ހުޅުމާލެ، އެފްއޭއެމް ވެޓެރެންސް ލީގު 2024 ގެ ޗެމްޕިއަންކަން ހޯދީ، މިއަދު ކުޅުނު ފައިނަލުގައި ޕެނަލްޓީން މުއިވެޔޮ ފްރެންޑްސް ބަލިކޮށްގެނެވެ. މިއީ ހުޅުމާލޭން މި މުބާރާތް ވިދިވިދިގެން ކާމިޔާބު ކުރި ތިންވަނަ އަހަރެވެ. 2022 ވަނަ އަހަރު އަދި 2023 ވަނަ އަހަރުވެސް މުބާރާތް ކާމިޔާބު ކުރީ ހުޅުމާލޭންނެވެ.
މިއަދު ހަވީރު ހެންވޭރު ދަނޑުގައި ކުޅެވުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވިއެވެ. އެހެންކަމުން ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.
ވެޓެރެންސް ލީގު 2024 ގެ މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުއިވެޔޮ ފްރެންޑްސްގެ ޖޯޒީ ނަމްބަރ 14 އަހުމަދު ސައީދު (އައްމަޓީ) އެވެ. އެންމެ މޮޅު ކީޕަރަކަށް ހުޅުމާލޭގެ ކީޕަރު ހަސަން ރަމީޒު ހޮވުނު އިރު އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ދެ ކުޅުންތެރިން ހޮވިފައިވެއެވެ. އެއީ ހުޅުމާލޭގެ ޖޯޒީ ނަމްބަރ 10 ހުސައިން ޝިމާޒާއި ދިވެހި ސިފައިންގެ ކުލަބުގެ ޖޯޒީ ނަމްބަރ 11 އަހުމަދު ފަޒަލެވެ.