ads
ރައީސް ޑރ. މުއިއްޒު
ބ. އޭދަފުށީގައި 1000 ހައުސިން ޔުނިޓުގެ މަޝްރޫއުއެއް ފަށަނީ
ބ. އޭދަފުށީގައި 1000 ހައުސިން ޔުނިޓުގެ މަޝްރޫއުއެއް ވަރަށް އަވަހަށް ފައްޓަވަވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ އިއުލާން ކުރައްވައިފި އެވެ.
Advertisement

އޭދަފުށީ ދާއިރާގެ މެމްބަރު އަދި ޕީއެންސީ ކެންޑިޑޭޓް، އަހުމަދު ސަލީމްގެ ކެމްޕެއިން ވެބްސައިޓް އިފްތިތާހު ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް ސަރުކާރުން ރާވާފައި ހުރި ކަމަށެވެ.

ރައީސް ވިދާޅުވީ އޭދަފުށީގައި 1،000 ހައުސިން ޔުނިޓް އެޅުމަށް ބޭނުންވާ ހުއްދަތައްދީ، އެ މަޝްރޫއު ވަރަށް އަވަހަށް އޭދަފުށީގައި ފައްޓަވާނެ ކަމަށެވެ. އެކަމަކީ މެމްބަރު ރެޑް ވޭވް ސަލީމްގެ އިސްނެންގެވުމުގެ ދަށުން، އެ ރަށުގައި ހިންގުމަށް އޭނާ ކުރެއްވި މަސައްކަތްތަކުގެ ނަތީޖާއެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ސަލީމްގެ އިސްނެންގެވުމުގެ މަތިން މިހާރު އިނީޝިއަލް މަސައްކަތްތައް ހިނގަމުންދާ ގޮތަށް ބަލާއިރު، ދާދި އަވަހަށް ސަރުކާރުން ހުރިހާ ހުއްދައެއް އަޅުގަނޑުމެން ދީ، ވަރަށް އަވަހަށް އޭދަފުށީގައި 1000 ހައުންސިން ޔުނިޓްގެ މަޝްރޫއުއެއް ފަށާނަން،" އެ ދާއިރާގެ ރައްޔިތުންގެ އަރިހުން ސަލީމަށް ވޯޓު ދެއްވުމަށް އެދިވަޑައިގެން ރައީސް ވިދާޅުވި އެވެ.

މި ހައުސިން ޔުނިޓުގެ ފައިދާ އޭދަފުށީގެ އިތުރުން، ބ. އަތޮޅަށް ވެސް ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ މަޝްރޫއުގެ ސަބަބުން އެ ދާއިރާއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ލިިބިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ނަމަވެސް މި މަޝްރޫއުގެ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ކުރިއަށް އޮތް ފަސް އަހަރު އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ރައްޔިތުންނަށް ހިދުމަތް ކޮށްދެވޭނީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ކޮންމެހެން ލިބިގެން ކަމަށް ރައީސް ދަނީ ވިދާޅުވަމުންނެވެ.

ނަމަވެސް އެމްޑީޕީން ބުނަނީ ސަރުކާރު ޖަވާބުދާރީ ކުރަން އިދިކޮޅު މެމްބަރުން މަޖިލީހުގައި ތިބެން ޖެހޭ ކަމަށާއި ސަރުކާރަށް ހުރިހާ ބާރެއް ދީފި ނަމަ ގައުމުގެ މިސްރާބު ނުބައި ދިމާލަކަށް ދާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް