ads
ތިން ރަށެއްގައި މަސް ފެކްޓްރީ އެޅުމުގެ އެއްބަސްވުމުގައި ޗައިނާ ކުންފުންޏަކާއެކު ސޮއިކުރުން - ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
ތިންސަރަހައްދެއްގައި މަސް ފެކްޓްރީ އަޅަން ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި
ރާއްޖޭގެ ތިން ސަރަހައްދެއްގައި މަސް ބަންދުކުރާ ފެކްޓްރީތައް ގާއިމްކުރަން ޗައިނާގެ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ފިޝަރީޒް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުތައް ހަވާލުކޮށްފައިވަނީ ޗައިނާ ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމަށްވާ، ޑޮންފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަނާ އެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ފިޝަރީށް މިނިސްޓަރު އަހްމަދު ޝިޔާމެވެ.

ދ. މާދެލީގައި ގާއިމުކުރާ މަސް ކާރުހާނާއި ކޯލްޑް ސްޓޯރޭޖުގެ މަސައްކަތާއި، ޅ. ފެލިވަރުގެ މަސް ކާރުހާނާ ބޮޑުކުރުމުގެ އިތުރުން، ގދ. ފިޔޯރީގައި ގާއިމުކުރާ މަސް ކާރުހާނާއި ކޯލްޑް ސްޓޯރޭޖުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެ އެވެ.

އެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު، ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވި ގޮތުގައި، މުޅި މަޝްރޫއުއަށް 225 މިލިއަން ޑޮލަރު ހަރަދުވެދާނެ ކަމަށް އަންދާޒާކުރެވޭ ކަމުގަ އެވެ.

މި މަޝްރޫއުގެ ދަށުން ފެލިވަރުގައި ގާއިމްކުރަނީ 100 ޓަނުގެ މަސް ބަންދުކުރާ ކާރުހާނާއެކެވެ. އަދި މި މަސައްކަތައް 50 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަަށް ވަނީ އަންދާޒާކޮށްފަ އެވެ.

މީގެއިތުރުން ދ. މާދެލީގައި 50 ޓަނުގެ މަސް ބަންދުކުރާ ކާރުހާނާއަކާ އެކު 1500 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމްކުރުމާއި، ގދ. ފިޔޯރީގައި 3000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާ އެކު 100 ޓަނުގެ މަސް ބަންދުކުރާ ކާރުހާނާއެއް ގާއިމްކުރުމުގެ މަސައްކަތް ވެެެސް މި މަޝްރޫއުގެ ތެރެއިން ކުރިއަށްދާނެ އެވެ.

އެއްބަސްވުމުގައި ވާގޮތުން ދަށުން 18 މަސް ދުވަހުގެ ތެރޭގައި ތިން ރަށުގެ މަސް ފެކްޓްރީގެ މަސައްކަތް ނިންމާ އޮޕަރޭޝަނަށް ގެންނަންޖެހޭނެ އެވެ. އަދި މަޝްރޫއުގެ ޑިޒައިނިން އާއި ފައިނޭންސްގެ މަސައްކަތް ކުރުމަށް، މަސައްކަތް ފެށުމަށް ތިން ވަރަކަށް މަސް ހޭދަވާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތް ފުޅާކުރުމަށް ރައީީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތު ތަންފީޒުވަމުންދާއިރު، މި ސިނާއަތް ވެގެންދާނީ ރާއްޖެއަށް ބޭރު ފައިސާ އާމްދަނީގެ ގޮތުގައި ވައްދާ އެންމެ ބޮޑު އެއް ސިނާއަތަށް ކަމަށެވެ. 

މީގެއިތުރުން މި މަޝްރޫއު ނިމުމުން ރާއްޖޭގައި 81 ހާސް ޓަނުގެ މަސް ދަޅުގަޔާއި ޕައުޗްގައި ބަންދު ކުރެވޭނެ ކަމަށާއި، މިއީ ރާާއްޖޭގައި މަހާއި މަހުގެ އުފެއްދުންތަކުން ކުރެވޭ ވިޔަފާރިތަކުން އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ފުރަތަމަ ފިޔަވަޅަށް ވެގެންދާނެކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް