ރައީސް މުއިއްޒުގެ އެދިވަޑައިގަތުމަށް ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވާޑާން ކުޑަ އީދުގައި އަލުން ހުޅުވާލުމަށް މަސައްކަތް ކުރަމުންދާކަން ވަޒީރު އާދަމް ޝަރީފު ވަނީ މިދިޔަ ހަފްތާގައި ވިދާޅުވެފައެވެ.
ފެންއަރުވާ ވަޑާން މަރާމާތައް ފަހު ދިއްލާލާފައިވާ ވީޑިއޯއެއް ހިއްސާކުރައްވަމުން އާދަމް ޝަރީފު އުމަރު ވިދާޅުވީ މާދަމާ ރޭ 09:30 ގައި ޖުމްހޫރީ މައިދާނުގެ ފެން އަރުވާ ވަޑާން އަލުން އާއްމުކޮށް ހުޅުވާލާނެކަމަށެވެ.
ޖުމްހޫރީ މައިދާނުގައި ހުންނަ މި ފެންއަރުވާ ވަޑާން ހުޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އޭރު މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވީ ހައުސިން މިނިސްޓަރުގެ މަގާމުގައެވެ.
ޖުމްހޫރީ މައިދާނަށް ބަދަލުތަކެއް ގެނެސް އެތަނުގައި ފެން އަރުވާ ވަޑާމެއް ހަދާ ހުޅުވީ ރާއްޖެއަށް މިނިވަންކަން ލިބުންތާ 50 އަހަރު ފުރުން ފާހަގަކުރުމުގެ މުނާސަބަތުގައި ކުރިޔަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިންނެވެ.
އެމްޓީސީސީން 5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ މި ފެންއަރުވާ ވަޑާމަކީ 28 މީޓަރު ފުޅާ އަދި 28 މީޓަރު ދިގު ތަނެކެވެ. މޮނިއުމެންޓް އޮފް ޔުނިޓީ ދައްކުވައިދޭ ބިނާއެއްގެ ގޮތުގައި މިތަން ހަދާފައިވަނީ އެތަނަށް އެރި ފެނުގެ ތެރޭގައި ކުޑަކުދިންނަށް ކުޅެލަން ފުރުސަތު ލިބޭ ގޮތަށެވެ.