ads
މެމްބަރު އަލީ ޙުސެއިން: ފާހަގަކުރެވިފައި ވަނީ ފަސްބައި ސާފު، އަހުލާގީ މިންގަޑު ދަމަހައްޓާ، ދައްކާ ވާހަކައިގައި އޮއްޓަރު ހުރި، އުންމީދީ މެމްބަރެއްގެ ގޮތުގައި
މެމްބަރު އަލީ ޙުސެއިން: ސިޔާސީ އުދަރެހުގައި އަލިގަދަ ތަރިއެއް
ދިވެހިރާއްޖޭގެ ސިޔާސީ ތަފާތު ހާލަތްތަކުގައި ތަފާތު އޮއިވަރުތަކުގައި ސިޔާސީ ފަރާތްތަކުގެ ހަރަކާތްތަކަށް ގިނަބަޔަކު ލޯ ހުޅުވާ ބަލަމުންދެއެވެ. އެއް ދުވަހުން އަނެއް ދުވަހަށް ސިޔާސީ ކުރީސަފަށް ރައްޔިތުން ކުރަމުންދާ އުންމީދުތަކަށް މާޔޫސީކަން އަންނަމުންދާކަން މީ ދެބަސްވެވެން ނެތް ހަގީގަތެކެވެ.
Advertisement

ނަޒާހަތްތެރިކަން ދިފާއުކޮށް އެއްހަމައެއްގައި ހިފެހެއްޓޭތަން މި ފެންނަނީ ވަރަށް މަދު މީހަކަށެވެ. މިވެނި މީހަކީ މީ ދެގޮތެއް ނުވެ ސާބިތުކަން މަތީ ހުރި މީހެކޭ ބުނެވެން ތިބީ ވަރަށް މަދު ސިޔާސީ މީހެކެވެ. ވަކިން ހާއްސަކޮށް ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކުރެވިފައިވާ މެމްބަރުންގެ ތެރޭގައި ކޮރަޕްޝަންގެ ސުވާލުތައް ފެންމަތި ވަނީ ކިޔާ ކޮޅުން ނުލާ ވަރަށެވެ.

މިފަދަ ހައްސާސް ދުވަސްތަކެއްގައި އަދި ކޮރަޕްޝަނާ ފަސާދާ އިންތިހާއަށް ގޮސްފައިވާ ޒަމާނެއްގައި ވެސް ކެންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަލީ ޙުސެއިންގެ ނަން ފާހަގަ ކުރެވެނީ ތަފާތު ނަމެއްގެ ގޮތުގަ އެވެ. ފަސްބައި ސާފު، އަހުލާގީ މިންގަޑު ދަމަހައްޓާ، ދައްކާ ވާހަކައިގައި އޮއްޓަރު ހުރި، އުންމީދީ މެމްބަރެއްގެ ގޮތުގަ އެވެ. ދެހާސް ސާދަ ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޭރުގެ "ފުންނާބު އުސް" ކަމަށް ބެލެވޭ އޭރުގެ ކެންދޫ ދާއިރާ މެމްބަރު ތަސްމީނު ބަލިކޮށް އަލީ ޙުސެއިން ގޮނޑި ކާމިޔާބު ކުރުމަކީ ގިނަ ބައެއްގެ ސަމާލުކަން މެމްބަރު އަލީ ޙުސެއިނަށް އަމާޒު ވި ކާމިޔާބެކެވެ. އަދި އެ ހިސާބުން ފެށިގެން މަޖިލީހުގެ ބަހުސްތަކުގައި ދައްކަމުން ދިޔަ ވާހަކަތަކާއި ގައުމީ ކަންކަމުގައި އަޑުހަރުކޮށް ބަސް ބުނުމާއި އިންސާފާއި ހަމަހަމަ ކަމަށް ވަކާލާތު ކުރަމުން ދިޔަ އަލީ ޙުސެއިންގެ އަޑަށާއި ވާހަކަތަކަށް ދިވެހި ގިނަ އަދަދެއްގެ މީހުންގެ ލޯތްބާއި ތާއީދު ލިބިގެންދިޔަ އެވެ.

މިކަން އެންމެ ބޮޑަށް ދަލީލު ކޮށްދިނީ 2018 ގެ އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިން މޭޓް އިހުތިޔާރު ކުރުމަށް ޖުމްހޫރީ ޕާޓީގެ އެތެރޭގެ އިންތިހާބު މެމްބަރު އަލީ ޙުސެއިނަށް ގެއްލުނީ އެންމެ ވޯޓަކުންނެވެ. އެހެނަސް އެ ވަގުތުވެސް ސޯޝަލް މީޑިއާ އާއި ރައްޔިތުންގެ ތެރޭގައި މެމްބަރު އަލީ ޙުސެއިން އެ މަގާމަށް ގެނައުމަށް އޮތް ތާއިދު ވަރަށް އަޑު ހަރުކޮށް އޮތެވެ. މި ކަންކަން މިހެން އޮތުމާއި އެކު ވެސް ޖުމްހޫރީ ޕާޓީގެ އެ އިންތިހާބުން އެއް ވޯޓުން ބަލިވި ކަމުގައި ވިޔަސް ޖެހިގެން އައި ދުވަހު އަލީ ޙުސެއިން އާއި ވާދަކޮށް ކާމިޔާބު ކުރި ފައިސަލް ނަސީމް އަރިހު ކެމްޕެއިން ހަރަކާތްތަކުގައި ކުރީ ސަފުން ފެނުމަކީ މެމްބަރު އަލީ ޙުސެއިންގެ ސާދާ މިޒާޖާއި ސިޔާސީ ދުރު ވިސްނުން ސާބިތުކޮށްދިން އަމަލުތަކެކެވެ.

your imageމެމްބަރު އަލީ ޙުސެއިން: މަޖިލީހުގެ ކޮމިޓީއެއްގައި ވާހަކަ ދައްކަވަނީ - ފޮޓޯ:މަޖިލިސް

ދެހާސް ފަނަރަ ވަނަ އަަހަރުން ފެށިގެން 2018 ވަނަ އަހަރަށް ރާއްޖެ ދެކެމުން ދިޔައީ ސިޔާސީ ވަރަށް ހަލަބޮލި ދުވަސްތަކެކެވެ. ވަރަށް ގިނަ ސިޔާސީ މީހުން ޖަލުގެ ތޭރިތަކުގެ ތެރޭގައި ދުވަސްތައް ހޭދަކުރަން ޖެހުނު ދުވަސްވަރަކަށެވެ. އެހެނަސް ޖެހިލުމެއް ނެތި ހައްގު ބަސް ބުނެ ހަމަޔާއި އިންސާފަށް އެންމެ ބާރަށް ވަކާލާތު ކުރި އެއް މެމްބަރަކީ އަލީ ޙުސެއިންކަން ތާރީހު ހެކިވާނެ އެވެ. ރައްޔިތުންގެ ލާބަޔަށް ލީ އެއްވެސް ވޯޓަކުން މެމްބަރު އަލީ ޙުސެއިން ބަރިއްޔަވެފައި ނުވެ އެވެ. ބަސް ބުނަން ޖެހުނު އެއްވެސް ވަގުތެއްގައި ބަސް ނުބުނެ ދޫކޮށްލާފައި ނެތެވެ. ރައްޔިތުންގެ ހައްގުގައި ދެ ދައުރު ބަޓަނަށް ފިތީ މިނިވަންކަމާއި ސާބިތުކަމާ އެކުގަ އެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް ތިން ވަނަ ދައުރަކަށް އަލީ ޙުސެއިން ކުރިމަތިލަނީ ސާފު ރެކޯޑަކާއި ޝަރަފުވެރި ތާރީހަކާ އެކުގައި އެވެ. މަޖިލީހުގައި ތިމަންނަމެން ތަމްސީލު ކުރާ މެމްބަރަކީ ނަމޫނާ މެމްބަރެކޭ ބުނެ ކެންދޫ ދާއިރާގެ ކޮންމެ ރައްޔިތަކަށް ފަހުރުވެރި ކަމާ އެކު މޭގައި އަތްޖަހާލެވޭނެ އެވެ. މަޖިލީހުގެ މެމްބަރުންނަށް ބަލާލާއިރު މިއީ ވަރަށް ތަދު ހާލަތެކެވެ. އުންމީދަކީ އަދި ދުއާއަކީ މެމްބަރު އަލީ ޙުސެއިނަށް މި ދައުރުގެ ގޮނޑި ވެސް ކާމިޔާބުވުމެވެ. އަދި ސިޔާސީ ހަރުފަތުން އިތުރަށް އުހަށް ދަތުރު ކުރުމެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް