ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް ޑިސެމްބަރު 25، 2022 ގައި ދަށު ކޯޓުން އިއްވި ހުކުމުގެ އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓުގައި ނިންމާލި ފަހުން ހަތަރު މަހެއްހާ ދުވަސްވެފައިވާއިރު އަދިވެސް ހުކުމްކުރެވޭނެ ދުވަހެއް ނޭނގެއެވެ.
އެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފަ އެވެ.
ޕީޕީއެމް/ޕީއެންސީން މިއަދު ބޭއްވި މަޖިލިސް އިންތިހާބާ ގުޅޭ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ތަރުޖަމާން ހީނާ ވަލީދު ވަނީ، އެ މައްސަލަ ޖޭއެސްސީއަށް ހުށަޅާނެ ކަމަށް އަސްލަމް ވިދާޅުވި ވިދާޅުވުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ހީނާ ވިދާޅުވީ، އެމްޑީޕީގެ މެޖޯރަޓީ އޮތް ޖޭއެސްސީއަށް އެ މައްސަލަ ބަލަން އަސްލަމް ވަޑައިގަތުމަކީ "ބޮޑު ޖޯކެއް" ކަމަށެވެ.
ހީނާ ވިދާޅުވީ، މި ސަރުކާރުން އެއްވެސް ވަރަކަށް ބަދަލު ހިފުމުގެ ރޫހެއް ނުގެންގުޅޭނެ ކަމަށެވެ.
ޖޭއެސްސީ އަށް މިއަދު ހުށަހެޅުއްވި އެ މައްސަލައިގެ ލިޔުމުގައި ވިދާޅުވެފައި ވަނީ "ރައީސް ޔާމީންގެ އިސްތިއުނާފުގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ނިމި ހަތަރު މަސް ވީއިރު ވެސް، ހުކުމް ނީއްވި ލަސްވަމުން ދާތީ، މިހެން މިދިމާވަނީ، ފަނޑިޔާރުންގެ މައްޗަށް އެއްވެސް ކަހަލަ ނުފޫޒެއް އޮވެގެން، ސުލޫކީ މިންގަނޑު ނުހިފެހެއްޓިގެންތޯ ޖޭއެސްސީ އިން ބައްލަވައި ދެއްވުމަށް ހުށަހަޅަން" ކަމަށެވެ.
މި މައްސަލަ ލިބިފައިވާ ކަމަށް ޖޭއެސްސީގެ ސެކްރެޓަރީ ޖެނެރަލް އާމިނަތު ނަދާ ވިދާޅުވި އެވެ.
ހައި ކޯޓުގައި ޔާމީނުގެ އިސްތިއުނާފީ ޝަރީއަތުގައި، އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ ނޮވެމްބަރު 21، 2023 ގަ އެވެ. އެ ދުވަހު ކުރިއަށް ގެންދިޔައީ މައްސަލައިގެ ފަހު ބަސް އިއްވުމެވެ. ދެން އޮންނާނީ ހުކުމް އިއްވުމެވެ.
ޔާމީންގެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންނަކީ މުހައްމަދު ސަލީމް، ހުޒައިފާ މުހައްމަދު އަދި ހަސަން ޝަފީއު އެވެ.
ޔާމީންގެ ޝަރީއަތް ލަސްވެފައިވާއިރު މި ސަރުކާރުގައި އެ މަނިކުފާނު މިނިވަންކުރުމުގެ އިހުލާސްތެރި ނިޔަތެއް ނެތް ކަމަށް ވިދާޅުވެ، ޔާމީން ގެންދަވަނީ ސަރުކާރާ ދެކޮޅަށް ވާހަކަފުޅު ދައްކަވަމުންނެވެ.
ރިޝްވަތު ބައްލަވައިގެން އެ ފައިސާ ލޯންޑާކުރިކަމުގެ ތުހުމަތު ސާބިތުވެ 11 އަހަަރުގެ ޖަލު ހުކުމެއްގައި ހުންނެވި ޔާމީންގެ ޖަލު ބަންދު މިދިޔަ އެމްޑީޕީ ސަރުކާރުގެ އެންމެ ފަހު ދުވަސްކޮޅު ވަނީ ގޭބަންދަކަށް ލުއިކޮށްދީފައެވެ. އަދި، ކަސްރަތު ކުރެއްވުން ފަދަ ކަންކަމަށް ބޭރަށް ވެސް ނުކުމެވަޑައިގެން އުޅުއްވޭގޮތަށް ބޮޑެތި ލުއިތަކެއް ވަނީ ދީފައެވެ.
އެކަމަކު، ޔާމީން ގެންދަވަނީ ބަންދެއްގައި ހުންނަވައިގެން ވެސް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ. އިންޒާރުތަކެއް ދިން ނަމަވެސް އެ ކަމާ ގުޅިގެން ކަރެކްޝަންސްއިން މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅައިފައެއް ނުވެއެވެ.