ads
ސެކަންޑް ޗާންސް..!؟
(9 އޭޕްރީލް 2024 އާ ގުޅޭ) "އަދި އިތުރު އެއް ކަންތައް... މި އޮފީހުގެ ހުރިހައި ދޮރެއް މިޒްރާއަށްޓަކައި އަބަދުވެސް ހުންނާނީ ހުޅުވިފައި.. ބޭނުންވި ކޮންމެ ހިނދެއްގައި، ބޭނުން ކޮންމެ ދޮރަކުން ވަންނާންވީ.." ހިނިތުންވުމާއެކު ބުނެލިއެވެ. ބޯޖަހައިލަމުން އަހަރެން ނިކުތީމެވެ.
Advertisement

އަހަރެންގެ ފޮށި ކަބަޑު ތެރެއިން ނަގާފައި، ހުރިހައި އެއްޗެއް ފޮއްޓަށް އަޅަން ފެށީމެވެ. މަސައްކަތުގެ ތެރޭގައި ވަނިކޮށް ލޮލުގައި އަޅައިގަތީ ޕެންޑްރައިވްއެވެ. އެއީ ކޮން ޕެނޑްރައިވް އެއްކަން ރަގަޅަށް ހަނދާން އެބަހުއްޓެވެ. ކުރީ ދުވަހު ނާދިފްގެ ކޮޓަރި ސާފުކުރަނިކޮށް އެ ކޮޓަރީގެ ޓައިލްސްމަތީން ފެނުމުން އަހަރެން އޭތީ ނެގީއެވެ. ލެޕްޓޮޕްއަށް ޖަހާފައި ވީޑިއޯ ޕްލޭ ކޮށްލީމެވެ.

ދެ ލޯ ކަރުނުން ފުރުނެވެ. ލޯތްބަކީ ހާދަހައިވާ މޮޔައެއްޗެކޭ ހިތައް އެރިއެވެ.

ދެބައިކުޅަ އެއްބަޔަށް ބަލާފައި އެ ވީޑިއޯ ހުއްޓާލީމެވެ. އިތުރަށް ބަލާކަށް ކެތެއް ނުވާނެއެވެ. އެއީ ލޮނާވްލާގައި ނާދިފް ދިން އިންޓަވިއުއާއި އޭނާގެ ވީޑިއޯއެވެ.

ހިތު ލޯބި ހާމަކޮށްލާނެ އިޚްތިޔާރެއް ނެތި އިންސާނަކު ދެކެ މި މިންވަރަށް ލޯބިވުމަކީ ހާދަހައިވާ ބޮޑު ވޭނެކެވެ. މި ރިހުން އަހަރެން ތަހަންމަލްކުރާނެ ހިތްވަރެއް ދެން ނެތެވެ. ހިތުގެ ހާލަތު ބަޔާން ނުކުރެވުމަށް ވުރެން ބޮޑު ވޭނެއް މި ދުނިޔޭގައި ވާނެބާއެވެ.

ބަދަލުގައި ލޯބި ނުލިބުމުން ހަސަދަވެރި ވުމަކީވެސް ނާއިންސާފެއް ނޫނެވެ. ހިމޭންކަމުގައި މި ހިތްކުދިކުދިވެ ވީރާނާވަމުން ދާއިރުވެސް، އެކުގައި ހޭދަކޮށްލާނެ ކުޑަކުޑަ ހިނދުކޮޅަކަށް އެދިލުމަށްވެސް އަހަރެން ނުކުޅެދެއެވެ. ނަމަވެސް އެފަދަ ވަގުތަކަށް އުއްމީދު ކުރުމަކީ ކުށެއްވެސް ނޫނެވެ.

މިވަގުތު އަހަރެންގެ ހިތުގެ ހާލަކީ މިއެވެ. އޭނާގެ ހަޔާތުގައި އަހަންނަކީ އެއްވެސް މީހެއް ނޫނެވެ. އެކަމަކު މި ހިތުގެ ކޮންމެ ވިންދެއްގެ މިލްކުވެރިއަކީ އޭނާއެވެ. އަމިއްލަ ހިތުގެ މައްޗަށް އަހަރެންގެ އިޚްތިޔާރު ގެއްލުނުތާ ކިތަންމެ ދުވަހެކެވެ.

ފޮށި އެއްފަރާތް ކޮށްލާފައި އެނދުގައި އަހަރެން އިށީނީމެވެ. އިސްޖަހައިލެވުނީ އިޚްތިޔާރަކު ނޫނެވެ.

"މާދަމާއަކީ އެންމެ ފަހު ދުވަސް.. އަހަރެންގެ އެންމެ ފަހު ދުވަސް" ފުން ނޭވާޔަކާއެކު އަހަރެން ބުނެލީމެވެ.

...................

އަހަރެންގެ ސިކުނޑީގައި މިވަނީ ކޮންފަދަ ޚިޔާލްތަކެއް ހެއްޔެވެ؟ މިޒްރާ!!! ކީއްވެ ހެއްޔެވެ؟

އަހަރެންގެ ހިތް އޭނާއަށް ލެނބި ނިމިއްޖެއެވެ. މި ހިތުގެ އިޚްތިޔާރު އަހަރެން އަތުން ބީވެއްޖެއެވެ. ދެކެން ބޭނުންވާ ހަމައެކަނި ސޫރައަކީ މިޒްރާއެވެ. ގާތުގައި ވުމަށް ހިތް އެދެނީ ހަމައެކަނި މިޒްރާއެވެ.

އަނެއްކާވެސް ސިކުނޑީގެ ހަނގުރާއެއް ފެށުނީއެވެ.

"އިޓްސް ޖަސްޓް އަ ޑްރީމް ނާދިފް.. ކޮންމެ ހުވަފެނެއް ހަގީތަކަށް ނުވާނެ.." އަހަރެންގެ ނަފުސަށް ބުނެލީމެވެ. ފުންނޭވާޔަކާއެކު ތެދުވެ ފާޚާނާއަށް ވަނީމެވެ.

................

ނުލާއި ހުދުކުލައިގެ ހުރަސްރޮނގުދެމި ޓީޝަރޓަކާއި ވިލު ނޫ ކުލައިގެ ޝޯޓެއް ލައިގެން އަހަރެން ނިކުތީމެވެ.

މިއަދަކީ ހޮނިހިރު ދުވަހެވެ. އަރާމުކޮށްލަން ރަގަޅު ދުވަހެކެވެ. އަތުގައި އޮތް ގަޑިއަށް ބަލައިލީމެވެ. ހެނދުނު ދިހައެއް ޖެހީއެވެ. އަތް ދަމާލާފައި ކުޑަކޮށް ކަސްރަތުކޮށްލަމުން ތިރިއަށް ފޭބީމެވެ. މުޅިގޭތެރޭގައިވަނީ ހަމަހިމޭންކަމެވެ. މިޒްރާ ގޭގައި ނެތީކަމަށް ނިންމީމެވެ. އެހެންނަމަވެސް ހިތް އެދުނީ އޭނާގެ ޚަބަރެއް ބަލައިލުމަށެވެ. މުޅި ގެ ބެލީމެވެ. އެއްވެސް އިޝާރާތެއް ނެތުމުން އޭނާގެ ކޮޓަރިއަށް ދިޔައީމެވެ.

ދޮރުހުރީ ހުޅުވާފައެވެ. އެތެރެއަށް ބޯ ދިއްކޮށްލީމެވެ. ނަސީބަކުން އެބައިނެވެ. އެނދުގައި އިށީންދެ އިސްޖަހައިލެވުނެވެ. ދެބައިކުޅައެއްބަޔަށް އެއްޗެހި އަޅައި ފުރާފައި ހުރި ފޮއްޓެއް މިޒްރާ ގާތުގައި ހުއްޓެވެ.

އޭނާގެ ޑައިރީ، މޭޒުމަތީގައި އޮތެވެ. 

ކޮޓަރީގެ އެކިދިމަދިމާއަށް އަހަރެންގެ ލޯ ހަރަކާތްކުރަމުން ދަނިކޮށް މަޑުމަޑުން މިޒްރާ ކޮންމެވެސް އެއްޗެއް ކިޔާ އަޑު، އަހަރެންގެ ކަންފަތުގައި ޖެހުނެވެ. ނަމަވެސް ކިޔަނީ ކޯންޗެކޭ ކަމެއް ސާފެއް ނުވިއެވެ. ކުޑަކޮށް އެތެރެއަށް ވަނީމެވެ. ކުއްލިޔަކަށް މިޒްރާއަށް އަހަރެން ފެނުނުވަގުތު ތެޅިގަތެވެ. ފޮށީގައި ހުރި ހުރިހައި އެއްޗަކާއެކު ބިންމައްޗަށް ވެއްޓި މުޅިތަނަށް ހުރިހައި އެއްޗެއް ބުރައިގެން ދިޔައެވެ.

ބޭނުންކޮށްފައިވާ މަސްކާރާއާއި އައިލައިނަރ މޫނުގެ އެތަން މިތަނަށް ފޭދިފައިވެއެވެ. ދެ ލޯ ދުޅަވެ މޫނު ރަތްވެފައިވެއެވެ. މަސްކާރާގެ އަސަރު ބައެއް އިނގިލިތަކުގައިވެސް ހުއްޓެވެ.

މިޒްރާއަށް ކިހިނެއްވީ ބާއެވެ. އިތުރަށް ގޯސްވާންވީކަމެއް، ހިތައް ގެންނާންވެސް ނޭގުނެވެ. ރޭގައި އެންމެ ފަހުން ފެނުނުއިރު އޭނާ މުޅިން ރަގަޅެވެ. ކަމެއް ގޯސްކަމުގެ އިޝާރާތެއް އޭރު ފާހަގައެއް ނުކުރެވެއެވެ.

"އަހެމްމ..."

ސަމާލުކަން ހޯދުމުގެ ގޮތުން ކަރު ކެހެލީމެވެ.

އަހަރެންގެ އަޑަށް ސިހިފައި ބަލައިލިއެވެ. ހަމައެއާއެކު ކޮޅަށް ތެދުވިއެވެ.

"އަހަންނަށް ކުށެއް ކުރެވުނީ ތަ..؟" އަހަރެން އަހައިލީމެވެ.

ދެ ލޮލާއި މޫނުފޮހެލަމުން ނޫނެކޭބުނެ، ދެފަރާތަށް ބޯ ހޫރުވާލިއެވެ.

"ވައި ދަ ޓިއަރސް؟"

"އެއްވެސްކަމެއް ނުވޭ.. މިއުޅެނީ އެއްޗެއް ގެއްލިގެން.. އޭތި ނުފެނިގެން"

"އޯއ..! ޝުޑް އައި ހެލްޕް؟" ބުމަ އަރުވާލަމުން އަހަރެން އަހައިލީމެވެ.

"އާހ... ނޯ.. ނޯ.. އައި އެމް ފައިން.."

"ޔޫ ޝުއަރ ޔޯ... އޯކޭ؟!"

"ނެވ.. ނެވަރ ފެލްޓް ބެޓަރ" ގަދަކަމުން ހިނިތުންވާން މަސައްކަތްކުރަމުން ނޭވާއެއްލާފައި ބުނެލިއެވެ. އަހަރެންނަށް ކޮންމެވެސް ކަމެއް މިޒްރާ ސިއްރުކުރަނީކަން ޔަގީނެވެ. މުޅިކޮޓަރިއަށް އަނެއްކާވެސް ބަލައިލީމެވެ. އެއްޗެހި އަޅަންފަށާފައި އޮތްފޮށި އަހަރެންގެ ސަމާލުކަމަށް އައީ އެވަގުތުއެވެ.

"މި ފޮށި..؟!"

ޖަވާބު ދިނުމުގެ ކުރިން އަނެއްކާވެސް މޫނު ފޮހެލިއެވެ.

"އާން.. ބޮޑު އަލަމާރިއެއް ނެތިފަ.. ކުޑަކޮޓަރިއެއް ވީމަ.."

މިފަހަރު ޔަގީންވިއެވެ. ޝަކުވާއަކީ މިޒްރާގެ ބަސްފޮތުގައި އޮންނަ ބަހެއްވެސް ނޫނެވެ. ގޯސްވެގެން މިއުޅެނީ ކޮން ކަމެއް ހެއްޔެވެ؟ މިޒްރާ ފޮރުވާން މަސައްކަތް މިކުރަނީ ކޮން ކަމެއްބާއެވެ.

"މިޒްރާ.. ކިހިނެއް ވެގެން ތިއުޅެނީ.. އަހަންނަށް ބުނެދީފާނަން..؟" މިޒްރާއާއި ގާތަށް ޖެހިލަމުން އަހަރެން ވާހަކަދެއްކީ މަޑުމައިތިރި ކަމާއެކުއެވެ.

"ބުނެފީމެއްނުން.. ކަމެއް ނުވެޔޭ.. ހުރިހާކަމެއްވެސް ރަގަޅު" ރާގު ބަދަލުކޮށް ހަރުކަށިވާން މަސައްކަތްކުރަމުން މިޒްރާ ބުންޏެވެ.

"ހުރިހައި ކަމެއް ރަގަޅު! ޔާ.. ޔާ! ތިމާ މީހާގެ ހާލަތު ދެކިބަލަ..؟" މޫނަށް އިޝާރާތްކުރަމުން އަހަރެން ބުނީމެވެ. ކުއްލިޔަކަށް މިޒްރާ އަހަންނާއި ކުރިމަތިލިއެވެ. ކޮޓަރިން އަހަރެން ބޭރުކުރުމަށްޓަކައި ކޮށްޕާލިއެވެ. އޭނާގެ ގައިގައި އެއްވެސް ހަކަތައެއް ނެތްކަން އެ ހަރަކާތުން އެނގުނެވެ.

"ޖަސްޓް ލީވް" މިޒްރާ ބުނެލި އެވެ.

އެންމެ އިންޗިއެއްވެސް އަހަރެން ފަހަތައް ޖެހިނުލަމެވެ. ދެއަތުން މަސައްކަތް ކުރުމުންވެސް އޭނާއަށް އަހަރެން އެތަނުން ގުޑުވައެއް ނުލެވުނެވެ.

"ނާދިފް މިތަނުން ނިކުންނާށޭ މިބުނީ.."

މެދުނުކެނޑި އެއް ޖުމުލައެއް މިޒްރާ ތަކުރާރުކުރީ ކިތައް ފަހަރުކަމެއް ނޭގެއެވެ. އެންމެ ފިޔަވަޅެއްވެސް ފަހަތަށް ޖެހިނުލައި އަހަރެން މަޑުކުރީމެވެ. ލަސްތަކެއްނުވެ، ގަދައަޑުން މިޒްރާ ރޯން ފަށައިފިއެވެ. އަހަރެންގެ ޓީޝަރޓްގައި ބާރަށް ހިފަހައްޓާފައި މޭގައި ބޯއަޅައިލިއެވެ. މިޒްރާއަށް އަހަރެން ބަލައިލީމެވެ. ރޮމުން ގިސްލަނީއެވެ. ހިތައް ތަދުވި މަންޒަރެކެވެ. އެކަމަކު..!

ރޮއެރޮއެ ވަރުބަލިވެގެން ހުއްޓައިލިއެވެ.

"ނާދިފް ޕްލީޒް ލީވް.."

އަހަރެންނާއި ދުރަށްޖެހިލަމުން  ބުނެލިއެވެ.  ނިކުންނާން ފަސްއެނބުރުމުގެ ކުރީން ފަރުވާތެރިކަމާއެކު އޭނާއަށް ބަލައިލީމެވެ. ކުއްލިޔަކަށް ލޮލުގައި އަޅައިގަތީ ޑެސްކްމަތީގައި ބަހައްޓާފައި އިން ލެޕްޓޮޕްއެވެ. ސްކްރީނުން ފެންނާން އިން ފޮޓޯއަށް އަހަރެން ބަލައިލީމެވެ. ވީޑިއޯ ހުއްޓުވާލާފައިވަނީ ކިހައި ހިސާބަކުންތޯ ބަލަން މަސައްކަތް ކުރީމެވެ. އެކަމަކު އެއިގެކުރީން އަހަރެންގެ ކުރިމައްޗަށް އަރައި އެތަނުން އަހަރެން ނެރެން އޭނާ މަސައްކަތް ފެށިއެވެ.

މިޒްރާގެ ހަރަކާތްތައް ހުރިގޮތް ނަގައިގަންނާން އަހަންނަކަށް ނޭގުނެވެ. ބޭނުންވީ އޭނާއަށް އެހީތެރިވެދޭށެވެ. އެވަރު ނުދަންނަ ނަމަ، އޭނާއަށް އަހަރެންގެ ފަރާތުން މި މިންވަރުވެސް ހައްގެއް ނޫނެވެ.

އެކައްޗެއްވެސް ނުބުނެ އަހަރެން ނިކުތީމެވެ.

..................

ޕޫލްތެރެއަށް ފައިލައިގެން، ފުން ވިސްނުމެއްގައި އަހަރެން އޮތީމެވެ. މިތަނުގައި ހޭދަކުރެވުނީ ކިހައި ވަގުތެއްކަން ބުނާކާށް ނޭގެއެވެ.

އަހަރެން ނާދިފް ބޭނުމެވެ. ކޮންމެ ހާލެއްގައިވެސް ނާދިފް ބޭނުމެވެ. ކަނޑުގެ ބިޔަރާޅުތައް ދެމެމުންއައިސް ހިމޭންކަމާއެކު ގޮނޑުދޮށަށް ބީއްސާލާ ފަދައިންނެވެ. އުޑުމަތީ ކަޅުވެ ވެހެގަތުމަށް ތައްޔާރު ވެފައިވާ ބޯ ވިއްސާރަ ވިލާގަނޑު ބިމަށް ވެހެގަތުމަށް ބޭނުންވާ ފަދައިންނެވެ. އަދި އިރުގެ ރަން ދޯދިތައް އުޖާލާދުވަހަކަށް ވިދާބަބުޅާ ފަދައިންނެވެ. އެކަމަކު ހަގީގަތަކީ، މިއިން އެއްވެސް ކަމަކާއި ގާތްނުވެވޭހައި އަހަރުމެން ދެމީހުންގެ ގުޅުން އިންތިހާއަށް ދުރެވެ.

"އަހެމް.." އާދައިގެ މަތީން އަހަރެންގެ ސަމާލުކަން ހޯދުމަށް ނާދިފް ކަރުކެހެލިއެވެ.

"ސޯ؟"

އަހަރެންނާއި ދިމާއަށް ބަލައިލަމުން ބުންޏެވެ.

"ސޯ؟!" އަހަރެންވެސް ބުނެލީމެވެ.

"ނަތިންގ.." ނާދިފްގެ ޖުމުލަ ނިމުނުކަން ނުވަތަ ނޫންކަމެއްވެސް ނޭގެއެވެ. އަހަރެން އޮތީ ޕޫލް ތެރޭގައެވެ.

"ނާދިފް.. އަހަންނަށް ފަތާކަށް ނޭގޭ.." ގަތްބިރުން  ހަޅޭއްލަވަން ފެށީމެވެ.

...............

"ތިބާގެ ރިހުމާއި ހިތްދަތިކަން ހަނދާން ނެތި، އެޅި ކަރުނައާއި އުފުލި ވޭންތަކުގެ އަސްލަކީ ކޮބައިކަންވެސް ހަނދާން ނެތޭނެ ދުވަހެއް އަންނާނެއެވެ. ހަގީގަތުގައި މިނިވަންކަމުގެ ސިއްރަކީ ބަދަލުހިފުމެއް ނޫންކަން ގަބޫލުކުރެވޭނެއެވެ. އެކަމެއްގެ އަމިއްލަ ޒާތުގައި އެކަމަކަށް އެންމެ އެކަށީގެންވާ ވަގުތުގައި ހުރިހައިކަމެއް ހަމަޔަކަށްއެޅި ހައްލުވެގެންދާން ދޫކޮށްލުމަކީ ކިހައިބޮޑު ހިތްހަމަޖެހުމެއްކަން ތިބާ އިހްސާސް ކުރާނެއެވެ. އާޚިރުގައި މުހިއްމުވަނީ އައްވަލް ނަންބަރެއް ނޫނެވެ.  އެކަމަކު ހަޔާތުގެ އެންމެ ފަހު ޞަފްހާގައި، ތިބާގެ ރޭސް ނިންމި ގޮތުގެ ވާހަކައެވެ.

ހިނިތުންވެ، މަޢާފުކުރާށެވެ. އިތުބާރުކޮށް،  ލޯބީގެ އާފެށުމަކަށް ޖާގަދޭށެވެ. ކޮންމެ އިންސާނަކަށްވެސް ދެވަނަ ފުރުސަތެއް ހައްޤެވެ. 'އަ ސެކަންޑް ޗާންސް އިޒް އޯލްވޭސް ވޯތް އިޓް!"

އަހަރެންގެ ދެ ލޯ ހުއްޓުނީ އެންމެ ފަހު ޢިބާރަތަށެވެ. ލޯތްބަށް ދެވަނަ ފުރުސަތެއް ދިނުން ހައްޤުބާއެވެ؟ އެކަމަކު ދެވަނަ ފަހަރު ތަކުރާރުކޮށް އެއް ވޭންތަކެއް އުފުލުމަކީ ހިތަކަށް ކުޅަދާނަ ވަރުގެ އަނިޔާއެއް ހެއްޔެވެ؟ ލޯބީގެ މާނައަކީވެސް ހިތާމައެވެ. ހަޔާތުގެ ދަތުރުގައި މިހައި ހިސާބަށް ދަތުރުކުރެވުނުއިރު، އެކަން އަހަރެން ގަބޫލުކޮށް ނިމިއްޖެއެވެ. އެކަމަކު ޕްރީޝާއާއި އަހަރެން ދެމެދުގައި ދުވަހަކުވެސް 'ލޯބި' އުފެދިފައި ނުވާކަމަށްވަންޏާއި ދެން..؟ ހަގީގަތުގައިވެސް ޕްރީޝާ ވެފައިވަނީ އަހަރެންގެ ދިރިއުޅުމުގެ އާދައަކަށް

ބާއެވެ! ދިރިހުރި އިންސާނަކީ އަނެއް އިންސާނެއްގެ ދިރިއުޅުމުގެ އާދައަކަށް ވެދާނެ ބާއެވެ..؟!

އެއްފަރާތެއްގައި އަހަރެން ފޮތް ބާއްވައިލީމެވެ. އިޙްސާސާއި ލޯތްބާއިމެދު ވިސްނަން ފަށައިފިއްޔާ އަހަރެންގެ ބޮލުގައި ރިއްސުމަކީ އާންމު ބައްޔަކެވެ. ސިކުނޑިއަށް ލުޔެއް ހޯދުމަށް އަހަރެން ގޭތެރެއަށް ނިކުތީމެވެ.

ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ބިއލޫރިގަނޑުން ފެނުނު މަންޒަރެވެ.

ޕޫލްތެރެއަށް ފައި ލައިގެން ޕޫލްގެ ކައިރިފަށުގައި އޮށޯވެލައިގެން، ފުންޚިޔާލެއްގައި މިޒްރާ އޮތެވެ. އަހަރެން މިޒްރާއާއި ވާހަކަ ދައްކަން ބޭނުމެވެ. ފަހަކަށްއައިސް މިޒްރާގެ އަމަލުތައް ބަހައްޓަމުން އަންނަނީ މުޅިން ތަފާތު ގޮތަކަށެވެ. އަހަރެންނާއިމެދު މުއާމަލާތުކޮށް ކުރިމަތިލަނީވެސް ސުވާލު އުފެދޭ ގޮތަށެވެ. މިއަދު އެ ކޮޓަރީން އަހަރެން ނެރެން އުޅުނުގޮތާއި މިޒްރާގެ ހަރަކާތްތަކާއި އޭނާ ބުނާ ޢިބާރާތްތައް ގުޅުވައެއް ނުލެވުނެވެ.

އަހަރެން ކަރުކެހެލި އަޑަށް ފުއްމައިގެން ތެދުވިއެވެ. ހަދާނެގޮތަކާއި މެދުގައި ވިސްނާލީމެވެ. 'އާދައިގެ ގޮތަކަށް' މިޒްރާއާއި ވާހަކައެއް ދެއްކުން ކުރިއަށް ނުގެންދެވޭނެކަން އަހަންނަށް ޔަގީންވެއެވެ. މުޅިން ތަފާތު އުކުޅެއް ބޭނުންކުރަން ނިންމީމެވެ. މިއީ މަޖާކަމަކަށް ވެގެންދާނެއެވެ.

ވިސްނާލަން ވަގުތުކޮޅެއްވެސް ނުދީ އަހަރެންނާއެކު ޕޫލްތެރެއަށް މިޒްރާ ދަމައިގަތީމެވެ. ހާސްވެގެން ތެޅިގަތެވެ. ފަތަން ނޭގޭކަމަށްބުނެ ސަލާމަތް ވާންވެސް މަސައްކަތްކުރިއެވެ.

އެއް މިޔަކަނުން ހިނިއައިސްފައި ހުރެ، އެހީތެރިވުމަށް އަތް ދިއްކޮށްލީމެވެ. ވަރަށް ބާރަށް އަހަރެންގެ އަތުގައި ހިފިއެވެ.

ކުއްލިޔަކަށް އޭނާ ގެނެސް އަހަރެންގެ ގައިގައި ތަތްކޮށްލީމެވެ. ހާސްކަމާއި ގަތްފައިވާ ބިރު މަޑުމަޑުން ފަނޑުވާން ފެށިކަން އެ ރީތި ދެ ލޮލުން ސާފުކޮށް ފެނުނެވެ.

"އައި ނީޑް ޓު ޓޯކް"

"މިގޮތަށް...؟!"

"ހެނދުނު މިޒްރާ ކައިރިއަށް ދިޔާމާވެސް ކޮޓަރިން ނެރެ ބޭރުކޮށްލީ.. އެހެންވީމަ ވާހަކަ ދެއްކޭނެ ރަގަޅު ގޮތެއް މި ހޯދީ" ދިމާކޮށްލުމުގެ ގޮތުން  ބުނީމެވެ.

ދުރަށް ބަލައިލާފައިވެސް އަނެއްކާ އަހަރެންގެ ލޮލަށް ބަލައިލިއެވެ.

"ކޮންކަމަކާއި ބެހޭގޮތުން، ކޮން ވާހަކައެއް ދައްކަން..؟"

"އެނގެން ބޭނުމީ އެ ވީޑިއޯ ފްޓޭޖްތައް ދެއްކީ ކީއްވެގެންކަން.."

ތަފާތު ނަޒަރަކުން އަހަރެއްނާއި ދިމާއަށް ބަލައިލިއެވެ.

"ބުނަން ތިއުޅެނީ ކީކޭ..؟"

"މިބުނީ.. އަހަންނަށް ވިސްނޭ، އޮފީސް ފައިލްތަކާއި ގުޅޭ ވީޑިއޯ ދެއްކި ސަބަބު.. އެކަމަކު ދެން އަނެއް ވީޑިއޯ.. އެދެމީހުންގެ..؟ ކީއްވެ؟"

މިޒްރާގެ ލޮލާއި މޫނުގެ އިހްސާސްތަކުން އަހަރެންގެ ގައިން ހީބިހިނެގިއެވެ. އެ ލޮލުގެ ތެރެއަށް އަހަރެން ގެނބެމުންދަނީކަން އެގެއެވެ.

ހިތްގައިމު، ރީތީ ދެ ލޮލެވެ. ތެދުވެރިކަމާއި މައުސޫމުކަމުން ވިދާބަބުޅަނީއެވެ. ލޯބިލޯބި ކުޑަކުޑަ ނޭފަތެކެވެ. އެކިވަރުވަރަށް ކޮށާލާފައިވާ ބައެއް އިސްތަށިތައް އޭނާގެ މޫނާއި ސަމާސާކުރަމުން ދިޔައެވެ. އިސްތަށިތައް އެއްފަރާތްކުރަމުން ލޮބުވެތި ހިނިތުންވުމަކާއެކު އޭނާ އަހަންނަށް ބަލައިލިއެވެ. ބުނާނެ އެއްޗެއް ނޭގުނެވެ.  އެއީ އޭނާއަށް ވެދާނެ ކަމަށް އަހަރެން އެންމެ ފަހަރަކުވެސް އުއްމީދެއް ނުކުރަމެވެ. އޭނާއަށް ވެދާނެޔޭ ހިތަކަށްވެސް ނާރައެވެ.

"މިޒްރާ؟!" މަޑުމަޑުން އަހަރެން ގޮވައިލީމެވެ. އަދިވެސް އެ މޫނުން އަހަރެންގެ ނަޒަރު ދުރަކަށް ނުލަމެވެ. ލޮބުވެތިކަމާއެކު ހިނިތުން ވެފައިވާ މޫނުގެ އުޖާލާކަން ފަނޑު ނުވެއެވެ.

ސިއްސައިގެން ދިޔައެވެ. ގެންނާންވީ ހަރަކާތެއް ނޭގުނެވެ. މިވަގުތުގައިވެސް ފެނުނީ ހުވަފެނެކެވެ. ހަމަޔަކަށް އެޅެން ވަގުތުކޮޅެއް ނެގިއެވެ.

"ނާދިފް.. އަހަރެން ކުރަންހުރި މަސައްކަތްތައް އެބަހުރި" މިޒްރާގެ އަޑު އަހަރެންގެ ހިތު ވިންދު ބަދަލުކޮށްލިއެވެ.

"ތިއީ އަހަރެންގެ ސުވާލުގެ ޖަވާބެއް ނޫން"

"ނާދިފް ޕްލީޒް" އޭނާ އާދޭސްކުރިއެވެ.

މިޒްރާއަށް މިވަނީ ކިހިނެއް ހެއްޔެވެ؟ އޭނާގެ މޫނުގެ ކުލަ ބަދަލުވެއްޖެއެވެ. ގުނައި އަދަދު ނުކުރެވޭ މިންވަރަށް އެ ހިތާއި ސިކުނޑިއަށް ބަރުބޮޑުކޮށްފައިވެއެވެ.

އެކަމަކު މިއަދު މިންޖުވެވުމެއް ނެތެވެ! ހަގީގަތް އެނގެން އަހަރެން ބޭނުމެވެ. އެކި ގޮތްގޮތަށް އެކި ފަހަރުމަތީން މިކަމަށް މަސައްކަތްކުރީމެވެ. ކޮންމެ ފަހަރަކުވަނީ ނާކާމިޔާބެވެ. އެކަމަކު މިއީ އަހަރެންގެ ފަހަރެވެ.

"ނާދިފް ޕްލީޒް"

އެއްމިޔަކަނުން ހިނިއައިސްފައި ލާނެއް ގޮތަކަށް ހީލީމެވެ. ވަގުތުން މިޒްރާގެ ގައިން ދޫކޮށްލީމެވެ. ހާސްވެގެން ދެއަތުގައި ހުރި ބާރެއް ލާފައި ބަކަތަޅަން ފެށިއެވެ.

ވަރުބަލިވާހެން ހީވުމުން އަހަރެން ގާތްވެލީމެވެ. ގައިހުރިބާރެއް ލާފައި އަހަރެން ގައިގައި ބައްދާލިއެވެ. އަހަރެން މިޒްރާގެ އުނަގަނޑުގައި ބައްދާލީމެވެ.

"ބުނޭ" އަންހެން ކުއްޖެއްގެ މެދުހަށިން ވިންދު ޖަހާލާފަދަ ބެލުމަކުން މިޒްރާއަށް ބަލަމުން،  އަހަރެންގެ ފިރިހެންވަންތަ އަޑުގެ ބޭނުން ފުރިހަމަޔަށް ހިފީމެވެ.

"ބުނެދޭކަށް ނޭގޭ" އަހަރެންގެ ލޮލުގެ ތެރެއަށް ގެނބެމުންދިޔަ ހާލުގައިވެސް އޭނާގެ އަޒުމަށް ބަދަލެއް ނައެވެ.

"ނާދިފް ޕްލީޒް ލެޓް މީ ގޯ"

"ނޯ - ނޮޓް ދިސް ޓައިމް" ކަންފަތު ފޫޅުގައި ބީހިލަމުން  ބުނެލީމެވެ.

ކުރިއަށްވުރެންވެސް އަހަރެންގެ ގަޔާއި ކައިރިކޮށްލީމެވެ. ދެމީހުންގެ ހަށިގަނޑުގައި އުތުރި އަރަމުންދިޔަ އިހްސާސްތަކުން ރެކެން މިކުރާ މަސައްކަތުގައި މިޒްރާ ޖެހޭނީ ގޮތް ދޫކުރާށެވެ.

-ނުނިމޭ-

~ޢީދު މުބާރަކް~

                            -ލަވް، ފުނަމާ-

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް