ads
އިންޑިއާ ސިފައިންގެ ދެވަނަ ބެޗުވެސް ފައިބައިފި : ރައީސް
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ކުރާ މަސައްކަތުގެ ދަށުން ދެވަނަ ބެޗުވެސް ރާއްޖެ ދޫކޮސް ފައިބައިފިކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މީހެން ވިދާޅުވީ އައްޑޫ ދާއިރާތަކަށް ޕީއެންސީ ވާދަކުރާ ކެންޑިޑޭޓުންނަށް ކެމްޕެއިން ކޮށްދިނުމަށް މިރޭ އައްޑޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. 

ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުން މި ސަރުކާރަށް ވޯޓް ދިނީ އައްޑޫގައި ތިބި އިންޑިއާ ސިފައިން ބާލަންކަމަށާއި އެކަން ވައުދުވި ގޮތަށް ކުރަަމުން އަންނަކަމަށެވެ، އެގޮތުން ދެވަނަ ޕްލެޓް ފޯމުގައި ތިބި ސިފައިންވެސް ރާއްޖެއިން ފައިބާފައިވާކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

" ފުރަތަމަ ޓީމު ފައިބާފަ ވަނީ، މިހާރު، 9 އެޕްރީލްގައި އެވަނީ ދެވަނަ ޕްލެޓްފޯމުގަ ތިބި ސިފައިން އަނބުރާ ގެންގޮސްފަ، ފައިބާފަ ވަނީ. ފުރަތަމަ ދުވަހު އެއްބަސްވި ގޮތަށް އެކަން އެ ހިންގަނީ." ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރިން ވިދާޅުވި ގޮތަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ފަހު މީހުން އަންނަމަހުގެ 10 ވަނަދުވަހު ފައިބާނެކަމަށްވެސް ވިދާޅުވިއެވެ. އަދި އެއާއި އެކު ސިފައިން ބޭލުމަށް ވީ ވައުދު ފުއްދުނީކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

އެހެންނަމަވެސް ދެވަނަ ބުރު ބޭލީ ކިތަށް ސިފައިންކަމެއް އަދި ކޮން ޕްލެޓް ފޯމުގައި ތިބި ސިފައިންކަމެއް ރައީސް މުއިއްޒެއް ވިދާޅެއް ނުވެއެވެ. 

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު 2000 އަރާކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް ސަރުކާރުން މިހާތަނަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ރަސްމީ އަދަދެއް ބުނެވިފައެއް ނުވެއެވެ. ދެ ފަހަރު ބުނަމުން އައީ ދެ އަދަދެކެވެ. އެންމެ ފަހުން ބުނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ރަސްމީ އަދަދަކީ 88 ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް