ads
އެޗްޑީސީން ސަސްޕެންޑް ކުރި ހަސަން އިއާދު. އޭނާ އަންނަަނީ މާފަނުން ދެކުނު ދާއިރާއަށް އެމްޑީޕީ ޓިކެޓްގައި ވާދަކުރަމުން
އެމްޑީޕީގެ ކެންޑިޑޭޓަކު އެޗްޑީސީން ސަސްޕެންޑްކޮށްފީ
އެމްޑީޕީގެ ޓިކެޓުގައި މާފަންނު ދެކުނު ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓް ހަސަން އިއާދު (އިއަޑޭ) އެޗްޑީސީން ސަސްޕެންޑްކޮށްފިއެވެ.

އެޗްޑީސީގައި މަސައްކަތް ކުރާ އިއާދު އެކުންފުނިން ސަސްޕެންޑްކުރީ މައްސަލައެއް ބަލަމުންދާތީ އެކަމުގެ ތަހުގީގަށްކަމަށް ބުނެއެވެ. އިއާދު ސަސްޕެންޑްކޮށްފައިވަނީ މިއަދުން ފެށިގެން 14 ދުވަހުގެ މުއްދަތަށެވެ. 

ހަސަން އިއާދު ބުނީ ބަންދަށްފަހު އޮފީހަށް ނުކުތުމުން ލިބުނީ ސިޓީއެއްކަމަށާއި އޭގައިވަނީ ވަޒީފާއިން ސަސްޕެންޑްކުރި ވާހަކަ ކަމަށެވެ. އަދި މީއީ ސިޔާސީ ގޮތުން އެޅި ފިނޑި އަމަލެއްކަމަށްވެސް އިއާދުގައި ބުނެއެވެ.

" ބަންދަކަށްފަހު މިއަދު އޮފީހަށް ނިތުމުން ލިބުނު ޢީދު ހަދިޔާ އަކީ ސަސްޕެންޑް ކުރިކަމުގެ ސިޓީއެއް. މިއީ ވަޒީފާގެ ބިރުދެއްކުން. މިއީ ސަރުކާރު ބިރުގަންނާތީ ސިޔާސީ ގޮތުން އެޅި ފިނޑި އަމަލެށް." އިއާދު ބުނިއެވެ.

ސަސްޕެންޑުކުރިކަން އަންގާ އިޔާދަށް އެޗްޑީސީން ދިން ލިޔުމުގައި ސަސްޕެންޑު ކުރި މުއްދަތުގައި އެ ކުންފުނީގެ އިމާރާތްތަކާއި ސައިޓުތަކަށް ވަނުމަށް އާއްމު ފަރުދުންނަށް ހުއްދަ ކޮށްފައިވާ ހިސާބުތައް ނޫން އެހެން ތަންތަނަށް ނުވަނުމަށް ވަނީ އަންގާފައެވެ. އަދި އެޗްޑީސީން އޭނާއާ އެއްވެސް މުދަލެއް ހަވާލުކޮށްފައިވާނަމަ މިއަދުގެ ރަސްމީ ގަޑި ނިމުމުގެ ކުރިން އެ ކުންފުންޏާ ހަވާލު ކުރުމަށް ވެސް ވަނީ އަންގާފައެވެ.

މަޖލިސް އިންތިހާބާއި ދިމާކޮށް އިދިކޮޅު ކެންޑިޑޭޓުންނަށް ތާއިދުކުރާ ފަރާތްތަކަށް ވަޒީފާގެ ބިރު ސަރުކާރުން ދައްކާކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ. އަދި އިހަށް ރޭ ހިންނަވަރުގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ޕީއެންސީ ޕޯޑިއަމްގައި އެޕާޓީގެ މެމްބްރަކު ވަނީ ސަރުކާރަށް ތާއިދު ނުކުރާ އިދިކޮޅު މުުވައްޒަފުންނަށް ފިޔަވަޅު އަޅަންވެސް ގޮވާލާފައެވެ. 

އެހެންނަމަވެސް ސަރުކާރު ހިންގާ ޕީއެންސީ ބުނީ އެއީ އެޕާޓީގެ ސިޔާސަތު ނޫންކަމަށެވެ. އެއީ އަމިއްލަ ފަރުދެއްގެ ވިސްނުންކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް