ads
ރައީސް މާވަށު ކައުންސިލަރުންނާއި މަޝްވަރާކުރެއްވުން
ރައީސް، ލ. މާވަށު ކައުންސިލާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފި
ރައީސް ޑރ މުހައްމަދު މުއިއްޒު، ލ. މާވަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އާ ބައްދަލުކުރައްވައި ރަށުގެ ތަރައްގީއަށް އެންމެ މުހިންމު ކަންކަމާގުޅޭގޮތުން މަޝްވަރާކުރައްވައިފި އެވެ.
Advertisement

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ހައްދުންމަތީ މާވަށު ކަންސިލް އިދާރާގަ އެވެ.

ރައީސް ލާމު އަތޮޅަށް ކުރައްވާ ޒިޔާރަތުގައި ފުރަތަމަ މަންޒިލެއްގެ ގޮތުން މާވަށަށް މިއަދު ވަޑައިގެންނެވުމަކީ މި ސަރުކާރުން މާވަށަށް ދެއްވާ އިސްކަން ހާމަވިކަމެއް ކަމުގައި މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި އެވެ. އަދި ދަތުރުފަތުރުގެ ދަތިކަމާއި ލާމު އަތޮޅުގެ އެހެން ރަށްރަށާ ހުރި ދުރުމިން ފާހަގަކުރައްވާ މާވަށު ކައުންސިލުން ވަނީ ހައްދުންމަތީގައި ދެވަނަ އެއަރޕޯޓެއް ޤާއިމުކުރާނަމަ މާވަށުގައި އެ އެއަރޕޯޓު ޤާއިމުކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ. 

މީގެ އިތުރުން ޓޫރިޒަމް ތަރައްގީ ކުރުމާއި ޞިއްޙީ ޚިދުމަތް ތަރައްޤީ ކުރުމާއި ގޯތި ދިނުމަށް ބިން ދޫކުރުމަށް ބިން ހިއްކުމުގެ މުހިންމުކަމުގެ މައްޗަށް ކައުންސިލް މެންބަރުންގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވި އެވެ.

މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި މުހިންމު ކަންތައްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފަ އެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ކުރިޔަށްދާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފަ އެވެ.

ލ. މާވަށަށް މިއަދު ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ކުރިން އެރަށުގެ ބިން ހިއްކުމަށް އޮތީ 15 ހެކްޓަރު ކަމުގައިވިޔަސް ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންގޮސް ނިމޭއިރު ޖުމްލަ 30 ހެކްޓަރުގެ ބިން ހިއްކައިދޭނެ ކަމަށެވެ.

"މާވަށަށް ކުރިމަތިވާ އުދައެރުމުގެ މައްސަލައަށް ވެސް ހައްލެއް ލިބޭގޮތަށް އެ ސަރަހައްދު [މިމަޝްރޫއުގެ ތެރެއިން ހިމާޔަތްކުރެވިގެންދާނެ،" ރައީސް ވިދާޅުވި އެވެ.


އެމަނިކުފާނު ވިދާޅުވީ މި ސަރުކާރު އައިއިރު މުޅި ރާއްޖޭގައި ހުއްޓިފައިހުރި ބައެއް މަޝްރޫއުތައް އަލުން ފަށައިގެން މިހާރު ކުރިއަށްދާ ކަމަށެވެ. އަދި 50 މިލިއަން ރުފިޔާ އިން މަތީގެ ހަރަދުތައް ހިނގާ ބޮޑެތި މަޝްރޫއުތައްވެސް އެކި މަސްތަކަށް ބަހާލައިގެން ކުރިއަށް ގެންދާނެ ކަމުގައި ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް