ads
ސެކަންޑް ޗާންސް..!؟
(13 އޭޕްރީލް 2024 އާ ގުޅޭ) ހުދު ސީލިންގއަށް ބަލައިލީމެވެ. ހުއްޓުމެއްނެތި މަސައްކަތްކުރަމުންދިޔަ އެއާކޯނަށް އަހަރެންގެ ނަޒަރު ހުއްޓުނެވެ. ޓެމްޕަރޭޗަރ އަށާރައިގައި ހުއްޓަސް ފިނިކަމެއް އިހުސާސެއް ނުވެ އެވެ.
Advertisement

އުފަލާއި ހިތްހަމަޖެހުމާއި ގާތްވާންވެސް އަހަރެން ބިރުގަނެއެވެ. އެއާއި ގާތްވާ ކޮންމެ ފަހަރަކު އެތައް މޭލެއް ދުރަށް އަހަރެން ދަތުރު ކުރާން މަޖުބޫރުވާތީއެވެ. އެންމެންނާއި ފެޔަށްޖެހި އެކަހެރިވެ، އެކަނިވެރިވުމުގެ ސަބަބަކީ މިއީކަމަށްވެސް ވެދާނެއެވެ. އުފުލަން ޖެހިދާނެ ތަކުލީފަކަށް، ތަހަންމަލްކުރާން ޖެހިދާނެ ވޭނަކަށް ތައްޔާރު ނުވެވެނީއެވެ.

ހިތުގައި މިވަރަށް ރިއްސާންޖެހޭ ސަބަބަކީ ކޮބައި ހެއްޔެވެ؟ އަހަރެންގެ ހަޔާތުން ކުޑަވެސް ޖާގައެއް އޭނާއަށް ނުދެމެވެ. ފިސްފިސްވެ، ކުދިކުދި އެތިކޮޅުކޮޅަށް އަހަރެންގެ ހިތް ބުރައިގެން ހިނގައްޖެއެވެ. މި ވަރަށް މި ރިއްސަނީ، އަހަރެން ދިފާޢުކޮށް ޙިމާޔަތްކުރާނެ އިތުރު އެއްވެސް މީހަކު ދެން ނުހުންނާނެކަން އިނގޭތީ ބާއެވެ! ތޮޅެލައި ސަމާސާކޮށްލައި، އަޅާލާނެ މީހަކުވެސް ދެން ނުހުންނާނެތީ ކަމަށް ވެދާނެއެވެ!

އާއެކެވެ. އޭނާ އެނބުރި ދިޔައީތީވެ، އަހަރެން އުފާކުރަމެވެ! ކޮންމެ ކަމެއްވެސް ވާނީ ސަބަބެއް އޮތީތީ އެވެ.

އަހަރެންގެ ފަރުވާކުޑަ ހިނިތުންވުން، ބަޔާން ނުކުރެވޭ ހިތާމައަކަށް ބަދަލުވެ ނިމުނީ އެވެ.

އެނދުގައި އޮތީމެވެ. އެނބުރެމުން މިދާ ޚިޔާލްތަކާއި ވަށައިގެން މިހިނގާ ކަންކަން، ކޮންމެވެސް މީހަކާއި ހިއްސާކޮށްލެވޭނެ ނަމައޭ ހިތައް އެރިއެވެ. އެކަންކަމާއިމެދު އަހަރެން އެންމެ ބިރުގަންނަ ކަންކަމަށް އިޢުތިރާފްވާން ކެރޭނެ ނަމައެވެ. ހަރުކަށިކަމާއި ގަދަފަދަ ކަމުގެ ތޮށިގަނޑު އަހަރެން ގައިން ވަކިވެގެން ހިގައްޖެއެވެ. ނިކަމެތިވެ ބަލިކަށިވާކަށް ބޭނުމެއް ނެތެވެ. އެކަމަކު މި ހަށީގައި މިވަގުތު ވަނީ ދިރުމެއް ނެތް ހުސްކަމެވެ. އަމަން ބުނަމުން އައީ ރަގަޅަށް ކަމަށްވެސް ވެދާނެއެވެ. އަހަރެން ހިތްވަރުގަދަވެ ކާމިޔާބުވުމުގެ އަސްލަކީ މިޒްރާ ކަމަށް ވެދާނެއެވެ. އެކަމަކު އަހަންނަށް ޔަގީންވާ ކަމަކީ، އަހަރެން ބަލިކަށިވެ، ހިތްވަރު އެލުވާލުމުގެ ބާރު މިހާތަނަށް ހަމައެކަނި ލިބިފައިވަނީ މިޒްރާއަށް ކަމެވެ. އަހަރެންގެ މި ރިހުމާއި މާޔޫސްކަމުގެ އަސްލަކީވެސް މިޒްރާއެވެ. މިޒްރާއާއި ނުލައި އަހަރެން ފުރިހަމައެއް ނުވެއެވެ!

މިޒްރާ މާމަގެ ޑައިރީން އަހަރެން ދުށީމެވެ.

"'ހިތުގައި ނުރިހޭނަމަ، އެއީ ލޯތްބެއް ނޫނެވެ"

ރިހުމުން ފުރިގެންވީ ނޭވާއެއް ލަމުން އަހަރެން ދެ ލޯ މަރައިލީމެވެ. މާދަމާއަށް އިރުއަރާނީ މުޅިން އައު ތާޒާ ދުވަހެއްގެ ގޮތުގައިކަމަށް ޢަޒުމު ކަނޑައެޅީމެވެ.

ހުރިހައި ކަމެއް ބަދަލުވެ ތަފާތުވާނެކަން ޔަގީނެވެ. އެކަމަށްޓަކައި އަހަރެން ޝުކުރު ކުރަމެވެ.

ބަދަލެއް ކޮންމެހެންވެސް މުހިއްމެވެ. ހިތަށް ވިސްނައިދިނީމެވެ. މިއީ ހެޔޮ ބަދަލެކެވެ!

............

ހެނދުނު ހަތެއް ޖެހީއެވެ.

ލޯގަނޑުން ބަލައިލަމުން އަހަރެން ހިނިތުންވީމެވެ.

އާއެކެވެ. އަހަރެންގެ މިނިވަން ލިބުނީއެވެ.

އަހަރެން ތިރިއަށް ފޭބީމެވެ. އާދައިގެ މަތީން ގޭތެރޭގައި ތަފާތެއް ނެތެވެ. އެކަމަކު މިޒްރާ ނެތް ކަމުގެ އިހްސާސް މުޅި ގޭތެރޭގައި ވެއެވެ. ދިރުމެއް ހުރިކަމުގެ ނިޝާނެއްވެސް ގޭތެރޭގައި މިއަދު ނެތެވެ. ލޯ ހުއްޓުނީ މިޒްރާގެ ކޮޓަރިއަށެވެ. އުނދަގޫ ގޮތަކަށް ނޭވާއެއް ލެވުނެވެ. ވީގޮތެއް ނޭގުނެވެ. އައި މިސްރާބަށް ފިޔަވަޅު އެޅެން ފެށިއެވެ. މިޒްރާގެ ކޮޓަރިއާއި ދިމާއަށެވެ. ދޮރުމައްޗަށް ހުއްޓި މުޅި ކޮޓަރިއަށް ބަލައިލީމެވެ. މުޅިތަން ހުސްވެފައެވެ. އެކައްޗެއްވެސް ނެތެވެ. އަނެއްކާވެސް ގަދަ ރިހުމެވެ. މޭގައި އަތް އެޅުނެވެ. ދެ ލޮލުން ކަރުނަ ހިލުވާލީ ކީއްވެ ބާއެވެ. ރޯކަށް ބޭނުމެއް ނޫނެވެ. އެކަމަކު މި ރިހުމަށް ކެތްކުރާކަށްވެސް ކުޅަދާނައެއް ނޫނެވެ. އެތެރެއަށް ވަނީމެވެ. ވަށައިގެން ބެލީމެވެ. އޭނާގެ ބޮލުގެ އިސްތައްޓެއްގެ މިންވަރުވެސް ކޮޓަރީގެ އެންމެ ކަނެއްގައިވެސް ވޭތޯ ބެލީމެވެ. އެކަމަކު އެވަރު ނަސީބެއްވެސް ނެތެވެ. މިޒްރާ ނެތް ކަމުގެ އިހްސާސް ނުވަތަ އަހަރެން ދޫކޮށްލާފައި އޭނާ ދިޔަކަމުގެ އިޙްސާސް މި މިންވަރަށް މިވަގުތު ކުރެވުމުން އަހަރެން ބިރުގަނެއެވެ. މި ރިހުމުން ދުވަހަކުވެސް މިންޖުވެވޭނެ ބާއެވެ!

"ވައި ޑިޑް ވީ އެވަރ މީޓް!"

ހައްޓަށް ފަސޭހަވޭތޯ ނޭވާއެއް ލީމެވެ. މިކޮޓަރީގައި އަހަރުމެން ދެމީހުން ދެމެދުގައި ހަމަނުޖެހުން ހިނގި ރޭގެ ހަނދާންތައް އާވިއެވެ. ލޯ މަރައިލީމެވެ.

ރޭގެ ހާދިސާގެ މަންޒަރުތަކުން ތަފާތު އިހްސާސްތަކެއް ހިނގަމުން ދިޔައެވެ. ސިކުނޑިން މިހުރިހައި ޚިޔާލްތަކެއް ނެރި މީގެން އަހަންނަށް ސަލާމަތް ނުވެވިގެން މިއުޅެނީ ކީއްވެބާއެވެ. އަހަރެންނާއެކު އަބަދަށް އޭނާ ހުންނާނެ ކަމަށް އުއްމީދުކުރާކަށްވެސް ނުޖެހެއެވެ. މި ދިރިއުޅުމުން އޭނާ އެ ދިޔައީ، ހަމަ ދާން ޖެހޭތީއެވެ. އެއީ ތަގުދީރުގައި އެކަން ހަމަޖެހި ނިވިފައި އޮތް ގޮތެވެ.

"އަހަރެން ދޫކޮށް އޭނާ އެ ދިޔައީ، އަހަރެންނާއެކު މަޑުކުރާށޭ އޭނާގާތު ނުބުނީތީ.." މަޑުމަޑުން ބުނެލީމެވެ.

ފިކުރުތަކާއި ދުރަށް ދެވޭތޯ ކޮޓަރީން ބޭރަށް ނިކުތީމެވެ. އަމިއްލައަށް ނާސްތާކޮށްލައިގެން އަހަރެން ދިޔައީ އޮފީހަށެވެ.

ގަޑިން ހަތްގަޑި ސާޅީސްފަހެކެވެ.

އެތެރެއަށް ވަނުމާއެކު ފާހަގަކުރެވުނީ، އެހެން ދުވަސްދުވަހާއި ތަފާތުކޮށް ގިނަ މުވައްޒަފުންގެ ލޯތައް އަހަންނާއި އަމާޒުވަމުން ދިޔަކަމެވެ. ވާނުވާއެއް ނަގައިގަންނާކަށް ނޭގުނެވެ. ދާދިގާތުން މީހަކު ކަރުކެހެލި އަޑަށް ބަލައިލީމެވެ. އަހަންނާއި ދިމާއަށް ބަލަހައްޓައިގެން ހުރީ މިންހާލް އެވެ. އަތުގެ އިނގިލިތައް ބިންދައިގެން ދާހައި ބާރަށް މުށްކަވާލެވުނެވެ. ހަމަ އެވަގުތު އަތްއިސްކުރެވިދާނެ ކަމަށްޓަކައި ފަޓުލޫނު ޖީބުގެ ތެރޭގައި އަތް ރައްކާކުރީމެވެ.

"ކޮންގްރެޓްސް ބްރޯ!" އޭނާގެ އެއަޑާއެކު އަހަރެންގެ ކޮނޑުގައި ޖަހައިލިހެން ހީވެގެން ބަލައިލީމެވެ.

"އެކްސްކިއުޒް މީ" ހެނދުނު ހެނދުނާ މި ދިމާވި ކަންތައްގަނޑުން ސަލާމަތް ވެވޭނެ ގޮތެއް ހޯދަން ޖެހިއްޖެއެވެ.

"މިޒްރާ ދިޔާމާ ވަރަށް އުފަލުން ދޯ ތި ހުރީ..؟" ނުބައި ފާޑަކަށް ހިނިއައިސްފައި ހުރެ ބުނެލި އެވެ.

"އޫޕްސް...!! ސޯ މަޗް ކެއަރ..؟!" މާލާމާތުގެ ރާގުގައި އަހަރެން ބުނެލީމެވެ.

"އަސްލު ވާގޮތަކީ އަހަންނަކީ އެހެން މީހުންގެ އިހްސާސްތަކާއި ކުޅެއުޅޭ މީހެއް ނޫން.. އެހެންވީމަ އެހެން މީހުންވެސް އަހަންނާމެދު ކަންކުރަނީ އަހަރެންވެސް ރުހޭގޮތަށް.."

އިހްސާސްތަކުގެ ވާހަކަ ދައްކަން އެންމެ ރީތި މީހާ އަހަރެންގެ ކުރިމަތީގައި ކުޅިވަރު ކުޅެން އުޅުނެވެ. މިޒްރާއަށްޓަކައި ހިތުގައި ޚާއްސަކަމެއް އަބަދުވެސް މީންހާލް ގެންގުޅެމުން އައިކަން އަހަރެން ދެނަހުރީމެވެ. މިވަގުތު އަހަރެންނާއި މިގޮތަށް މީނާ ދިމާކުރުމުން އަހަރެންގެ ޝައްކު ޔަގީނަށް ބަދަލުވި އެވެ.

މިވަގުތު އޭނާއަށް އަހަރެން ދޭންވީ އަދަބެއް ނުވަތަ ހަދަންވީ ގޮތެއް ނުވިސްނެއެވެ. އެކަމަކު ޔަގީންކަމާއެކު ބުނަން ކެރެނީ ވީ އެންމެ އަވަހަކަށް ވަޒީފާއިން ވަކިކޮށްފައި އޭނާ ފޮނުވާލަން ވީކަމެވެ.

"ރިއަލީ..!!! ބަޓް އައި ޑޯންޓް ކެއަރ!" މޫނުމައްޗަށް ޖެއްސޭނެ އެންމެ ރީތި ވައްތަރު ޖައްސާފައި ބުނެލީމެވެ.

"އަވވވވވ.. އަހަރުމެން އެންމެންނަށްވެސް ތިކަން އިނގޭ ނާދިފް ޝައްޔާން ދީދީ!" އަދި އެއަށްވުރެން ރީތި ކުލައެއް އޭނާގެ މޫނައް އަރުވާލި އެވެ.

އަހަރެން އޭނާއާއި ދާދި ގާތަށް ޖެހެލީމެވެ.

"ވަޒީފާއަކަށް އެދި މުޅި ގައުމުގައި ސަލާންޖަހަން ނުޖެހެނީސް މައިތިރި ވެވޭތޯ ބަލާ!" ސީދާ މޫނަށް ބަލައިލަމުން ބުނެލީމެވެ. ޖަވާބަކަށް ފުރުސަތެއްނުދީ އެތަނުން އަހަރެން ހިނގައްޖައީމެވެ.

.............

ދިޔަގޮތަށް ގޮސް އަހަރެންގެ ކެބިންއަށް ވަނީމެވެ. ފުރަތަމަވެސް ހުއްޓެވުނީ ކުޑަދޮރު ކައިރީގައެވެ. ދުރުން ފެންނާން އޮތް މޫދުގެ ހަމަހިމޭންކަމުން އަހަރެންގެ ލޭ ދައުރުކުރުމަށް އެހީލިބުނެވެ.

އަހަރެންގެ ހަޔާތުން ފަންސަވީސް އަހަރު ފަހަނައަޅައި ދިޔައިރު، ދިރިއުޅުމުގައި ޝައުގުވެރިކަމެއްގެ ގޮތުގައި އަހަންނަށް ފާހަގަކުރެވުނު ހަމައެކަނި ކަމަކީ، ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ވެގެން ދިއަޔަސް، އެނބުރެމުން ދައުރުވަމުން މިދާ ދުނިޔޭގެ ހިނގުމަށް ބަދަލެއް ނާންނަކަމެވެ. އުޑުމަތީ އުފެދޭ ބިރުވެރި ކަޅުވިލާތަކުން ތިމާ ވަށައިލިޔަސް، އެ ބިރުވެރިކަމާއި ކުރިމަތިލުން ނޫން ގޮތެއް ނޯވެއެވެ. ކުރެވިދިޔަ ކަންކަމުގެ ސަބަބުން ބައެއްފަހަރު މާޔޫސްވެ، އަނެއްބައި ފަހަރު ބޭޒާރުވެ ނުވަތަ އަމިއްލަ ނަފުސު ކުއްވެރިކުރެވޭ ހާލަތްތައް ތަކުރާރުކޮށް ކުރިމަތިވިޔަސް އެއިން ރެކިގަނެވޭނެ ގޮތެއް ނޯވެއެވެ. ސަބަބަކީ މިއިން ކޮންމެ ކަމެއްގައި ޒިންމާ ނަގަންޖެހޭ ފަރާތަކީ ޚުދު ތިބާއެވެ.

ދޮރު ހުޅުވުނު އަޑަށް އަހަރެން ބަލައިލީމެވެ. ދޮރުމަތީގައި ހުރީ ބަޤްޝޫރާ އެވެ. އަތުގައި ހުރި ފައިލްތަކާއެކު އެތެރެއަށް ވަދެ މޭޒާއި ދިމާއަށް މިސްރާބުޖެހިއެވެ.

ބަޤްޝޫރާގެ ސިފަތަކުގެ ތެރެއިން އަހަރެންނަށް އެންމެ ކަމުދާ ސިފާއަކީ މިއެވެ. ވަގުތު ބޭކާރުކުރުމަކީ އޭނާގެ ޠަބީއަތުގައިވާ ކަމެއް ނޫނެވެ.

ޑެސްކްމަތީގައި ފައިލްތައް ބެހެއްޓުމުން އެއަށް ބަލައިލީމެވެ.

"މި ހުރިހައި އެއްޗަކަށް ނާދިފްގެ ސޮއި އަހަރެން ބޭނުން.." ޝައުގުވެރިކަމެއް ނެތް ގޮތަކަށް ބުނެލިއެވެ.

"މިޒްރާ ނޫންތަ އެހެންޏާވެސް މިފަދަ ފައިލްތަކުގައި ސޮއި ކުރަނ..." އަހަރެންގެ ޖުމުލައިގެ ތެރެއަށް ބަޤްޝޫރާ ވަނެވެ.

"މިޒްރާއަކީ މިހާރު މިތަނުގެ މުވައްޒަފެއް ނޫން" އަހަރެންނާއި ދިމާއަށް ފައިލްތައް ކޮއްޕާލަމުން ބުންޏެވެ.

ވަޒީފާއިން އިސްތިއުފާ ދިނީ ހެއްޔެވެ؟ މި ވަޒީފާއަކީ މިޒްރާއަށް ކިހައި މުހިއްމު އަދި މިއީ އޭނާގެ އަމިއްލަ ނަފުސައްވުރެން ލޯބިވާ ވަޒީފާއެއްކަން އެހެން މީހަކު ބުނެދޭކަށް ނުޖެހެއެވެ.

ސިއްސައިގެން ގޮސް އަހަންނަށް ބަޤްޝޫރާއާއި ދިމާއަށް ބަލައިލެވުނެވެ. އިތުރު އެއްވެސް އެއްޗެއް އެވަގުތު ދުލަށް ނައުމުން، ފައިލްތަކުގައި ސޮއިކުރާން ފެށީމެވެ.

.............

އަހަރެންގެ ކޮޓަރީގެ މޫނުބަލާ ލޯގަނޑުކުރިމަތީގައި ހުއްޓުނީމެވެ. އެއްވެސް މަސައްކަތެއް ކުރާނެ ހިތްވަރެއް ނެތުމުން މިއައީ ގެއަށެވެ.

އަހަރެންގެ އަމިއްލަ ސޫރައަށް ބަލަން ހުރެވުނީ ކިހައި އިރަކު ކަމެއް ނޭގެއެވެ. ފެންނަ ފެނުމަށް އަހަރެންގެ ސިފަ ކުރިއެކޭ އެއްގޮތެވެ. އެކަމަކު ކޮންމެވެސް ކަމެއް ތަފާތެވެ. އަހަރެންގެ ހިތާއި ސިކުނޑިއާއި މުޅި ހަށިގަނޑު އެކީއެކަށް އައްސިވެ، އެއްވެސް އިހުސާސެއް ނުކުރެވޭނެ ގޮތް ހަދާނީ ކިހިނެއްތޯ ވިސްނީމެވެ. އެކަމަކު އެހެން ކަމެއް ކުރެވޭނީ އަޅަމުން މިދާ ވޭންތަކަށް ކުޑަނަމަވެސް ލުޔެއް ލިބިގެންނެވެ. ފުންނޭވާއެއް ލުމަށްޓަކައި ދެ ލޯ މަރައިލީމެވެ. އެކަން ކުރާނެ ގޮތެއް އެއްގޮތަކަށްވެސް ނުވިސްނުނެވެ. މި ހުރިހައި ތަކުލީފަކާއި ހިތްހަމަނުޖެހުންތަކުން މިންޖުވުމެއް ނެތީބާއެވެ.

މަޑުމަޑުން ދެ ލޯ ހުޅުވައިލީމެވެ. ފުރަގަހުގައި މީހަކު ހުރިކަމުގެ އިޙްސާސްކުރެވުނެވެ. އަވަސްއަވަހަށް އެސްފިޔަ ޖަހައިލާފައި އަނެއްކާވެސް ބަލައިލީމެވެ. ލޯގަނޑުން ފެންނަމުންދިޔަ މަންޒަރު ގަބޫލުކުރަން އުނދަގުލެވެ.

"މިޒްރާ!" މަޑުމަޑުން އަހަންނަށް ގޮވައިލެވުނެވެ. އެއާއެކު ލޮބުވެތި ހިނިތުންވުމެއް ފެނުނެވެ. އަރިމައްޗަކަށް ނުވަތަ ފަސްއެނބުރި ބަލައިލާންވެސް ނުކެރުނެވެ. ފެންނަމުންދިޔަ ހުވަފެނުން ހޭލެވިދާނެތީ ބިރުގަތީއެވެ. އެކަމަކު ފަސްއެނބުރުނީމެވެ. އަހަރެންގެ ކުރިމަތީގައި މިޒްރާ ހުރުމަށް ހިތުގެ އެންމެ އަޑީން އެދެވުނު މިއީ ފުރަތަމަ ފަހަރެވެ.

އޭނާއާއި ދިމާއަށް އަހަރެން އެނބުރުމާއެކު މޫނުމަތީގެ ހިނިތުންވުން ފިލައި، އިސްޖަހައިލިއެވެ.

"ނާދިފް ހިތް އެދޭފަދަ މީހަކަށް ވެވޭތޯ އަހަރެން ވަރަށް މަސައްކަތްކުރީން" ކިރިޔަ ކިރިޔާ އަޑު އިވޭވަރަށް މިޒްރާ ބުނެލިއެވެ. އެ ބުނެލުމުގައިވީ ރިހުން ކިތަންމެ ރަގަޅަކަށްވެސް އަހަންނަށް އިހްސާސްވިއެވެ. އަހަރެމެން ދެމީހުން ދެމެދުގައި އެއްގޮތް އޮންނަނީ އެންމެ ކަމެއް ކަމުގައި ވެދާނެއެވެ. އެއީ 'ރިހުމެވެ.'

"އައި އެމް ސޮރީ" މިޒްރާ ބުންޏެވެ.

ދާދި ގާތަށް ޖެހިލީމެވެ. މަޑުމަޑުން މަޢާފަށް އެދެމުން ދިޔައެވެ. ކީއްވެ ހެއްޔެވެ؟ އަހަރެންގެ މައްޗަށް މިޒްރާގެ ހިތް އެވަރަށް ލެނބުނީ ކީއްވެ ބާއެވެ!

ޚިޔާލްގެ ދުނިޔޭގައި ފިޔަޖަހަމުން ދަނިކޮށް އިވުނީ މިޒްރާގެ ގިސްލުމުގެ އަޑެވެ. ރިހުމާއި ހިތާމައިން ފުރިގެންވީ އަޑެކެވެ. އަހަރެންގެ އަތް އުފުލައިލީމެވެ. މޭގެ ތެރޭގައި އެ ހަށިގަނޑު ބޮނޑިކޮށްލަން ބޭނުމެވެ. އެކަމަކު... އަހަރެންގެ އަތުން މިޒްރާގެ ގައިގައި ބީހިނުލެވެނީސް އޭނާ ގެއްލިއްޖެއެވެ.

އުފުލާލިގޮތަށް އަތް ބެހެއްޓުނީ ހަރަކާތެއްވެސް ގެންނާން ނޭގިފައެވެ. އަހަރެންގެ ދެ ލޮލުން އާވިއެރިއެވެ. އެއީ ހޫނު ކަރުނައެއް ނޫނެވެ. އެކަމަކު ރުޅިގަދަވެގެން އުފެދުނު އާވިއެވެ. މިޒްރާ ގެއްލުނީ ކީއްވެ ހެއްޔެވެ؟ ކިހިނެއް ހެއްޔެވެ؟

އެނބުރުން އަރާން ފެށުމުން އެނދުމަށްޗަށް ވެއްޓިގަނެވުނެވެ. ދެ ލޯމަރައިލީމެވެ. އަނެއްކާވެސް އަނދިރިކަމެވެ. އެކަށްޗެއްވެސް ލޮލަކަށް ނުފެނުނެވެ. އެކަމަކު އޭނާގެ އަޑު ކަންފަތުގައި ގުގުމަން ފެށިއެވެ.

"އިނގޭތަ ނާދިފް.. މީގައި އަސްލު ހަގީގީ ކުއްވެރިޔަކީ އަހަރެން! ނާދިފް ތިބުނަނީ ހަމަ ރަގަޅަށް.! އަހަރުމެން ދެމީހުންނަކީ ވަރަށް ތަފާތު ދެމީހުން.. އަހަރެން ހަގީގަތުގައިވެސް ކޮށްގެން ނުވާނެ ކައިވެންޏެއް މިއީ.. ވަންނާން ހިތައްވެސް އަރުވައިގެން ނުވާނެ ހިޔާވައްސަކަށް ވަދެވިފައި މިހުރީ!"

ޕްރީޝާ ދިޔައީ ނާދިފް ދިރިއުޅުން ހަލާކުކޮށް، ސުންނާފަތި ކުރަމުން.. ޝީ ވޯޒް ޔޫސިންގ ޔޫ ފޯރ ސޯ ލޯންގް.. އެއިން އެއްވެސް ކަމެއް ނާދިފްއަށް ކުޑަކޮށްވެސް ރެއަކާ ނުލާ.."

"އެއްވެސް މީހަކު އުފަން ނުވާނެ ސުޕަރމޭން ނުވަތަ ސްޕައިޑަރ މޭންގެ ގޮތުގައި.. ކިތަންމެ ބާރުގަދަ، ކިތަންމެ ހިތްވަރުގަދަ މީހަކުވެސް، ހިތާމައިގެ ވަގުތުގައި ނުވަތަ މާޔޫސީ ވަގުތުތަކުގައި އެއިހުސާސްތަކާއެކު ތިރިއަށް ލެނބުމަކީ ބަލިކަށިވުމެއް ނޫން.. ކޮންމެ އިންސާނަކުވެސް އަނެއްމީހާގެ އެހީތެރިކަން ބޭނުންވާނެ.. ކޮންމެ މީހަކުވެސް، ކޮންމެވެސް މީހެއްގެ ލޯބިވެސް ބޭނުންވާނެ..

އެމީހެއްގެ ސަޕޯޓް ސިސްޓަމްގެ ގޮތުގައި ހުންނާނެ މީހަކު ބޭނުންނުވާނީ ކާކު..؟ ދުނިޔޭގައި ލެއްވި އެންމެ ހިތްގައިމު، އެންމެ އުފާވެރި އަދި އެންމެ ބާރުގަދަ އިހްސާސަކީ ލޯތްބެވެ! އަގުބޮޑު ހަދިޔާތަކާއި، ފައިސާއާއި އަރާމާއި މުއްސަނދިކަމާއި ގައިގޯޅިވުމަކީ ލޯބިވުމެއް ނޫން..

ދުނިޔޭގައި އިންސާނުންނަށް އޮޅެނީ ލޯތްބާއި އެދުންވެރިކަމުގެ ތަފާތު ...! ލޯތްބަކީ އެކަކު އަނެކެއްގެ ދެމެދުގައި އުފެދޭ ބާރުގަދަ ގުޅުމަކުން އުފެދޭ އިހްސާސެއް.. އެ އިހްސާސް ބިނާވަނީ އިތުބާރާއި އިޙްތިރާމްގެ މައްޗަށް..

އެންމެ ވިންދެއްގެ ބާރު މުޅި ހަށިގަނޑު ތަހަންމަލްކުރާ ހަމައެކަނި ގުޅުމަކީ ލޯބި.. ލޯބި އުފެދުމަށްފަހު އެއާއި ނުލައި ދިރިހުރުމަކީ އިޚްތިޔާރީ ކަމެއް ނޫން.. އެކަމަކު ލޯބީގެ ނަސީބު ދުނިޔޭގައި ލިބޭނީ މަދު ބަޔަކަށް.. އެއީ ނަސީބުވެރިން!"

"އައި ޓްރަސްޓް ޔޫ.."

"ނާދިފް ލެޓް މީ ގޯ.."

"ނާދިފް ލެޓް މީ ގޯ"

"ނާދިފް ލެޓް މީ ގޯ"

ފުންމައިގެން ތެދުގެ އެނދުގެ އަރިމަތީގައި ބަހައްޓާފައި ހުރި ބޮޑު ވާސް އަތުކޮޅަށް ހޫރާލީމެވެ. މުޅި ކޮޓަރިތެރެއަށް އޭގެ އެތިއެތިކޮޅު ބުރަބުރައިގެން ދިޔައެވެ.

"ވައި!!... ވައި!!!!..." އަތުޖެހުނުހައި އެއްޗެއް އެކިދިމަދިމާއަށް އުކީމެވެ.

ބާރުގަދަ ޠޫފާނެއް އައިސް އަހަރެން ވަށައިލި ފަދައެވެ. ވަރުގަދަ ބޮލުރިހުން މުޅި ހަށިގަނޑަށް ފެތުރިއްޖެއެވެ. މުޅިގައިގަ ރިއްސަން ފެށިއެވެ. ހަތަރެސްފައިގައި ބާރެއް ނެތި ހަށިގަނޑު އުފުލާނެ ބާރެއްވެސް ނެތެވެ. އެތައް ހާސް ޚިޔާލްތަކަކުން ހިނދުކޮޅެއްގެ ތެރޭގައި، ބުމަރެއްހެން ސިކުނޑި އެނބުރެން ފެށިއެވެ. މި ރިހުމަކަށް ކެތެއް ނުވާނެއެވެ. އަހަރެން ހަލާކުވެއްޖެއެވެ. އެތައް ސުވާލެއްގެ ޖަވާބު ބޭނުމެވެ.

މުޅި ދިރިއުޅުމަކީ ވަޒީފާކަމަށް ބަލައިގެން އުޅެފައި މިޒްރާ އެ ވަޒީފާ ދޫކޮށްލީ ކީއްވެ ހެއްޔެވެ؟ ރަޙްމެއްނެތް އެތައް އަނިޔާތަކެއް ދެމުންދިޔައިރުވެސް، އަހަރެން ދެކެ ހައްދެއް ނެތް މިންވަރަށް އޭނާ ލޯބިވީ ކީއްވެ ހެއްޔެވެ؟ އަހަރެން ދޫކޮށް އެދިޔައީ ކީއްވެ ހެއްޔެވެ؟ އަހަރެންގެ ފަރާތުން ފަސޭހަކަމާއެކު ބަދަލުހިފޭނެކަން އެނގިހުރެ، ހިމޭންކަމާއެކު ހުރިހައި ކަމެއް ފަހަތައް ދޫކޮށްލާފައި އެދިޔައީ ކީއްވެ ހެއްޔެވެ؟ ވާހަކަ ދައްކައިގެން ކަންކަމުގެ ހައްލު ހޯދުމަކީ މިޒްރާގެ ހުނަރެކެވެ. މިކަމަށް ހައްލު ހޯދަން އަހަންނާއި މަޝްވަރާ ނުކުރީ ކީއްވެ ހެއްޔެވެ؟ ވައި؟! ވައި؟! ވައި؟!

ތެދުވެގެން ގޮސް، އަނެއްކާވެސް މޫނުބަލައި ލޯގަނޑުކައިރީގައި ހުއްޓުނީމެވެ. އަހަރެންގެ ނަފުސާއި މި ސިފަދެކެ ނަފްރަތު ކުރަމެވެ. އެކަމަކު މިގޮތަށް މިކަން ދޫކޮށްލަން އަހަރެންގެ ހިތް އެއްބަހެއް ނުވި އެވެ.

ހަގީގަތް ހޯދައި، އެނގުމުގެ ވަގުތު އައިސް ޖެހުނީ އެވެ.

"މިޒްރާ މަންސޫރު..! އަހަރެންގެ ސުވާލުތަކަށް ޖަވާބު ދިނުމުގެ ވަގުތު އައިސްޖެހުނީ.." އަހަރެންގެ ނިންމުމާއެކު އެތަނުގެ ތެރެއިން ނިކުތީމެވެ.

................

ދުވަސްކޮޅެއް ކުރީންފެށިގެން އަހަރެން ދަންނަ ގެއެއް ދޮށަށް ކާރު ހުއްޓާލީމެވެ. މިއީ އަހަރެން މިގެއަށް އައި ފުރަތަމަ ފަހަރެވެ.

-ނުނިމޭ-

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް