މިއަދު ހެނދުނު ފެށިގެން މާލެއަށް އަންނަނީ ވިއްސާރަކުރަމުންނެވެ. އަދި އަސުރުގެ ފަހުން ވިދާ ގުގުރުމާއި އެކު މާލެއަށް އަންނަނީ ވަރަށް ބޯކޮށް ވާރޭ ވެހެމުންނެވެ.
ހުއްޓާ ނުލާ ވަރަށް ބޯކޮސް ވާރޭ ވެހުމުން މާލޭގެ ގިނަ މަގުތަކުގައި ވަނީ ފެންބޮޑުވެފަައެވެ. އަދި ބައެއް ސަރަހައްދުތަކުގައި ވަރަށް ފެންބޮޑުވެ ގެތަކަށް ފެނުގެ އަސަރު އަންނަނީ ކުރަމުންނެވެ.
އެމްއެންޑީއެފުން ބުނީ ބޯކޮށް ވާރޭ ވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، މަގުތަކުން ފެން ހިންދުމާއި އަދި ބައެއް ގެތަކަށް ފެންވަންނަމުންދާތީ، ވެލި ބަސްތާ ޖެއްސުމުގެ މަސައްކަތުގައި އެމްއެންޑީއެފް އެފްއާރުއެސްގެ ޓީމުތައް ހަރަކާތްތެރިވާން ފަށާފައިވާކަަމަށެވެ.
ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން މޫސުމާއި ބެހޭ އިދާރާއިން ވަނީ ހއ. އަތޮޅުން ފެށިގެން ފ.އަތޮޅާ ހިސާބަށް ރީނދޫ އެލާޓް ނެރެފައެވެ. އެ އިދާރާއިން ބުނީ ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެކަމަށެވެ.
މިދިޔަ ޑިސެމްބަރުމަހުގެ ތެރޭގައިވެސް ރާއްޖެއަށް ބޯކޮށް ވާރޭވެހި މާލެއާއި ބައެއް ރަށުގައި ވަނީ އާއްމުންގެ މުދަލާއި އިމާރާތްތަކަށް ގެއްލުންވެފައެވެ. މާލޭ ގިނަ ގެތަކަށް ފެންވަދެ ބައެއް އާއިލާތަކަށް ބޮޑެތި ގެއްލުންތައް ލިބުނެވެ.