ads
ފުލުހުންގެ މައި އިދާރާ - ހުސެން އާދަމް ބިލްޑިންގް
މިސްކިތެއްގެ ތެރޭގައި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލަ ބަލަނީ
އއ. ރަސްދޫގެ މިސްކިތެއްގެ ތެރޭގައި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ޝޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ދެ މީހަކުވެގެން ފާހާނާއެއްގެ ތެރޭގައި ހުރި ކުއްޖަކަށް އަނިޔާކުރަމުންދާ މަންޒަރެވެ. އެ ކުއްޖާ ފާހާނާ އަށް ވައްދާފައި ކޮށްފައިވާ އަނިޔާ އެއް ކަމެއް ނުވަތަ އެ ކުއްޖާ ފާހާނާ ތެރޭގައި ހުއްޓާ ކުރި އަނިޔާތަކެއް ކަމެއް ވީޑިއޯއިން ސާފުކޮށެއް ނޭނގޭއެވެ.

ހަޑި ހުތުރު ބަހުން އެ ކުއްޖާއާ ދިމާލަށް އެއްޗެހި ގޮވަމުންދާ މަންޒަރުވެސް ފެންނަ އެ ވީޑިއޯ އަކީ މިސްކިތެއްގެ ފާހާނާގައި ނަގާފައި ވީޑިއޯއެއްކަން އެނގެނީ، އެ މީހުން ކުއްޖާއާ ވާހަކަ ދައްކަމުން ދިޔަ ގަޑީގައި ގުރުއާނުގެ އަޑުއިވެމުންދާތީއެވެ.

އެ ކުއްޖާގެ އަތުގައި އޮތް ފެންފުޅި އަތުލައި، ބޮލަށް އޮއްސާލާ މަންޒަރުވެސް ފެންނައިރު، ގުދާރު މަތީ ގޮށްމުއްކަވާފައި އެތައް ފަހަރަކު ޖަހައެވެ.

އެހެން ނުހަދައި ދޫކޮށްލަން އެ ކުއްޖާ އެދުމުން އެ މީހުން އަމުރުކުރީ ކުޑަކަކޫ ޖަހާފައި އާދޭސްކުރަން އެމީހުން ބުނެއެވެ. އަދި އެގޮތަށް އެކުއްޖާ ކަންތައް ކުރަން ފެށުމުން ފައިން އެ ކުއްޖާގެ ބޮލުގައި ޖަހާ މަންޒަރު ވެސް ވީޑިއޯއިން ފެނިގެންދެއެވެ.

"ކުޑަކުއްޖަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ ފުލުހުންގެ ސަމާލުކަމަށް އައިސްފައި. މިކަން ކުރި ފަރާތްތައް ހޯދައި އަވަހަށް ފިޔަވަޅު އެޅުމަށް ފުލުހުން ދަނީ މަސައްކަތްކުރަމުން. މިފަދަ ކަންކަން މުޖުތަމައުގައި ހިންގާ ފަރާތްތަކާ މެދު އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅިގެންދާކަން ޔަގީންކުރާނަން،" މި މައްސަލަ ފެންމަތިވުމުން ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެގައި ވިދާޅުވި އެވެ.

ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާތަނަށް ލިބިފައިވާ މައުލޫމާތުން މިކަން ކުރި ކަމަށް ޔަގީންކުރެވިފައި ވަނީ އއ. ރަސްދޫގައި ކަމަށެވެ. އަދި މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް