދުމަތަކީ ކަނޑު ބޯޓުތަކާއި އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދިނުމެވެ. ބޯޓް ފަހަރު އާއްމުކޮށް ދަތުރުކުރާ ސަރަޙައްދުތަކުގައި އެފަދަ ހިދުމަތެއް ފެށިއްޖެނަމަ ބޯޓް ފަހަރު އެތަންތަނަށް މަޑުކޮށް ތެޔޮ އަޅައިހަދައެވެ. މިގޮތަށް ތެޔޮ ވިއްކުމަކީ ރަނގަޅު ފައިދާއެއް ލިބޭ ހިދުމަތެކެވެ.

ސައީދު ވިދާޅުވީ މި މަސައްކަތުގައި ދުނިޔޭގެ ގަދަ 10 ގައި ހިމެނޭ އެއް ކުންފުންޏަކާއެކު ބޮޑުތިލަދުންމަތީގައި ބަންކަރިންގެ ހިދުމަތް ފެށުމަށް މަޝްވަރާ ކުރާނެކަމަށެވެ. އަދި ކުރިއަތް އޮތް ދެ މަހެއްހާ ދުވަހުން މަސައްކަތްކޮށް އަންނަ ޖުލައި މަހު ބަންކަރިންގެ ވިޔަފާރި ބޮޑު ތިލަދުންމަތީގައި ފެށިގެން ދާނެކަމަށެވެ.

ރާއްޖެ އޮންނަ ލޮކޭޝަންގެ ގޮތުން އިހަވަންދިއްޕޮޅު ކައިރިން ދުވާލަކު 300އަށް ވުރެ ގިނަ އާގު ބޯޓު ދަތުރުކުރެ އެވެ. ނަމަވެސް މި ސަރަހައްދުގައި އެ ބޯޓުފަހަރަށް ހިދުމަތްތައް ދެވޭނެ މާ ގިނަ ގޮތްތަކެއް ނޯވެ އެވެ. ސައީދު ވިދާޅުވީ ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ "ވިޓޯލް" އިން މި މަސައްކަތް ކުރިއަށް ގެންދާނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ. ރާއްޖެއަކީ ކަނޑު އޮންނަ ގައުމަކަށް ވުމުން މި ފިޔަވަހީގައި ޕޯޓުގެ އެއްވެސް އިންފްރާންސްޓްރަކްޗާ މަސައްކަތެއް ކުރަން ނުޖެހޭނެ ކަމަށް ސައީދު ވިދާޅުވި އެވެ. ދެވަނަ ފިޔަވައްސަކީ ޕޯޓުގެ ކޮންސްޓްރަކްޝަން މަަސައްކަތްތަކެވެ.

ސައީދު ވިދާޅުވީ، ރާއްޖޭގައި މި ގާއިމްކުރާ ފަދަ ޕޯޓެއް ސިންގަޕޫރު އަދި ސްރީލަންކާ ފަދަ އަވައްޓެރި ގައުމުތަކުގައި އެބަ ހުރި ކަމަށެވެ. އަދި މި ޕޯޓުތަކުން ދެނީ ވެސް އެއް ހިދުމަތެއް ކަމަށާއި ނަމަވެސް، ރާއްޖޭގައި ގާއިމް ކުރާ ޕޯޓު ތަފާތު ވަނީ ރާއްޖެ އޮތް ސަރަހައްދުގެ ގޮތުން ކަމަށް ސައީދު ވިދާޅުވި އެވެ. 

"ރަނގަޅު ބަޔަކާއެކު ޕާޓްނާ ވެވިއްޖެ ނަމަ އަޅުގަނޑުމެން ގަބޫލު ކުރަނީ ބަންކަރިންއަށް ރަނގަޅު މާކެޓްތަކެއް ލިބޭނެ ކަމަށް. މީކީ މިފަދަ އެހެން ގައުމުތަކާ ވާދަ ކުރުމުގެ ނިޔަތުގައި ކުރާ ކަމެއް ނޫން. މިއީ ރާއްޖޭގެ އިގްތިސޯދަށްޓަކާ ކުރާ ކަމެއް،" ސައީދު ވިދާޅުވި އެވެ.

ސަޢީދު ވިދާޅުވީ ބަންކަރިންގެ ހިދުމަތް ދިނުމަށް ގުދުރަތީ ގޮތުން ރާއްޖެއަށް ލިބެންޖެހޭ ހުރިހާ ނަސީބެއް ލިބިފައިވާކަމަށާއި ނެތީ އެފަދަ ޚިދުމަތެއް ދެވޭނެ ފެންވަރުގެ ފެސިލިޓީއެއް ކަމަށެވެ.

އިހަވަންދިއްޕޮޅުގައި މި ސަރުކާރުން ޤާއިމްކުރުމަށް ނިންމާފައިވާ ހާއްސަ އިގުތިސޯދީ މަޝްރޫއު ކުރިއަށްގެންދަނީ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ"ގެ ނަމުގައެވެ. މި މަޝްރޫއު ހިންގަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯންގެ ނަމުގައި ކުންފުންޏެއް އުފައްދައިގެން، އެ ކުންފުނީގެ ބެލުމުގެ ދަށުންނެވެ. މި ކުންފުނީގެ ދަށުގައި ސަރުކާރު ހިއްސާވާ 5 ކުންފުންޏެއް ހިމެނެއެވެ.

އެސްޓީއޯ އިން އިހަވަންދިއްޕޮޅުގައި ހަދާ ބައިނަލްއަގްވާމީ ބަންކަރިން މަޝްރޫއު ހިންގުމަށް ދުނިޔޭގެ ހަކަތައިގެ ވިޔަފާރިކުރާ އެންމެ ބޮޑު އަމިއްލަ ކުންފުނި ވިޓޯލްއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ ވަނީ 3 މާރޗް 2024ގައި އެވެ.

އެ އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް އެވެ. ވިޓޯލް ކުންފުނިން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ޖޭ އެންގް އެވެ.

ދާދި ފަހުން ހއ. އަށް ކުރެއްވި ދަތުރުގައި މިނިސްޓަރު ސައީދު ވަނީ ޖުލައި މަސް ނިމުމުގެ ކުރިން އިހަވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް ފަށާނެ ކަމަށް ވިދާޅުވެފަ އެވެ. 

ބަންކަރިންގެ ހިދުމަތުގެ އިތުރުން، މި ސަރުކާރުން އިހަވަންދިއްޕޮޅު ތަރައްގީކުރަން ނިންމާފައި ވަނީ މެރިޓައިމް ހިދުމަތްތަކާއި އިކޮނޮމިކް ސެކިއުރިޓީއަށް ޚާއްޞަ ސަމާލުކަމެއް ދީގެންނެވެ. އަދި ރިއަލް އެސްޓޭޓް ޓޫރިޒަމާއި އެހެނިހެން ވިޔަފާރިތައް މި މަޝްރޫއުގެ ދަށުން އިހަވަންދިއްޕޮޅުގައި ތަރައްގީ ކުރާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް