ads
ރައީސް މުއިއްޒު - ފޮޓޯ: ޕީޕީއެމް
އެއްބައިވަންތަކަމުގެ އަޒުމް ވަރުގަދަކުރަން ރައީސް އިލްތިމާސްކުރައްވައިފި
އެއްބައިވަންތަކަމުގެ އަޒުމް ވަރުގަދަކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިލްތިމާސްކުރައްވައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އެއްބައިވަންތަކަމަށް އިލްތިމާސްކުރެއްވީ އެމަނިކުފާނުގެ ރިޔާސީ ވައިދާއި އެއްގޮތަށް ފިތުރު އީދަށް މުޅި ރާއްޖެ ދިއްލާލުމުގެ ހަރަކާތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅު ވަނީ އެންމެ އެކުގައި އެއް ރޫހެއްގައި މި އީދު ކުލަގަދަ ގޮތެއް ފާހަގަކުރަން ކަމަށެވެ.

"އަޅުގަނޑުމެންނަކީ ދިވެހިން، ފަހުރުވެރި ދިވެހިން. ދިވެއްސަކަށް ވީތީ އަޅުގަނޑުމެންނަކީ އެއް ބައެއް. އެއް ނަސްލަކަށް ނިސްބަތްވާ، އެއް ބަހަކުން ވާހަކަދައްކާ، އެއް ދީނަކަށް ތަބާވާ، އެއް ބައެއް. އެއްބައިވަންތައް، އެއްބައެއްވަންތަ، ބައެއް. މި އެކުވެރިކަން އަޅުގަނޑުމެންގެ ތެރެއިން ނެތި ގޮސްގެން ނުވާނެ،" ރައީސް ވިދާޅުވި އެވެ.

ސަރުކާރުން ވަނީ އީދު ދުވަސް ފާހަގަކުރުމުގެ ގޮތުން މާލެ އާއި ބައެއް ރަށްތަކުގެ މަގުމަތީގައި ގިޑިގެ ޖަހައި ބޮކި ހަރުކޮށް، ދައުލަތުގެ އިދާރާތަކާއި ސަރުކާރު ކުންފުނިތަކުގެ އިމާރާތްތައް ވެސް ދިއްލާލާފަ އެވެ.

މި ރަސްމިއްޔާތުގެ ތެރެއިން ރައީސް ވަނީ ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާން ވެސް އަލުން ހުޅުއްވައި ދެއްވާފަ އެވެ. މި ފެންއަރުވާ ވަޑާން އަލުން ހުޅުވީ ގިނަ ދުވަސްތަކެއް ވަންދެން ބޭނުންނުކޮށް ހުއްޓައި، މަރާމާތުކޮށްގެންނެވެ.

ކުލަ ގަދަކޮށް އީދު ފާހަގަކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

އެ މަނިކުފާނު ވިދާޅުވީ މި އީދު ދިވެހިން އެކުގައި، އެއް ރޫހެއްގައި، އެއް ބަޔެއްގެ ގޮތުގައި ފާހަގަކުރަން އެދިވަޑައިގަންނަވާ ކަމަށެވެ.

"ކޮންމެ ފަދަ ކަމެއް ކުރިމަތިވިޔަސް ކޮންމެ ކަހަލަ ޚިޔާލު ތަފާތުވުމެއް އެއްވެސް ވަގުތަކު ދިމާވިޔަސް މިކަން ހަނދާން ނައްތާލައިގެން ނުވާނެ، އަޅުގަނޑުމެންނަކީ ދިވެހިންކަން، ދިވެއްސަކަށް ވީތީ ފަޚުރުވެރިވާން ޖެހޭނެކަން،" ރައީސް ވިދާޅުވި އެވެ.

ރަށްރަށުގައި ވެސް ގިނަ ބަޔަކު ބޭރަށް ނުކުމެ، މުސްލިމަކަށް ވީތީ ފަހުރުވެރިކަމާ އެކީގައި އުފާ ފާޅުކުރާ އީދަކަށް މި މުނާސަބަތު ހަދައިދިނުމަށް ރައީސް މިރޭ އެދިވަޑައިގަތެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް