އެ ޖަމިއިއްޔާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ވެރިކަން ކުރާ ޕީއެންސީން އިންތިޚާބުގެ ޑިމޮކްރެޓިކް ވާދަވެރިކަން ނިގުޅައިގަތުމާއި، ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ ތަން ފެންނަ ކަމަށެވެ. އަދި އިންތިހާބުގެ ކުރިން ވައުދުތައްތައް ވަމުން އަންނަ ގޮތް ބަދަލުވުމަކީ މިނިވަންކަމާއެކު ކެންޑިޑޭޓަކު ހޮވުމުގެ ހައްގަށް ނުފޫޒު ފޯރުވުންކަމަށްވެސް އެ ބަޔާނުގައިވެއެވެ.
އެ ޖަމިއްޔާއިން ބުނީ ސިޔާސީ މަގާމުތަކަށް މީހުން އައްޔަނުކުރާ މިންވަރު އިތުރުވެފައިވާކަމަށާއި ސިޔާސީ ތާއީދު ހޯދުމަށް ދައުލަތުގެ ކުންފުނިންތައް ބޭނުންކުރާ މިންވަރުވެސް އިތުރުވެފައިވާކަމަށެވެ. އަދި މިކަމުގެ ސަބަބުން މުސްތަގުބަލުގައި ކުންފުނިތަކަކީ އިންތިހާބީ ފެންވަރުގެ ކުޅިވަރު މައިދާނަކަށް ބަދަލުވެދާނެކަމުގެ ބިރު އެބައޮތްކަމަށެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނާއި ބަންޑާރަ ނައިބުގެ އޮފީހާއި ރައްޔިތުންގެ މަޖިލީސް ފަދަ ކަމާބެހޭ އިދާރާތައް ގުޅިގެން ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ސަބަބުން ދައުލަތުގެ ވެރިން ޖަވާބުދާރީ ކުރުވުމުގައި ހުރި ފުށު އެރުންތައް ހައްލުކުރުމަށް ގާނޫނީ އޮނިގަނޑު ހަރުދަނާކުރުމަށްވެސް ޓްރާންސްޕޭރަންސީގެ ބަޔާނުގައި ވަނީ ގޮވާލާފައެވެ.
ރައްޔިތުން މަޖލިސް އިންތިހާބާއި ދިމާކޮށް ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ބޭނުން ނަހަމަގޮތުގައި ހިފަމުންދާއިރު އެކަން އެސީސީއަށް ނުފެންނާތީ އެ މައްސަލަ ބަލާނެކަމަށް ރައްޔިތުން މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް މިއަދު ވަނީ ވިދާޅުވެފައެވެ.