ސަރުކާރުގެ ބައެއް ވަޒީރުން ހިމެނިގެން މިދިޔަ ހަފްތާގައި ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ރައީސް ޔާމީނުގެ އަނބިކަނބަލުންނާއި ދަރިކަލުންގެ އިތުރަށް މުސްތަފާއަށްވެސް ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެންމެ ބޮޑަށް ފާޑު ވިދާޅުވީ އަބްދުއްރަހީމް އެވެ.
އެގޮތުން ކުރި ރައީސް ޔާމީން މިނިވަންކުރަން ގޮވާލާ ކުރި މުޒާހަރާތަކަށް މި ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި މީހުން ނުނިކުންނަކަމަށް ވިދާޅުވާއިރު އެމަނިކުފާނުގެ އަނބިކަނބަލުންނާއި ދަރިކަލުން މުޒާހަރާއަށް ނުނިކުތީ ކީއްވެތޯ އަބްދުއްރަހީމް ވަނީ ސުވާލުކުރައްވާފައެވެ. އަދި ޗީފް އޮފް ސްޓާފަކަށް ހުންނެވި މުސްތަފާ ކިތައް މުޒާހަރާއިން ފެނުނުތޯވެސް އަބްދުއްރަހީމް ވަނީ ސުވާލު ކުރައްވާފަ އެވެ.
މި ވާހަކަތަކަށް ރައްދުދެއްވަމުން މުސްތާފާ މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އިހަށް ރޭ ޗީފް މުސްތަފާ ފެނުނުތޯ އަބްދުއްރަހީމާ ސުވާލުކޮށްފައެވެ. މުސްތަފާ އެ ވިދާޅުވީ ޕީއެންއެފް އުފެއްދުމަށް ބޭއްވި ޖަލްސާ އޮތް ރޭގެ ވާހަކައެވެ. މުސްތަފާ ވިދާޅުވީ ދެން ވަރަށް ގިނައިން ފެންނާނެކަމަށާއި ބެކްބެންޗް މާ ވަރުގަދަވާނެކަމަށެވެ. އަދި މުއިއްޒު ވެރިކަން ގޯހުންދާކަމަށްވެސް މުސްތަފާ ވަނީ ވިދާޅުވެފަ އެވެ.
ރައީސް ޔާމީނަށް ވަރަށް ވަރުގަދަށް ބަހުގެ ހަމަލާތައް ދެއްވަމުން އަބްދުއްރަހީމް ގެންދަވާއިރު ރައީސް މުއިއްޒު ވިދާޅުވީ ސިޔާސީ ގޮތުން އެމަނިކުފާނު އެންމެ ފަހުރުވެރިވާ އަދި އެންމެ އިތުބާރު ކުރައްވާ ފަރާތްތަކީ އަބްދުއްރަހީމްކަމަށެވެ. އަދި އަބްދުއްރަހީމަކީ ގައުމާއި ރައްޔިތުންނަށް އެންމެ އިހްލާސްތެރި ބޭފުޅާގެ ގޮތުގައިވެސް މުއިއްޒު ވަނީ ސިފަކުރައްވާފަ އެވެ.