ހައްދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޅު މާވަށުގައި ވާހަކަދައްކަވަމުން ރަޢީސް މުއިއްޒުވަނީ މިހާރު އޮތް މަޖިލީހުން ސަރުކާރަށް އެއްބާރުލުން ނުދޭކަމަކަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާފައެވެ. ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވެވެޑައިގެންނެވި ވައުދުތައް ފުއްދުމުގައި އެންމެ މުހިއްމު ތަނަކީ ރައްޔިތުން މަޖިލިސްކަަމަށެވެ.
ރަޢީސް ވިދާޅުވީ ބޭރު ގައުމުތަކަށް ސަފީރުން ފޮނުވުމަށް ނަންތައް މަޖިލީހަށް ފޮނުވުމުން އެކަމުގައި މަޖިލީހުން ލަސްކުރަމުންދާކަމަށެވެ.
ސަފީރުކަމަށް ރުހުން ހޯދުމަށް މަޖިލިހަށް ފޮނުވާފައިވާ ނަންތައް
- މުހައްމަދު ހުސެއިން ޝަރީފް (މުންދު) / ޔޫއެޢީ
- އިރުތިޝާމް އާދަމް / އިނގިރެސިވިލާތް
- އަލީ ނަސީރު މުހައްމަދު (އަލިނީ) / އދ
- މަސްއޫދު އިމާދު / ސްރީލަންކާ
- މަރިޔަމް ޝަބީނާ އަހުމަދު / މެލޭޝިޔާ
- ގީލާ އަލީ / ބެލްޖިމް އާއި އީޔޫ
- މުހައްމަދު ލުވޭޒު / ސިންގަޕޫރް
- ޑރ. ސަލްމާ ރަޝީދު / ޖެނީވާ
- ޑރ. ފަޒީލް ނަޖީބް / ޗައިނާ
- ޝިއުނީން ރަޝީދު / ބަންގަލަދޭޝް
ސަފީރުކަމަށް އައްޔަންކުރަން 10 ނަމެއް ރައީސް ވަނީ މަޖިލީހަށް ފޮނުވާފައެވެ. މީގެތެރެއިން 4 ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުވީ މިދިޔަ އަހަރުގެ ޑިސެމްބަރު 23ގައެވެ. އެއީ މޮންދުއާއި އިރުތިޝާމް އަދި އަލިނީގެ ނަމެވެ.
އޭގެ ފަހުން މަސްއޫދު އިމާދާއި ޝަބީނާ އަހްމަދާއި ގީލާގެ ނަން ރައީސް މަޖިލީހަށް ފޮނުވީ މިދިޔަ މަހުގެ 6 ވަނަދުވަހުއެވެ. އަދި މިިދިޔަ މަހުގެ 13 ވަނަދުވަހުވެސް ސަފީރުކަމަށް އައްޔަންކުރުމަށް 2 ނަމެއް ރައީސް ވަނީ މަޖިލީހަށް ފޮނުވާފައެވެ. އެއީ ސަލްމާ ރަޝީދާއި ލުވޭޒްގެ ނަމެވެ.
މީގެތެރެއިން ސަލްމާއަކީ ޕީއެންސީގެ ޓިކެޓްގައި މަޖިލީހުގެ މާފަންނު މެދު ދާއިރާއަށް ވާދަކުރާ އަސްމާ ރަޝީދުގެ އެއްބަނޑު އެއްބަފާ ކޮއްކޮއެވެ. އަދި ޔޫއޭއީގެ ސަފީރުކަމަށް އައްޔަން ކުރަން ރައީސް ނިންމާފައިވާ މުހައްމަދު ހުސައިން ޝަރީފު (މުންދު) އާއި ސޯޝަލް އެންޑް ފެމެލީ ޑިވޮލޮޕްމެނެޓްގެ ސްޓޭޓް މިނިސްޓަރ އައިމިނަތު ހުސެއިން ޝަރީފްގެ ބޮޑުދައިތައެވެ.
އެންމެފަހުން ސަފީރުކަމަށް އައްޔަންކުރަން ފޮނުވާފައިވަނީ ޑރ. ފަޒީލް ނަޖީބާއި ޝިއުނީން ރަޝީދުގެ ނަމެވެ. މި ނަންތައް ރައީސް މަޖިލީހަށް ފޮނުވީ މިދިޔަ މަހުގެ 27 ގައެވެ.
ސަފީރުކަމަށް އައްޔަންކުރުމަށް ފޮނުވާފައިވާ ނަންތައް ދިރާސާކޮށް އެ ބޭފުޅުންނާއި ކުރަންޖެހޭ އިންޓަވިއުތައްވެސް މަޖިލީހުގެ ހަރިޖީ ކޮމެޓިން ވަނީ ބާއްވާފައެވެ. އެ ކޮމެޓީން ނިންމުމުން ތަޅުމުގައި ބަހުސްކޮށް ނަންތަކަަށް ވޯޓަށް އަހަންޖެހެއެެވެ.