ads
ރައީސް، ލ. އިސްދޫ ކައުންސިލާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުން
ރައީސް، ލ. އިސްދޫ ކައުންސިލާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފި
ރައީސް ޑރ މުހައްމަދު މުއިއްޒު، ލ. އިސްދޫ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އާ ބައްދަލުކުރައްވައި އެ ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި، ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރު އިސްދޫ ކައުންސިލް އިދާރާގަ އެވެ.

ރައީސްގެ ރިޔާސީ ދައުރުގެ ފުރަތަމަ ފަސް މަސްދުވަސް ތެރޭގައި އިސްދުއަށް ވަޑައިގެން އިސްދޫ ކައުންސިލާ ބައްދަލުކުރެއްވިކަން، ކައުންސިލް މެންބަރުން އުފަލާއެކު ފާހަގަކުރައްވާފައިވެ އެވެ. އަދި އިސްދޫ އިހުތިސާސްގެ މައްސަލައިގެ ސަބަބުން އުފެދޭ ނުތަނަވަސްކަން ހައްލުކޮށްދެއްވައި، އިސްދޫ ކަލައިދޫ ރައްޔިތުންނަށް ގުޅިގެން ހަމަޖެހުމާއެކު އުޅެވޭނެ ފަދަ އެދެވޭ ހައްލެއް ހޯއްދަވައިދެއްވުމަށް ކައުންސިލްގެ ފަރާތުން އެދިވަޑައިގެންނެވި އެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އިސްދޫ، ކަލައިދޫ އަދި ދަނބިދޫ ރައްޔިތުންނަށްވެސް ފަސޭހަވާނެ ފަދައިން އެއަރޕޯޓެއް ތަރައްޤީކޮށްދެއްވުމުގެ މުހިންމުކަމާއި، ސިއްހީ ފަރުވާ ތަރައްގީކޮށްދެއްވައި އިސްދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކޮށްދެއްވުމާއި، ބޭންކިންގ ހިދުމަތްތައް އިތުރަށް ތަރައްގީ ކުރުމުގެ މުހިންމުކަންވެސް ހިމެނެ އެވެ.

މީގެ އިތުރުންވެސް ކައުންސިލްގެ ފަރާތުން ވަނީ ރަށުގެ ތައުލީމީ ފެންވަރު މަތިކުރުމާއި، ރަށު ބަނދަރުގެ މަސައްކަތުގެ އިތުރުން ނެރު ބަދަލުކުރުމުގެ މަސައްކަތްތާއި، ކަރަންޓާއި ފެނުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފަ އެވެ.

މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި މުހިންމު ކަންތައްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާފަ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް