ބިލެތްދޫ ދާއިރާއަށް ވާދަކުރާ އެމްޑީޕީ ކެންޑިޑޭޓް ކެމްޕެއިން ޖަލްސާގައި މަގޫދޫގައި ވާހަކަދައްކަވަމުން ރައީސް ސާލިހް ވިދާޅުވީ މި ސަރުކާރުން އެންމެ ބާރު ސްޕީޑުގައި ކުރާކަމަކީ ހިނަގަމުން އައި ތަރައްޤީގެ މަޝްރޫޫތައް ހުއްޓާލުންކަމަށެވެ. އަދި އެކަމުގެ ސަބަބުން އަތޮޅާއި ރަށްރަށާއި ވަކިވަކި ފަރުދުންގެ މެދުގައި ފިތުނަ އުފެއްދިގެންދާކަން ރައީސް ސާލިހް ފާހަގަކުރެއްވިއެވެ. މިކަމުގެ މިސާލަަކަށް އެމަނިކުފާނު ނެންގެވީ މަގުދޫ އެއާޕޯޓް ހުއްޓާލާ ނިލަންދޫގައި އެއާޕޯޓްގެ މަސައްކަތް ފެށި ފެށުމެވެ.
ރައީސް ސާލިހް ވިދާޅުވީ މަގޫދޫގައި ފަށާފައިވާ އެއާޕޯޓްގެ މަސައްކަތް ނިމުކާއި ގާތްވެފައިވަނިކޮށް އަމިއްލަ ބޭނުމަކަށް އެޢާޕޯޓް އެހެން ރަށަކަށް ގެންދިޔައީ އެއްވެސް މަޝްވަރާއެއްވެސް ކޮށްލުމެއް ނެތިކަމަށެވެ.
ރައީސް ސާލިހް ވިދާޅުވީ އެމްޑީޕީ ވެރިކަން ނޫން ވެރިކަންކަމުގައި މަގޫދޫ އެކަހެރިކޮށް ބާކީކޮށްލާފައި އޮންނަކަމަށެވެ. އަދި އެރަށަށް އެކި އުނދަގޫތަކާއި ޖެއްސުންތައް ސަރުކާރުތަކުން ކޮށްފައިވާކަމަށް ރައީސް ސާލިހް ވިދާޅުވިއެވެ. އެގޮތުން އަތޮޅުވެރަކަމާއި އަތޮޅު ސްކޫލް އެރަށުން އެހެން ރަށަކަށް ބަދަލުކުރި ކުރުން ފާހަގަކުރިއެވެ.
އެހެން އެއްވެސް ސަރުކާރަކުން ނުކޮށްދޭ ބޮޑެތި މަޝްރޫއުތައް އެެމްޑީޕީ ސަރުކާރުން ބިލެތްދޫ ދާއިރާގައި ހިންގާފައިވާނެކަމަށް ރައީސް ސާލިހް ވިދާޅުވިއެވެ.
މި ހަފްތާ ކުރީކޮޅު ރައީސް މުއިއްޒު ފ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި މަގޫދޫއަކަށް ވަޑަައިއެއް ނުގެންނެވިއެވެ. އޭގެ ބަދަލުގައި ކައުންސިލާއި ބައްދަލުކުރީ ކައުންސިލް މެމްބަރުން ބިލެތްދޫއަށް ގެންގޮސް އެރަށު ފެނަކައި އޮފީހުގައެވެ. އެ ބައްދަލަވުމުގައި ކައުންސިލުން އެޢާޕޯޓް ހުއްޓާލުމުން އެކަމުގެ ކަންބޮޑުވުން ފާޅުކުރުމުން އެއާޕޯޓް މަސައްކަތް ކުރިޔަށް ގެންދާނެކަމަަށްް ވަނީ ވިދާޅުވައެވެ.