އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑަރިން ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމަށް ދަށު ކޯޓުން ކުރި ހުކުމްގެ އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓްގައި ނިންމާލީ މިދިޔަ އަހަރުގެ ނޮވެމްބަރު 21ގައެވެ. އެއީ އެ މައްސަލައިގެ ހުލާސާ ބަޔާން އިއްވުމަށް ބޭއްވި އަޑުއެހުމެވެ. ދެން އޮންނާނީ ހުކުމް ކުރުންކަމަށް ވިޔަސް މިހާތަނަށް އެ މައްސަލަ ހައިކޯޓުން ތާވަލުކޮށްފައެއް ނުވެއެވެ.
މަޖިލިސް އިންތިހާބަށް ތާއީދު ހޯދުމަށް މިރޭ އައްޑޫ ސިޓީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އަންނަ ދައުރަށްވެސް ވާދަކުރައްވާ މަޖިލީހުގެ މިހާރުގެ ރަޢީސް މުހައްމަދު އަސްލަމް ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތް ނުބައްވާ މީހާ ގިނަދުވަސްވުމުން ދޭހަވަނީ ސަރުކާރުން ނުފޫޒު ފޯރުވާ މައްސަަލައަށް އަތްބާނަމުންދާ މިންވަރުކަަށެވެ.
އަސްލަމް ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ރައީސްގެ ހައްސިއްޔަތުން އަދި ޖޭއެސްސީގެ އިންނަ މެމްބަރެއްގެ ހައުސިއްޔަތުން ރައީސް ޔާމީން މައްސަލަ ލަސްވާ ސަބަބު ބެލުމަށް އެކޮމިޝަނަށް ހުށައަޅުއްވާނެކަމަށެވެ.
ރައީސް ޔާމީންވެސް ދާދި ފަހުން ވިދާޅުވެފައިވަނީ އެމަނިކުފާނުގެ މައްސަލަ ލަސްވަމުންދަނީ ސަރުކާރުގެ ވެރިންގެ ނުފޫޒުންކަން މައުލޫމާތު ލިބިވަޑައިގެންފައިވާކަމަށެވެ.
އެހެންނަމަވެސް މި ވާހަކަތައް ރައީސް މުއިއްޒު ދޮގުކުރަައްވައެވެ. އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުގެ އެއްވެސް ވެރިޔަކު ޝަރުއީ ދާއިރާއަށް ނުފޫޒެއް ނުފޯރުވާނެކަމަށެވެ. ރައީސް ޔާމީން މިނިވަންކުރަން ވީ ވައުދު ފުއްދަވާފައި ވާނެކަމަށާއި ރައީސް ޔާމީން މިނިވަންކުރުމުގެ ބާރު އޮތީ ޖުޑިޝަރީގެ އަތްމަތީގައިކަމަށް ރައީސް މުއިއްޒު ވަނީ ދާދިފަހުން ވިދާޅުވެފައެވެ.