"ކިހިނެއް.. ކީއްވެގެން.. މިބުނީ ކީއްވެ.. ކިހިނެއް.. ނާދިފް... ކިހިނެއް ވާނީ.. ޔާﷲ.. މިއީ ބޮޑު ޒަލްޒަލާއެއް.." މޫނުގައި ދެއަތް އަޅައި މޫނު ފޮރުވާލީމެވެ.
ޒެއިން ލެޕްޓޮޕް ލައްޕާލިއެވެ. ދެންއައީ ހަމަހިމޭން ވަގުތުކޮޅެކެވެ. ދެމީހުންކުރެ އެކަކަށްވެސް އަނގަ ހުޅުވާލަންވެސް ނޭގުނީއެވެ. ބުނާނެ އެއްޗެއްވެސް ނެތީއެވެ.
"ޒެއިން.. މިހުރިހާ ކަމެއް ނާދިފްއަށް އެނގެން އެބަޖެހޭ.." ޒެއިންއަށް ބަލައިލަމުން އަހަރެން ބުނީމެވެ. އެއްބަސްވުމުގެ ގޮތުން ޒެއިން ބޯޖަހައިލިއެވެ.
"ދައްކަންހުރި އެއްޗެހި... އަހަރެން އަތުގައިވެސް އެބަހުރި"
"މިއަށްވުރެންވެސް އިތުރު އެއްޗެހި..؟؟!!" ނިއްކުރިއަށް ރޫއަރުވާލަމުން ހައިރާންވެފައި ޒެއިން އަހައިލިއެވެ. އަހަރެން ބޯޖަހައިލީމެވެ.
"ނާދިފް ވިލް ބްރޭކް މިޒްރާ.."
"ނާދިފްއަށް، އަހަރެން ވައުދެއްވެފައި އޮންނާނެ.. އެ ވަޢުދު ފުރިހަމަކުރުމަކީ އަހަރެންގެ ޒިންމާއެއް"
އަހަރެންނާއި ދާދި ކައިރިއަށް ޒެއިން ޖެހިލިއެވެ.
"މިޒް.. ޔޫ.. އޯކޭ.. ރައިޓް؟"
"ޔެސް.. ޔެސް.. އައި އެމް"
"އިން ޝާ ﷲ ހުރިހައިކަމެއް ވަރަށް އަވަހަށް ރަގަޅުވާނެ.. މިކަންކަން ވަރަށް އަވަހަށް ހަމަޔަކަށް އެޅިދާނެ.. ހިތްވަރު ގަދަކުރޭ" އަހަރެން އިސްޖަހައިލަމުން ލެޕްޓޮޕްއާއި ދިމާއަށް ބަލައިލީމެވެ.
.................
އަހަރެންނާއި ޒެއިން މިއަދު އޮފީހަށް ދިޔައީ އެކުގައެވެ. އޭރު ގަޑިން ހަތްގަޑި ފަނަރަ ހިނގައިފިއެވެ. އެހެންމީހުން އަންނަ ގަޑި އަދި ނުޖެހޭތީ މާގިނަ ބަޔަކު އޮފީހަކުން ނުފެނެ އެވެ.
އަހަރުމެން ދެމީހުން ސީދާ މިސްރާބުޖެހީ ސީސީޓީވީ ކޮޓަރިއަށެވެ. އަހަރެންނަކީ ސީއީއޯ ކަމަށްވާތީ، އޮފީހުގެ ކޮންމެ ތަނަކަށް ކޮންމެ ވަގުތެއްގައި ފުރިހަމަ ހުއްދައާއިއެކު ވަދެވޭނެ އެވެ. އަދި ކޮންމެ ސިސްޓަމެއް ބޭނުންކުރުމުގެ ފުރިހަމަ އިޚްތިޔާރު ކޮންމެ ވަގުތަކުވެސް އަހަންނަށް އޮވެ އެވެ.
ސިސްޓަމްއަށް ލޮގިންވެލާފައި އަހަރެން ބޭނުންވި ހުރިހައި ފުޓޭޖެއް ހޯދީމެވެ. ނުތަނަވަސްކަމާއެކު ނިޔަފަތި ކާލަކާލަ ޒެއިން ހުރީ އަހަރެންގެ ފުރަގަހުގަ އެވެ.
"ނައު ވަޓް..؟ މިއީ ކާކު ކޮށްފައި އޮތް ކަމެއްބާ؟" އަހަރެން ބޭނުންވި މުހިއްމު ފުޓޭޖެއް އެކުގައި އޮތީ ފޮހެލާފައެވެ. ލިބުނީ މާޔޫސްކަމެވެ.
"ދެން..؟" އަވަސްއަވަހަށް ޒެއިން ސުވާލުކުރި އެވެ.
ކޮންމެ ގޮތެއް ހަދާފައިވެސް އެ ފުޓޭޖް އަހަރެން ބޭނުމެވެ. އެކަން ކުރެވޭނެ ގޮތްވެސް ވިސްނުނެވެ. އެކަމަކު، މީގެ އެއްވެސް މައުލޫމާތެއް ޒެއިންއާވެސް ހިއްސާކުރެވޭކަށް ނެތެވެ. މިއީ އެއަށްވުރެން ސީރިއަސް، ހަމައެކަނި ވެރިންނަށް ނޫނީ އެނގިގެންވާނެ ކަމެއް ނޫނެވެ.
"އޫމްމް.. ޒެއިން ކުއްލިޔަކަށް ކަމެއް ހަނދާންވެއްޖެ.. މިކަން ކުރެވޭނެގޮތެއް ފެނުނުހާ އަވަހަކަށް ގުޅާލާނަން.. އޯކޭ؟"
"އައި އަންޑަރސްޓޭންޑް" ޒެއިން ބުންޏެވެ. އެއާއެކު އަހަރުމެންގެ މިސްރާބަށް އަހަރުމެން އެނބުރުނީމެވެ.
ލިފްޓަށް އަރަން ދިޔައިރުވެސް އަހަރެންގެ ސިކުނޑީގައި އެހެން ޚިޔާލެއް ނެތެވެ. ނާދިފްއާއި މެދު ހަމްދަރުވީ ވެވުނެވެ. އޭނާއަށް ވެދާނެ ގޮތެއް ހިތައް ގެންނާންވެސް މިވަގުތު އުނދަގުލެވެ. މިއީ ނާދިފްއަށް ތަހަންމަލް ކުރެވޭނެ ކަމެއްނޫނެވެ. އޭނާގެ ހިތް ކުދިކުދިވާނެ އެވެ.
"އައުޗް!!"
ހަރު އެއްޗެއްގައި ނިއްކުރި ޖެހުމުން ތަދުވިއެވެ. އިސްއުފުލާލާފައި ބަލައިލީމެވެ. ޖިރާފެއްގެ މޫނަށްވެސް އަހަރެން ބަލަންޖެހޭނީ މިހެންކަންނޭގެއެވެ. ކުރިމަތީގައި ނާދިފްވެސް ހުރީ ޚިޔާލެއްގެ ތެރެއަށް ގެއްލިފަ އެވެ.
"ސޮރީ" ނާދިފްގެ މޫނަށް އަހަރެން ބަލައިލީމެވެ. އެއްވެސް އުފާވެރިކަމެއް އަދި ތާޒާ ކަމެއްވެސް އެމޫނުގައި ނެތެވެ. ނާދިފް ގެއްލިފައި އެވަނީ ޕްރީޝާގެ ޚިޔާލުތަކުގައިކަން އަހަންނަށް އެގެ އެވެ.
"ކިހިނެއްވީ.. ފަޔަށް..؟" ބެންޑޭޖް ކޮށްފައިވާ ފަޔަށް ބަލައިލާފައި، އަހަރެންގެ މޫނަށް ބަލައިލި އެވެ.
ރޭގައި ހިނގާދިޔަ އެއްވެސް ކަމެއް ނާދިފް ހަނދާން ނެތްކަން ޔަގީންވިއެވެ. ހާލަތަށް ބަލާފައި އަހަރެންގެ ދޮގުގެ ލިސްޓަށް ބޮޅެއް އިތުރުކޮށްލީމެވެ.
"ވެއްޓުނީ" އަހަރެން ބުނީމެވެ.
ގަބޫލުނުކުރެވިފައިވާ ފަދަ ބެލުމަކުން ނާދިފް އަހަންނަށް ބަލައިލިއެވެ. އަހަރެން ހެދީ ދޮގެއްކަން އޭނާއަށް ޔަގީނެވެ. އިތުރަށް މަޑުކުރާން ބޭނުން ނުވާތީ އަހަރެން ހިނގައިގަތީމެވެ.
"މިޒްރާ.." އަތުގެ ހިމަ ލޯލިތައް ކޮޅަށްޖެހުނެވެ. ތަފާތު އަސަރަކާއެކު ފުރަތަމަ ފަހަރަށް ނާދިފް އަހަންނަށް ގޮވައިލުމުން ހައިރާންވެފައި ފަސްއެނބުރި ބަލައިލީމެވެ. އަހަރެންގެ ނަމަކީ މިހައި ޚާއްސަ ނަމެއްކަން މީގެކުރީން ފާހަގަކުރެވިފައެއް ނެތެވެ. ނާދިފްގެ ހަޔާތުން އަހަރެން ވަކިވާން އުޅޭ ވަގުތެއްގައި މިފަދަ އިހްސާސްތަކަކުން ބަނދެވޭކަށް އަހަރެން ބޭނުމެއް ނޫނެވެ.
"ތޭންކްސް.. އުމްމމ.. ފޯރ... ފޯރ ކްލީނިންގ މައި ރޫމް...!"
ނާދިފްއާއި ދިމާއަށް އަހަރެން ބަލައިލީމެވެ. ފަހަކަށް އައިސް އަޖައިބު ކުރުވަނިވި އެތައްކަމެއް ނާދިފް މިކުރަނީ ކީއްވެގެން ބާއެވެ.
"ހޫމްމމ.." އިތުރަށް އެއްޗެއް ބުނާކަށް ބޭނުމެއް ނުވިއެވެ. ނާދިފްގެ ލޮލަށް ބެލުން، މިއަދު ފަސޭހައެއްވެސް ނުވިއެވެ. އަވަސް އަވަހަށް އަހަރެން ހިނގައިގަތީމެވެ.
ބާރަށް ހިނގާފައި އަހަރެން ދިޔައީ ބަޤްޝޫރާ މެޑަމްގެ ކެބިންއަށެވެ.
ޓަކި ޖަހައިލުމާއެކު ހުޅުވައިފިއެވެ.
"މޯނިންގ މިޒްރާ.." އެތެރެއަށް ވަނުމަށް އިޝާރާތްކުރަމުން ހިނިތުންވެލި އެވެ.
"ހުރިހައި ކަމެއް ރަގަޅު..؟" އެއްފައިމައްޗަށް އަނެއްފައި ލައިގެން މެޑަމްގެ ގޮނޑީގައި ހަމަޖެހިލި އެވެ.
"އުމްމް.. މެޑަމް.. ވަރަށް ބޮޑު ކަމެއްގައި.. އެހީއަށް އެދެންޖެހިގެން މިއައީ.." މެޑަމް ކުރިމަތީގައި ހުރި ގޮނޑީގައި ހަމަޖެހިލުމަށް މަސައްކަތްކުރަމުން އަހަރެން ބުނީމެވެ.
"ގޯ އޮން.." މޭޒުމަތީގައި ހުރި ތަށިން ފެންފޮދެއް ބޯލަމުން މެޑަމް ބުނެލި އެވެ.
"އުމްމމ. މެޑަމް.. ސީސީޓީވީ ކްލިޕެއް.. އުމްމމ އައި ނީޑް ދެޓް ފުޓޭޖް.. ބަޓް އިޓްސް.. އުމްމމ.. ވަރަށް ބޮޑަށް.. ކޮންމެވެސް ގޮތަކުން.. އެ ވީޑިއޯ އޮތީ ނައްތާލަން.. މަސައްކަތްކޮށްފައި.. އެހެންވީމަ.. އަޅުގަނޑު"
އިތުރަށް ތަފްސީލެއް ބަޤްޝޫރާ މެޑަމް ބޭނުން ނުވާނެކަން އަހަންނަށް އެގެއެވެ. އަހަރެން ދައްކަން އުޅެނީ ކޮން ވާހަކައެއްކަން މެޑަމްއަށް އިނގޭނެއެވެ. ވަރަށް އުނދަގޫވެހުރެ، އަދި އުއްމީދާއެކު މެޑަމްއަށް ބަލައިލީމެވެ.
"މިޒްރާ.. އައި ކާންޓް ޑޫ ދެޓް..! ދެޓް ވުޑް.."
"މެޑަމް.. ހަމައެކަނި ނާދިފްގެ ހައްގުގައި.. ދެން މި ކޮމްޕެނީއަށްޓަކައި.."
"އެކަމަކު މިޒްރާ.."
އިތުރަށް ވާހަކަދެއްކުމުގެ ކުރީން އަހަރެން ފުންނޭވާއެއް ދުކޮށްލީމެވެ. ހުސްއަތާއި މިތަނުން ނިކުންނާން ބޭނުން ނުވާތީ އެވެ.
"ނުބައި މަގެއް އިޚްތިޔާރު ނުކޮށް، ހެޔޮމަގަށް ނާދިފް ގެނައުމަށް މެޑަމް ބޭނުން ނުވަނީތޯ..؟ މެޑަމްގެ އަތުން ނާދިފް ބީވެދާނެތީ ޖެހިލުމެއް ނުވޭތޯ.. އެކަމާއި ބިރެއް ނުގަނޭތޯ؟ އަޅުގަނޑުމެން އަތުގައި އެކަމުގެ ކޮންޓްރޯލެއް ނެތް.. އެކަމަކު މެޑަމް.. މިއީ އެންމެ ފަހު ފުރުސަތު! އަޅުގަނޑުމެންނަށް ލިބޭނެ އެންމެ ފަހު ޗާންސް..! ޕްލީޒް!"
"ފައިން.." މޭޒުމަތީގައި އޮތް ވަށް ބިއްލޫރިކޮޅެއް އަނބުރާލަމުން މެޑަމް އެއްބަސްވި އެވެ.
.............
ޒެއިންއަށް ގުޅާނީ ކެބިންއަށް ވަދެފައި ކަމަށް ނިންމައިގެން ހަރަކާތްތައް އަވަސްކޮށްލީމެވެ. އެކަމަކު ސިއްސައިގެން ދިޔައީ އަހަރެން ކެބިންއަށް ވަންއިރު ޒެއިން އިނީ އެތާތެރޭގައި ކަމަށްވާތީ އެވެ.
"އަހަންނަކަށް އެހެން މަސައްކަތެއްވެސް ނުކުރެވުނު.. ކެއްތެރިކަން ކޮޅުންލަނީ.."
ޒެއިންގެ ނުތަނަވަސްކަން ފެނުމުން ހިނިތުންވާން މަސައްކަތްކުރީމެވެ. އަހަރެންގެ މޭޒުކައިރިއަށް ގޮސް ގޮނޑީގައި އިށީނީމެވެ.
"ލިބިއްޖެ..؟" ބުމަ އަރުވާލަމުން އަހައިލި އެވެ.
ބޯޖަހައިލަމުން އަހަރެންގެ ލެޕްޓޮޕްއަށް ޕެންޑްރައިވް ޖަހާލީމެވެ.
ވީޑިއޯ ޕްލޭކޮށްލީމެވެ. ބުނާނެ އެއްޗެއް ނެތި، ޒެއިންހުރީ ގަނޑުވެފަ އެވެ.
"ވަޓް ދަ**! ހައު ކުޑް.."
ކޮޅަށް ތެދުވެ، ޅިނދުގައި އަތްވިއްދާލާފައި ޒެއިން އަވަސް ނޭވާތަކެއް ލާން މަސައްކަތްކުރި އެވެ.
"މިޒްރާ.... ދިޒް އިޒް ރިއަލީ ސީރިއަސް އޯކޭ!" އޭނާ ބުނެލި އެވެ.
"ތިކަން އިނގޭ" އަހަރެން ބުނީމެވެ.
"އެކަމަކު.. މި ވީޑިއޯތައް ނާދިފްއަށް މިޒްރާ ދައްކާނީ ކޮން އިރަކުން؟ މިއަދު؟"
"ނޫން.. ނޫން.. ނޫން.. މިއަދަކު ނޫން.."
"މިޒްރާ... މިއީ، ނުދައްކާ ބާއްވާން ހެޔޮވާވަރު އެއްޗެއް ނޫން.."
"ނާދިފްއަށް ދައްކާނަން.. އާދީއްތަ ދުވަހުގެ ރޭ... އަހަރީ ޖައްލާސާއަށް އައުމުގެ ކުރީން.. ދެން.. އޭރުން.. އަހަރެން"
"ދެން.. އޭރުން.. އަހަރެން..؟؟" ޒެއިންއަށް އެއްޗެއް ހީވުމުން އަހަރެންގެ ޖުމުލަތައް ތަކުރާރު ކުރަމުން ސުވާލު އުފެއްދިއެވެ.
"ދެން އޭރުން.. އަހަރެން.. ވަރީގެ ލިޔެކިތުންތައްވެސް އެ ދުވަހު އެގަޑީގައި ހަވާލުކުރަނީ"
"ވަޓް..؟ މިޒްރާ..؟!"
"ޒެއިން.. މި ކުރެވޭ ކަންކަން އަހަންނަށް ވަރަށް ރަގަޅަށް އިނގޭ"
"މިޒްރާ.. ޖަސްޓް.. ޖަސްޓް ތިންކް އެބައުޓް އިޓް!"
"ޒެއިން.. ނާދިފް އަހަރެން ބޭނުމެއްނުވޭ.. އޭނާ ބޭނުންވަނީ މިގޮތް.. އޭނާ ބޭނުމީ އޭނާގެ މިނިވަންކަން.. އަހަރެންގެ ކިބައިން މިންޖުވާން"
"މިޒްރާ...!"
"އަހަންނަށް ނާދިފް ދެކެ ލޯބިވެވިއްޖެ.. ވަރަށް ބޮޑަށްވެސް ލޯބިވޭ.. އިންތިހާއަށް ލޯބިވޭ.. އެކަމަކު އޭނާގެ ހިތުގައި އަހަންނަށްޓަކައި ކުޑަވެސް ޖާގައެއް ނެތް.. ނާދިފްއާއި ނުލައި ދިރިއުޅޭނެގޮތެއް އަހަރެން ޖެހޭނީ ހޯދަން" ގޮނޑީގައި ލެނގިލަމުން ނިއްކުރީގައި ބާރަށް ހިފަހައްޓާލީމެވެ.
"މިއީ އަހަރެންނަށްޓަކައި ތަގުދީރުގައި ހަމަޖެހިފައިވާ ގޮތް" އަހަރެންގެ ކަރުނައެއް ނުހިފެހެއްޓުނެވެ. ކޯތާފަތް ހުރަސްކޮށް ކަރުނަ އޮހެރެން ފަށައިފި އެވެ.
"ޖަސްޓް ޓޯކް ޓު ހިމް"
"ނޯ!!"
"އިތުރަށް ވާހަކަދައްކަންޖެހޭ އެއްވެސް ސަބަބެއް ނެތް.. އިތުރަށް ދައްކާނެ ވާހަކައެއް ވެސް ނެތް.. މިކަމާބެހޭގޮތުން... އެއްވެސް މީހެއްގެ ގާތުގައި އެއްވެސް ވާހަކައެއް ޒެއިން ނުދައްކާތި.." ހިއްވަރުކޮށްފައި ގޮނޑިން ތެދުވީ އެވެ.
އަޑުގައި ހަރުކަށިކަމެއް ބަހައްޓަން މަސައްކަތްކުރަމުން އަމުރުވެރި ރާގުގައި ބުނެލީމެވެ. މިހިސާބުން މިވާހަކަ މި ނިމުނީކަން ޒެއިންއަށް އިހުސާސްކޮށްދިނީމެވެ.
.................
މިޒްރާއާއެކު ހޭދަކުރެވުނު 'އާދަޔާ ޚިލާފު' ވަގުތުކޮޅަށްފަހު އަހަރެން ބާރަށްގޮސް، ކެބިންއަށްވަދެ ގޮނޑީގައި އިށީނީމެވެ. ބޭރު ފެންނަމުންދިޔަ ބިއްލޫރި ބޮޑު ދޮރަށް އަހަރެން ބަލައިލީމެވެ. އެއީ އާންމުކޮށް އަހަރެން ބަލާ، އެކަމަކު ދުވަހަކުވެސް ފޫހިނުވާ މަންޒަރެކެވެ.
"ސޯ.."
އަޑުއައި ދިމާއަށް އަހަރެން ބަލައިލީމެވެ. ދެޖީބަށް އަތްޖަހައިލައިގެން ޑޭޑް ކޮޅަށް ހުއްޓެވެ.
"ޔޫ ކުޑް ޖަސްޓް ނޮކް!!" ދައުވަތަކާއި ނުލައި އަބަދުވެސް މިތަނަށް ވަންނާތީ އަހަރެން ބަލައިލާ ބީދައިން ފޫހިގޮތަކަށް ބަލައިލީމެވެ.
"ޔެސް އައި ކުޑް.. ބަޓް އައި ޑޯންޓް! އެކަން އެނގޭހާ ދުވަސް ވެއްޖެ! އަދިވެސް ނޭގޭ؟"
ގޮނޑީގައި އަހަރެން ހަމަޖެހިލީމެވެ. ކެބިންގެ ކަނާތްފަރާތުގައި ހުރި ސޯފާގައި ޑޭޑް އިށީނެވެ.
"ކޮފީ..؟؟"
"ވަޓް؟؟"
"ތޯޓް ވީ ކުޑް ޓޯކް އޯވަރ އަ ކޮފީ!"
"ޑޭޑް!!" ދައްކަން އައި ވާހަކައަކައިގެން ކުރިއަށް ދާށޭ ބުނަފަދައަކުން އަހަރެން ޑޭޑްއަށް ބަލައިލީމެވެ.
"އަންނާނަށް ކޮފީއެއް ހިފައިގެން" ޑޭޑް އުޅުނީ ދޮރާއި ދިމާއަށް ދާށެވެ.
"ފައިން!"
އިންޓަކަމް ނަގާފައި ގުޅާލަން އުޅެނިކޮށް އެދޭތެރޭގައި ޑޭޑް ވާހަކަ ދެއްކިއެވެ.
"އާއއއ..! ޔޫ ހޭވް އަ ޕީއޭ.. ރައިޓް؟!"
ޕީއޭ! ޕަރސަނަލް އެސިސްޓެންޓް. މިޒްރާ! ކުއްލިޔަކަށް މިވަގުތު މިވާހަކަ ދައްކަން ޑޭޑް މި ރޫމްއަށް މިއައީ ކީއްވެބާއެވެ.؟ އޭނާއާއި ހަވާލުކުރި އެ ޒިންމާއިން އޭނާ ވަކިކުރި ވާހަކަ ކޮންމެހެން ޑޭޑްކައިރީގައި ބުނަންޖެހޭ ކަމަކަށް އަހަރެން ނުދެކެމެވެ.
"އުމްމ.. ޑޭޑް.. ޝީ އިޒް ވޯކިންގ.. އައި ގެސް!"
"އައި ބެޓް ޝީ އިޒް..! އެހެންވެ، ކޮންމެ ދުވަހަކު ވަޒީފާއަށް އެ އަންނަނީ.. މިއަދު ކޮފީއެއް ބުއިމުގެ މޫޑެއް ނެތީ ކަމަށް ބަލަންވީތަ..؟ އެއްފައި މައްޗަށް އަނެއްފައިލަމުން ޑޭޑް ހަމަޖެހިލިއެވެ.
ޝައުގުވެރިކަމެއް ނެތް ހިނިތުންވުމެއް އަހަރެން ދައްކާލުމުން އަނެއްކާވެސް ޑޭޑްގެ ލެކްޗަރު ފެށިއެވެ.
"އަހަރެން އުއްމީދުކުރަނީ، މި އަންނަ އާދިއްތަ ދުވަހުގެ ރޭ މިތަނުގައި އޮންނަ ބޮޑު ރަސްމިއްޔާތުގެ ޚަބަރު ނާދިފްއަށް ލިބިފައި އޮންނާނެކަމަށް.."
"ޔެސް!"
"ސޯ.. މިތަނުގެ އެންމެ އިސްވެރިންނަކީ ކޮބައިކަން އިނގޭތަ..؟ ދެޓް އިޒް މީ އެންޑް ޔޯ މޮމް..! އަހަރުމެން ދެމީހުން ކަމެއް ނިންމައިފިން.. އެއީ މިތަނުގެ ބްރިލިއެންޓް ދެ ސީއީއޯ، އެކަކު އަނެކަކާއި ބެހޭގޮތުން އެރޭ ޕާޓީގައި އެންމެންގެ ހާޒިރުގައި ވާހަކަދެއްކުން.."
"ވީ އަރ ގެޓިން ޑިވޯޒް.."
"އެކަމަށް އަދި ވަގުތު އެބައޮތް.. ނާދިފްގެ ސޮޔަކީ އެކަމުގައި ކިހައި މުހިއްމު އެއްޗެއްކަން ނާދިފްއަށް އެނގޭތަ؟"
"އެކްސްކިއުޒް މީ..!"
"އުމްމމ.. އެވާހަކަ ބާއްވާ! އަހަރެން މިބުނި ގޮތަށް.. ސްޕީޗްއެއް ތައްޔާރުކޮށްލާ..! އުއްމީދުކުރަން ކޮންމެވެސް ވަރެއްގެ ތަޢުރީފެއް މިޒްރާއަށް ޙައްޤުވާކަމަށް.. ނާދިފްއަކީ ލަވަ ލިޔާ މީހަކަށް ވާއިރު، މިވަރުކަމެއް ކޮށްލަން އުނދަގުލެއް ނުވާނެ.."
އެ ބުނި އެއްޗެއް ގަބޫލުކުރަން އުނދަގޫވެގެން ޑޭޑްއާއި ދިމާއަށް ބަލައިލީމެވެ. އަހަރެންގެ މުޅި އާއިލާ، އަހަރެންގެ މިއުޒިކްއަށް މިހައި ނަފްރަތު މިކުރާ ސަބަބަކީ ކޮބައި ހެއްޔެވެ؟ އެންމެ ލަވައެއް ފުރިހަމަކުރާން އަހަރެން ކުރާ މަސައްކަތް އެހެން މީހަކަށް ވަޒަން ނުކުރެވޭނެއެވެ. މިއުޒިކަކީ އަހަރެންނަށް ހިތްހަމަޖެހުމާއި އަމާންކަން އިހުސާސްކޮށްދޭ ހަމައެކަނި ވަސީލަތްކަން އެހެންމީހަކަށް ވިސްނައިދޭކަށް އަހަރެން ބޭނުމެއް ނެތެވެ. ޚާއްޞަކޮށް ވިޔަފާރި ވިސްނުމުގެ ނުވަތަ ވިޔަފާރީ ދާއިރާގެ މީހަކަށް އެކަން ވިސްނައިދޭން އަހަރެން ހިތައްވެސް ނާރުވާނަމެވެ.
"އިޓް ބެޓަރ ބީ އަ ގުޑް ވަން..! އަހަންނަށް އިނގޭ ނާދިފް އަހަރެން އަގު ހިފަހައްޓާނެކަން.." ކޮޅަށްތެދުވެ، އެއް ލޯ މަރައިލަމުން ޑޭޑް ބުނެލި އެވެ.
ދޮރު ލެއްޕެންދެން އަހަރެން ބަލަން އިނީމެވެ. މޭޒުމަތީގައި ބާއްވާފައި އޮތް 'އެޖެންޑާ'ގެ ނަންބަރަކަށް ބަލައިލީމެވެ.
"ސީއީއޯ'ސް ސްޕީކް އެބައުޓް އީޗް އަދަރ!!" ދުވަހަކުވެސް މިވަރުކަމެއް ބަޔަކު ކުރާނެ ހެއްޔެވެ؟
މިޒްރާ މަންސޫރާއި ބެހޭގޮތުން އެންމެ ލަފްޒެއްވެސް އަހަރެން ލިޔާނެ އެއީ ނެތްގޮތެކެވެ. އަހަރެންގެ ކެބިންއަށް ބަލައިލާފައި ވިސްނާލީމެވެ.
"ގަރލްފްރެންޑް"ގެ ކަންތައް ހައްލުކުރުމަށްވުރެން މުހިއްމުކަމެއް މިވަގުތަކަށް ނެތެވެ. މިއުޒިކް ޕްރެކްޓިސްއަށް އަހަރެންގެ ގެއަށް އައުމަށް އަހަރުމެންގެ ގްރޫޕަށް މެސެޖް ކޮށްލާފައި ވީ އެންމެ އަވަހަކަށް ކެބިން ތެރެއިން ނިކުތީމެވެ.
................
ޒެއިން އެކަނި އަހަރެންގެ ރޫމްގައި ބައިންދާފައި ނިކުތީމެވެ.
އަހަރެންގެ އަމިއްލަ ނަފުސައްޓަކައި ވަގުތުކޮޅެއް ބޭނުންވީއެވެ. ހަމަޖެހިގެން ނޭވާއެއް ލާފައި ހިންދެމިލަން ބޭނުންވީއެވެ. އަހަރެންގެ މުޅި ހަށިގަނޑުގައި އުފެދި ބާރުގަދަކުރަމުން މިދާ އިހްސާސްތައް ކޮންޓްރޯލްކުރާން އެބަޖެހެއެވެ. ލޮލުތެރޭގައި އުފެދެމުންދިޔަ ކަރުތައް ހުއްޓުވަން މަޖުބޫރެވެ. އެކަމަކު މިހުރިހައި ކަމަކަށް އަހަރެން ނުކުޅެދެނީ ކީއްވެ ހެއްޔެވެ؟
-ނުނިމޭ-