
ދިވެހިރާއްޖެއިން މިކަމަށް ގޮވާލީ ދަރަނީގެ ދެމެހެއްޓެނިވިކަމާއި އިޖްތިމާއީ-އިގުތިޞާދީ ހަމަހަމަކަމުގެ މައްޗަށް ކުރިޔަށްގެންދިޔަ އދ.ގެ މަތީ ފަންތީގެ މައުޟޫއީ ބަހުސްގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ދެއްވި ތަގުރީރެއްގަ އެވެ.
އދ. ގެ ހައި ލެވެލް ތުމެޓިކް ޑިބޭޓް އޮން ޑެޓް ސަސްޓެއިނަބިލިޓީ އެންޑް ސޯޝިއޯ އިކޮނޮމިކް އީކުއަލިޓީ ފޯ އޯލް ގައި އޭނާ ވިދާޅުވީ، ކުދި ގައުމުތަކަށް ތިމާވެށީގެ މައްސަލަތަކުގެ އިތުރުން އެހެން ގައުމުތަކާ ގުޅިފައިވާ އެހެން މައްސަލަތަކުގެ އަސަރު ވެސް ކުރާ ކަމަށެވެ. މިފަދަ މައްސަލަތަކާ ހެދި އުމްރާނީ މަޝްރޫއުތަކަށް ހޭދަކުރަން ޖެހޭ ވަރު އިތުރުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި ލޯނު ހޯދުމާއި އެނޫން ގޮތް ގޮތަށް ފައިނޭންސިން ހޯދުމަށް ހުންނަނީ ހަނި ފުރުސަތުތަކެކެވެ.
އޭނާ ވިދާޅުވީ، މިކަން ބަދަލުކުރަން ބައިނަލްއަގްވާމީ މާލީ އޮނިގަނޑަށް އަވަސް އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އަދި އެންމެ ނާޒުކު އިގްތިސާދުތަކަށް ދިމާވާ މާލީ ކާރިސާތަކުން ސަލާމަތްވެވޭނެ ފަދަ ލުއި ފިޔަވަޅުތައް ފޯރުކޮށްދިނުމަށް ބައިނަލްއަގްވާމީ އެއްބާރުލުން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ، އިގްތިސާދު ކުރިއަށް ގެންދިއުމަށް ދެމެހެއްޓެނިވި، ކުޑަ އިންޓްރެސްޓް ރޭޓުތަކުގައި ލޯނު ލިބެން ޖެހޭ ކަމަށެވެ.
މީގެ އިތުރުން، ދުނިޔޭގެ ރިސެޝަން ނުވަތަ ބޭރުގެ ލޮޅުންތައް ކުރިމަތިވާ ދަނޑިވަޅުތަކުގައި ބޮޑު އަގެއްގައި ނަގާ ބޭރުގެ ދަރަނިތަކަކީ ދެމެހެއްޓެނިވި ދަރަނިތަކެއް ނޫންކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. މިނިސްޓަރު ވަނީ ދަރަނި އިތުރުވުމުގެ ސަބަބުން ގައުމަށް އެންމެ ބޭނުންވާ ތަރައްގީގެ މަޝްރޫޢުތަކަށް ފައިސާ ދޫކުރުމުގެ ޤާބިލުކަން ކުދި ގައުމުތަކުގެ ދައުލަތްތަކުގައި ނުހުންނަކަން ހާމަކުރައްވާފަ އެވެ.
މީގެ އިތުރުން ކުދި ގައުމުތަކަށް އަގު ހެޔޮކޮށް ލޯނު ނެގޭނެ ގޮތަށް ބައިނަލްއަގުވާމީ މާލީ އާކިޓެކްޗާއަށް އަވަސް އިސްލާހުތަކެއް ގެނައުމަށް ވެސް ފައިސަލް ގޮވާލެއްވި އެވެ.