ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން މިއަދު ބުނީ، ރާއްޖެ އަށް ބޭނުންވާ އަސާސީ ކާބޯތަކެތި އިންޑިއާ އިން ރާއްޖެ އަށް އެކްސްޕޯޓް ކުރަން ކުރިން ދީފައިވާ ކޯޓާ މި އަހަރު އާކޮށްދިން އިރު %5 އިތުރުކޮށްދީފައިވާ ކަމަށެވެ.
މިއީ 1981 ވަނަ އަހަރު ހާއްސަ ހުއްދައިގެ ދަށުން އިންޑިއާ އިން ރާއްޖެ އަށް ބޭނުންވާ އަސާސީ ކާބޯތަކެތި އެކްސްޕޯޓް ކުރަން ފެށި ފަހުން އެންމެ ބޮޑު ކޯޓާއެއް ރާއްޖެއަށް ކަނޑައެޅި ފަހަރު ކަމަށް ވެސް އިންޑިއާ ހައި ކޮމިޝަނުން ބުންޏެވެ.
އެ ކޮމިޝަނުން ބުނީ، އިންޑިއާއިން ނިންމާފައިވަނީ އިމާރާތް ކުރުމަށް ބޭނުންވާ ހިލައާއި ހިލަވެލީގެ ކޯޓާ އެއް މިލިއަން މެޓްރިކް ޓަނަށް އިތުރު ކުރުމަށް ކަމަށާއި އެއީ 25 ޕަސެންޓުގެ އިތުރުވުމެއް ކަމަށެވެ.
މީގެ އިތުރުން ބިސް، އަލުވި، ފިޔާ، ހަކުރު، ހަނޑޫ، ގޮދަން ފުށް އަދި މުގުގެ ކޯޓާ ފަސް ޕަސެންޓް އިތުރުކޮށްދީފައިވާ ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.
އިންޑިއާގެ ކޮމާސް އެންޑް އިންޑަސްޓްރީ މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު ރާއްޖެއަށް ހަމަޖައްސާފައިވާ ކޯޓާއަކީ:
- ބިސް: 427 މިލިއަން
- އަލުވި: 21،513.08 މެޓްރިކް ޓަނު
- ފިޔާ: 35،749.13 މެޓްރިކް ޓަން
- ހަނޑޫ: 124،218.36 މެޓްރިކް ޓަން
- ގޮދަން ފުށް: 109،162.96 މެޓްރިކް ޓަން
- ހަކުރު: 64،494.33 މެޓްރިކް ޓަން
- މުގު: 224.48 މެޓްރިކް ޓަން
އެ މިނިސްޓްރީން ވަނީ، އިންޑިއާއިން އެ ބާވަތްތަކުގެ އެކްސްޕޯޓަށް މިއަހަރު ގެންނަ ކޮންމެ ބަދަލަކުން ވެސް މި ކޯޓާ އިސްތިސްނާ ވާނެކަން ފާހަގަކޮށްފަ އެވެ.
ރާއްޖެ އަށް ބޭނުންވާ އަސާސީ ކާބޯތަކެތި އެތެރެކުރަން ކޯޓާ އިތުރުކުރިކަން އިންޑއިާ އިން އިއުލާނު ކޮށްފައި ވަނީ ރާއްޖެއިން އިންޑިއާ އަށް ބަރޯސާވެގެން މިހާރު ކުރާ ވަރަށް ގިނަ ކަންކަމުގައި އެ ނޫން ގޮތްތަކެއް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާކަން ރައީސް މުއިއްޒު އިއުލާނު ކުރައްވާފައިވަނިކޮށެވެ.