ads
ވަޒީފާގެ ބިރު ދެއްކީ މީހަކު، އެއީ ޕާޓީގެ ކަމެއް ނޫން : ޕީއެންސީ
ފެލިވަރުގައި ވަޒީފާ އަދާކުރާ މީހުންނަށް ފިޔަވަޅު އަޅާ ބިރު ދައްކަން ސަރުކާރު ހިންގާ ޕީއެންސީންގެ ޕޯޑިއަމްގައި މެމްބަރަކު ދެއްކި ވާހަކަތަކުން އެ ޕާޓީ ރެކެފިއެވެ.

ރައްޔިތުން މަޖލީހުގެ ހިންނަވަރު ދައިރާއަށް ވާދަކުރާ ކެންޑިޑޭޓަށް ތާއީދު ހޯދުމަށް ރޭ އެރަށުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ޕީއެންސީގެ މެމްބަރަކު ވަނީ ފެލިވަރުގައި މަސައްކަތް ކުރާ ސަރުކާރާއި ހިޔާލު ތަފާތު މީހުންނަށް ފިޔަވަޅު އަޅަން ގޮވާލާފައެވެ. 

ޕީއެންސީ ޕޯޑިއަމްގައި ހުރެ ވާހަކަ ދެއްކަމުން އެމީހާ މިނިސްޓަރުގެ އަރިހުން އެދިފައިވަނީ ރައީސް މުއިއްޒަށް ދަންނަވައިގެން ވިޔަސް ފެލިވަރުގައި މަސައްކަތް ކުރާ މީހުން ކޮންޓްރޯލް ކުރެވޭނެ ބާރެއް ކެންޑިޑޭޓް ދިނުމަށް ގޮވާލާފައެވެ. 

މިކަމާއި ގުޅިގެން އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ މައްސަލަ އިލެކްޝަންސް ކޮމިޝަނުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ގޮވާލާފައެވެ. އަދި މި އިންތިހާބުގެ ކެމްޕެއިންގައި ސަރުކާރުން ދަނީ ޕީއެންސީ ކެންޑިޑޭޓަށް ވޯޓު ނުދޭ މީހުން ނުހައްގުން ވަޒީފާތަކުން ވަކިކޮށް ޕީއެންސީ ކެންޑިޑޭޓަށް ވޯޓު ދޭނެ މީހުންނަށް ވަޒީފާތަކަށް ނަގަމުންކަމަށްވެސް އެމްޑީޕީގެ ބަޔާނުގައިވެއެވެ

" ހިންނަވަރު ދާއިރާއަށް ވާދަކުރާ ޕީއެންސީ ކެންޑިޑޭޓުގެ ކެމްޕެއިން ޖަލްސާގައި ދެއްކި ވާހަކައިން މިކަން ސަރުކާރުން ހިންގާ ގޮތް އެއޮތީ ވަރަށް ސާފުކޮށް ކިޔައިދީފައެވެ." އެމްޑީޕީގެ ނޫސް ބަޔާނުގައިވެއެވެ. 

އެމްޑީޕީން މި ބަޔާން ނެރުނުތާ އިރުކޮޅެއް ފަހުން ޕީއެންސީ ނެރުނު ބަޔާނެއްގައި ބުނީ އެމްޑީޕީގެ ބަޔާނަކީ ހަގީގަތާއި މުޅިން ހިލާފު ބަޔާނެއްކަމަށެވެ. އަދި ރޭ އެޕާޓީގެ ޕޯޑިއަމްގައި މީހަކު ދެއްކި ވާހަކައަކީ ވަކި ފަރުދެއްގައި ވިސްނުން ކަމަށާއި އެއީ ޕާޓީގެ ސިޔާސަތު ނޫންކަމަށްވެސް ޕީއެންސީ ނެރުނު ބަޔާނުގައި ވެއެވެ. 

" ރައީސް މުއިއްޒުގެ ސިޔާސަތަކީ ޑިމޮކްރަސީގެ ރީތި އުސޫލުގެ ތެރެއިން ހަމަހަމަކަމާއެކު ސިޔާސީ ހަރަކާތް ކުރިޔަށް ގެންދިޔުމާއި ހަރަކާތްތުގައި ބައިވެރިވުމުގެ ފުރުސަތު ދީގެން ކުރިޔަށް ދިޔުން. އަޅުގަނޑުމެން ރައްޔިތުންގެ ތާއީދާއި ލޯބި ހޯދާީ ރައްޔިތުން އެދޭ ތަރައްގީ ގެނެސްދީގެން އަދި ރައްޔިޔުންގެ އަޑުއަހައިގެން." ޕީއެންސީގެ ބަޔާނުގައިވެއެވެ.

ޕީއެންސީން ބުނީ އެމްޑީޕީން މިހާރު ރަށްްރަށަށް ކުރާ ދަތުރުތަކުގައި ސަރުކާރުގެ ވަޒީފާތަކުގައި ތިބި މުވައްޒަފުންނަށް ބައިވެރިވަމުން އަންނަކަމަށެވެ .

ރޭ ޕީއެންސީގެ ޕޯޑިއަމްގައި ދެއްކި ވާހަކަތަކާއި ގުޅިގެން އެ ކަން ބަލާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް