ފަލަސްތީނުގެ ގާޒާގައި ހާލުގައި ޖެހިފައިވާ 2.3 މިލިޔަން މީހުންނަށް އެހީވާން އެޗްޑީސީން އެއް މިލިއަން ރުފިޔާގެ އެހީ ގާޒާއަށް ފޯރުކޮށްދިނުމަށް އައިއޭސީއާ ހަވާލުކޮށްފައިވާއިރު އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ކެނޑިނޭޅި ދެމުންދާ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ އެ ގައުމުގެ ރައްޔިތުންނަށް އެހީވުމަށް ގިނަ އަދަދެއްގެ އާންމުން ވެސް ދަނީ އެ ޖަމިއްޔާ މެދުވެރިކޮށް ފައިސާގެ އެހީވަމުންނެވެ.
އައިއޭސީން އިންސްޓަގްރާމުގައި ކުރި ޕޯސްޓެއްގައި ބުނީ ސަދަގާތުގެ ގޮތުގައި އެޗްޑީސީން އެއް މިލިއަން ރުފިޔާ އެ ޖަމިއްޔާއާ ހަވާލުކޮށްފައިވާ ކަމަށެވެ. އެހީގެ ފައިސާ، އޭގެ ހައްގުވެރި ފަރާތްތަކަށް ފޯރުކޮށްދީ ތަފްސީލު އާންމުކުރާނެ ކަމަށް ވެސް އައިއޭސީން ބުންޏެވެ.
ދިވެހިންގެ އެހީ ބޭރުގެ ނިކަމެތިންނާއި އެހީއަށް ބޭނުންވާ ފަރާތްތަކާ ހަމައަށް ގެންގޮސް ދިނުމުގައި އުޅޭ އައިއޭސީގެ މަގުސަދާ މެދު ސުވާލު އުފައްދައި، އެ ޖަމިއްޔާއިން މަކަރާއި ހީލަތް ހަދާ ކަމަށް މީގެ ކުރިން ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ތުހުމަތުތަކެއް ކުރި އެވެ.
އެ މީހުން އެންމެ ބޮޑަށް ފާހަގަ ކުރަނީ، ހަދިޔާ ކުރާ ފައިސާއިން ޖަމިއްޔާގެ އިދާރީ ހިންގުމަށް %12.5 ނަގާއިރު، އޭގެ ތަފްސީލު އާއްމު ނުކުރާ ކަމަށް ބުނެ އެވެ.
ޔަހޫދީންގެ އުދުވާނުގައި ޝަހީދު ކޮށްލާފައިވާ ގާޒާ މީހުންގެ އަދަދު 33,000 ފަހަނައަޅާފައިވާއިރު, އޭގެ ތެރޭގައި ގިނައީ ފަލަސްތީނުގެ ކުށެއް ނެތް އާންމު ރައްޔިތުންނެވެ. މައުސޫމު ކުޑަކުދިންނެެވެ. އަންހެނުންނެވެ. އަދި, އުމުރުން ދުވަސްވީ މީހުންނެވެ. ގާޒާގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރެއިން 25,000އަކީ އަންހެނުންނާއި ކުޑަކުދިންނެވެ. މި ކަން ހާމަ ކުރެއްވީ އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިނެވެ.
ޔަހޫދީ ފައުޖުގެ ޖައްބާރު ސިފައިން މިހާރު ދަނީ ޣައްޒާގެ އެންމެ ދެކުނުން އޮތް ރަފަހަށް އަރައި ގަތުލުއާންމުތައް އިތުރު ކުރަން ތައްޔާރުވަމުންނެވެ. ރަފަހުގައި މި ވަގުތު 1.5 މިލިޔަނަށްވުރެ ގިނަ މީހުން އެބަތިއްބެވެ. އެ ރަށަށް އަރައި, އެ ރަށުގައި ތިބި ފަލަސްތީނުގެ މުސްލިމުންގެ ލޭއޮހޮރުވައިލާނެ ކަމުގެ އިންޒާރު އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އޮތީ ދީފައެވެ.