ads
މަކުނުދޫ ފަޅުގައި ސޮނެވާއިން ތަރައްގީކުރި ސޮނެވާ ސީކްރެޓް - ފޮޓޯ: ސޮނެވާ
މަކުނުދޫ ފަޅުގައި ސޮނެވާއިން ތަރައްގީކުރި ރިސޯޓު ހުޅުވައިފި
ހދ. މަކުނުދޫ ފަޅުގައި އޮންނަ ދިއްޕަރުފުށީގައި ސޮނެވާއިން ތަރައްގީކުރި "ސޮނެވާ ސީކްރެޓް" ރިސޯޓު ހުޅުވައިފި އެވެ.

ލަގްޒަރީ ރިސޯޓު ހިންގުމުގައި ފާހަގަކޮށްލެވޭ ސޮނެވާ ކުންފުނިން ތަރައްގީކުރި މި ރިޒޯޓްގައި ބީޗް ވިލާއާއި އޯވާ ވޯޓާ ވިލާތައް ވެސް ހިމެނޭހެން ޖުމުލަ 14 ވިލާ ހުރެ އެވެ. އަދި އޭގެތެރެއިން ކޮންމެ ވިލާއެއްގައި ވެސް ހިދުމަތްދޭނެ ބަޓްލަރަކާއި ހާއްސަ ޝެފެއް ހުންނާނެ އެވެ.

ސޮނެވާއިން ބުނި ގޮތުގައި ސޮނެވާ ސީކްރެޓްގައި ހަ ވައްތަރެއްގެ ވިލާ ހުންނާނެ ކަމުގަ އެވެ. އޭގެތެރޭގައި ގުދުރަތީ މާހައުލުގައި ސުލްހަވެރިކަމާއެކު އުޅެވޭނެގޮތަށް ފަރުމާކޮށްފައިވާ ކްރޫސޯ ވިލާ އާއި ކަސްޓަވޭ ވިލާއަކީ އެންމެ ފާހަގަކޮށްލެވޭ ވިލާތަކެވެ. އެ ވިލާތަކުން ގޮނޑުދޮށާއި މޫދުގެ ހިތްގައިމު މަންޒަރު ފެންނާނެ އެވެ.

މީގެއިތުރުން ވެސް މި ރިސޯޓުން ގޯމޭ ޑައިނިންއާއި، ތަފާތު އެކި ވައްތަރުގެ ލަގްޒަރީ ކެއުންތައް ތަޖުރިބާކުރުމުގެ ފުރުސަތު ފަތުރުވެރިންނަށް ލިބޭނެ ކަމަށް ސޮނެވާއިން ބުނެ އެވެ.

ފަތުރުވެރިކަން ދަށް ހދ. އަތޮޅުގައި މިހާރު ހިންގަމުންދަނީ ހަމައެކަނި ހޮނޑާފުށި އައިލެންޑް ރިސޯޓެވެ. ހޮނޑާފުށީގެ އިތުރުން އެހެންވެސް ބައެއް ރަށްރަށް މީގެ އަހަރުތަކެއް ކުރިން ރިސޯޓް ހަދަން ދޫކޮށްފައިވީ ނަމަވެސް، އެ ރަށްތަކުގެ މަސައްކަތް ކުރިއަށްނުދާކަން ފާހަގަކޮށްލެވެ އެވެ.

ފަތުރުވެރިންނަށް ހދ. ކުޅުދުއްފުށީ އެއާޕޯޓުން ލޯންޗުގައި އެއް ގަޑިއިރުން ސޮނެވާ ސީކްރެޓްއަށް ދެވޭނެ އެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 75 މިނެޓުގެ ތެރޭގައި ސީޕްލޭނުގައި އެ ރިސޯޓަށް ދެވޭއިރު، ބ. އަތޮޅު ސޮނޭވާ ފުށިން ސީޕްލޭންގައި 40 މިނެޓުން ރިސޯޓަށް ދެވޭނެ އެވެ. އަދި މަކުނުދޫއިން ސްޕީޑް ބޯޓުގައި އެ ރިސޯޓަށް ދިއުމަށް ނަގާނީ 20 ވަރަކަށް މިނެޓެވެ.

ބ. އަތޮޅުގައި ސޮނެވާފުށި އަދި ނ. އަތޮޅުގައި ސޮނެވާ ޖާނީ ވެސް ހިންގަމުން އަންނަ ސޮނެވާއިން ވަނީ، މިއަހަރު ނިމޭ އިރު 1.6 މެގަވޮޓްގެ ކެޕޭސިޓީއަކާއި ތިން މެގަވޮޓްގެ ބެޓެރީއެއް ހިމެނޭ ޒަމާނީ ފްލޯޓިން ސޯލާ ޕީވީ ސިސްޓަމެއް ސޮނެވާ ސީކްރެޓްގައި ބެހެއްޓުމަށް ރާވާފަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް