ލ.ގަމުގައި އެމްޑީޕީން މިއަދު ބޭއްވި މަޖިލިސް ކެމްޕެއިންގައި ވާހަކަދައްކަވަމުން މާރިޔާ ވަނީ ކެމްޕެއިން ތެރޭގައި ދިޔަ ރަށްރަށުގެ ތެރެއިން ނައިފަރަށް ދިޔަ ކަަމަށް ވިދާޅުވެ އެ ރަށުގެ ހާލަަތަށް އަލިއަޅުއްވާލާފަ އެވެ. ޒަމާނުއްސުރެއް ނައިފަރަކީ އޮޮންނަ މުހިއްމު ރަށެއްކަން ރައީސް މުއިއްޒުވެސް ފާހަގަކުރައްވާކަމަށް ވިދާޅުވެ މާރިޔާ ވަނީ ނައިފަރުގައި ތަރައްގީއަށް ބުރު އެރީ އެ ދާއިރާގައި ޒަމާނުއްސުރެެއް ހުރި މަޖިލިސް މެމްބަރުގެ ސަބަބުން ކަމަށް ވިދާޅުވެފައެވެ. އެރަށު އެއް މަގެއްގައިވެސް ތާރު އެޅިފައި ނެތް ކަަމަށާއި ފެނާއި ނަރުދަމާގެ ނިޒާމްވެސް ގާއިމްކޮށްފައި އޮތީ ފެންވަރުކުޑަކޮށްކަމަށް މާރިޔާ ފާހަގަކުރެއްވި އެވެ.
މާރިޔާ ވަނީ އެއީ ނައިފަރު ރައްޔިތުން އޭނާ ގާތު ދެންނެވި ވާހަކައެއް ކަަމަށެވެ. އެގޮތުން ހުރިހާ ގޮޅިިއެއްގެ ފެންވަރު ދައްކަމުން ބޭނުން ނުކުރެވިގެން ސަރުކާރުން ޖެހުނީ އެނަގާ އަލުން މުޅި ތަނުގައި ހޮޅި އަޅާ ތައްޔާރުކުރަންކަމަށެވެ. އަދި ރައީސް ސޯލިހުގެ ސަރުކާރުން ވަނީ އެރަށު ބޮޑު މަގު ހަދަން ތައްޔާރުކޮށްފައި ކަމަށް މާރިޔާ ވިދާޅުވި އެވެ. އެމަގުގައި ސައިކަލު ބުރެއް ޖަހާލަން ދިޔައިރުވެސް ބޮޑު މަގު ބޭނުން ކޮށްނުލެވޭ ވަރަށް މަގުގެ ފެންވަރު ދަށްކަމަށާއި އެފަދަ ކަންކަމަށް އޮތީ މުޅިން އަޅާނުލެވިފައިކަމަށް މާރިޔާ ވިދާޅުވި އެވެ.
މީގެ އިތުރުން މާރިޔާ ވަނީ ގަމު ދާއިރާއަށް އަލިއަޅުއްވާލާ ލ. އަތޮޅުގެ ދިގު ބޮޑު މަގުގައި ހަަމަ ފެނާއި ނަރުދަމާގެ ކަންކަން ގާއިމުކޮށް ނިންމެވީ ރައީސް ސޯލިހުކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ޕީޕީއެމް ސަރުކާރުން ފާޑުކިޔާ ރައީސް ސޯލިހު ގެނުވި ތަރައްގީ އެވަރުންވެސް ނުފެންނަކަމަށް ކިޔާ އުޅުއްވި ކަމަށް މާރިޔާ ފާހަގަކުރެއްވި އެވެ.
ވަޒީފާގެ ބިރު ވެސް އިންތިހާއަށް އެބައޮތް ކަމަށާއި ހުރިހާ ރަށެއްގެވެސް އެއްވެސް ބޭފުޅަކަށް ކެމްޕެއިނަށް ނިކުމެ ވަޑައިގެން ކެރި ވަޑައިނުގަންނަނވާ ވަޒީފާ ގެއްލި ދާނެނެތީ ކަމަށް މާރިޔާ ވިދާޅުވިއެވެ. ރައީސް މުއިއްޒު އެ މަޑުކުރައްވަނީ އިންތިހާބު ނިމެންދެންކަމަށާއި އިންތިހާބު ނިމުމުން އެ މީހުން ކަނޑާލާނެ ކަމަށް ދެކިވަޑައިގަންނަވާކަމަށް މާރިޔާ ވިދާޅުވި އެވެ. އަދި މީގެ ކުރިންވެސް ފެނަކައިން 900 ވަޒީފާ މަދުކޮށްފީމޭ ވިދާޅުވެ، އެއީ ހަރަދުކުޑަކުރުމުގެ ގޮތުން ކުރެއްވި ކަމެއްކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާކަން މާރިޔާ ފާހަގަކުރެއްވި އެވެ. އޭގެ ސަބަބުން 900 އާއިލާ ބިކަ ވެގެން ދިޔަކަމަށް މާރިޔާ ވިދާޅުވި އެވެ.
ކެމްޕެއިން ތެރެއިން ހަނިމާދޫއަށް ވަޑައިގަން ކަން ފާހަގަކޮށް އެއާޕޯޓު މަޝްރޫއު ނިމުމަކާއި ގާތްވެފައިވާކަަމަށް މާރިޔާ ވިދާޅުވި އެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން އެމްޑީޕީ ސަރުކާރުގެ މަސައްކަތު ސްޕީޑަށްވެސް ފާޑު ވިދާޅުވެފައިވާކަމަށް މާރިޔާ ފާހަގަކުރެއްވި އެވެ. ނަމަވެސް އެމްޑީޕީން މަސައްކަތްކުރަމުން ދިޔައީ ބާރު ސްޕީޑެއްގައި ކަމަށް މާރިޔާ ވިދާޅުވި އެވެ.
ރައީސް މުއިއްޒު ސަރުކާރުގައި ޕްރޮޖެކްޓްތަަކަށް މިލިއަނުން ރުފިޔާ ހަރަދުކުރިކަމަށް ވިދާޅުވަމުންދާ ނަމަވެސް ފެންނަމުން ދަނީ ބޭކާރު ގޮތުގައި ހަރަދުކުރައްވާ ތަން ކަން މާރިޔާ ފާހަގަކުރެއްވިއެވެ. އަދި ތުރުކީ ވިލާތުން ކާބޯތަކެތި ގެންނަން ވައުދުވީނަމަވެސް ފެންނަމުން ދަނީ އިންޑިއާގައި އުފައްދާ ތަކެތި އެތެރެކުރާތަން ކަަމަށް މާރިޔާ ވިދާޅުވި އެވެ.
ސަރުކާރު ލިބުނީމަ ޕީޕީއެމްއަށް ނިސްބަތްވާ ހުރިހާ މެމްބަރުން ދުވެފަ ދިޔައީ ރައީސް މުއިއްޒު ސަރުކާރަށް މަގާމުތައް ހޯދަން ކަމަށް މާރިޔާ ވިދާޅުވި އެވެ. ކަން ކަން ކުރަނީ އެމީހުންގެ އެއްވެސް ޒިންމާދާރުކަމެއް ނެތް ކަންކަން ކުރުމުގެ ގޮތުންކަމަށް މާރިޔާ ވިދާޅުވި އެވެ.
މާރިޔާގެ އިތުރުން މި ޖަލްސާގައި ވާހަކދެއްކެވި ކުރީގެ ރައީސް ސޯލިހް އަދި އެމްޑީޕީގެ މިހާރުގެ ރައީސް ކުރީގެ ފޮރިން މިނިސްޓަރު ޝާހިދުވެސް ވަނީ ރައީސް މުއިއްޒުގެ އެޑްމިނިސްޓްރޭޝަނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި އެވެ.
ކުރިއަށް އޮތް ފަސް އަހަރު އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ރައްޔިތުންނަށް ހިދުމަތް ކޮށްދެވޭނީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ކޮންމެހެން ލިބިގެން ކަމަށް ރައީސް ދަނީ ވިދާޅުވަމުންނެވެ.
ނަމަވެސް އެމްޑީޕީން ބުނަނީ ސަރުކާރު ޖަވާބުދާރީ ކުރަން އިދިކޮޅު މެމްބަރުން މަޖިލީހުގައި ތިބެން ޖެހޭ ކަމަށާއި ސަރުކާރަށް ހުރިހާ ބާރެއް ދީފި ނަމަ ގައުމުގެ މިސްރާބު ނުބައި ދިމާލަކަށް ދާނެ ކަމަށެވެ.