ads
އަހުމަދު އީސާ: ސިޔާސީ ބޭނުމަށް އެންމެ ގިނައިން ވަޒީފާ ބެހީ މި ސަރުކާރުން ކަމަށް ވިދާޅުވި - ފޮޓޯ:ސީއެންއެމް
ސިޔާސީ ބޭނުމަށް އެންމެ ގިނައިން ވަޒީފާ ބެހީ މި ސަރުކާރުން: އީސާ
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ސިޔާސީ ބޭނުމަކު އެންމެ ގިނަ މީހުން ވަޒީފާ ހޯދި ސަރުކާރު ކަމަށް މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައްޔިތުންގެ މަޖިލިސް ކެމްޕެއިން ސްޕޯކްސްޕާސަން އަހުމަދު އީސާ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އީސާ ވަނީ ރައީސް މުއިއްޒުގެ ސަރުކާރުގެ ތެރޭގައި ކަންބޮޑުވާ ކަންތައްތައް އިންތިހާއަށް ހުރި ކަމަށް ވިދާޅުވެފަ އެވެ. އީސާ ވިދާޅުވީ މި ސަރުކާރުގައި ރައީސް މުއިއްޒުގެ މަގާމުން ފެށިގެން ގޮސް ސިޔާސީގޮތުން އެންމެ ދަށް މަގާމުގައި ހުންނަވާ ބޭފުޅާ ވެސް ކަންކަމުގައި މަކަރު ހަދައި އޮޅުވާލަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މި ސަރުކާރުގެ ކަންކަން ހުރީ އިންތިހާބަށް ނުފޫޒު ފޯރުވާ ފަދަ ގޮތަކަށް ކަމަށް އީސާ ވަނީ ފާހަގަކުރައްވާފަ އެވެ.

"މި ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާއިން ފެށިގެން ގޮސް ދަށު ސިޔާސީ މަގާމުގައި ހުންނެވި ބޭފުޅާއަށް، ތަކުރާރުކޮށް ދޮގުހަދާ، މަކަރުހަދާ، އޮޅުވާލަމުން ގެންދަވާ ވާހަކަ. އަދި ހަމަ އެއާއެކީ އިންތިހާބަށް މި ގާނޫނު އަސާސީގެ ދަށުން އުފެދުނު އެއްވެސް ސަރުކާރަކުން އިންތިހާބެއްގައި އިންތިހާބުގައި ނުފޫޒު ނުފޯރުވާ އަދި ވޯޓުލާ އާންމު ރައްޔިތުންނަށް ބިރުނުދައްކާ ގޮތަށް މި ސަރުކާރުން ނުފޫޒު ފޯރުވާ ގޮތަކަށް ބިރުދައްކަމުން ގެންދިއުމަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް،" އީސާ ވިދާޅުވި އެވެ.

އިންތިހާބަކާ ދިމާކޮށް ސިޔާސީ ބޭނުމަކަށް އެންމެ ގިނަ މީހުން ވަޒީފާ ހޯދި ސަރުކާރަށް ރައީސް މުއިއްޒުގެ ސަރުކާރުވުމުގެ އިތުރުން، މި ސަރުކާރަކީ ސިޔާސީ މަގާމު 700 އަށް ވުރެ ގިނަ ނުކުރާނެ ކަމަށް ބުނެ ވެރިކަމަށް އައިސް، އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ ސިޔާސީ މަގާމު އުފެއްދި ސަރުކާރު ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މި ބައްދަލުވުމުގައި "ސީއެންއެމް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އީސާ ވިދާޅުވެފައި ވަނީ އިންތިހާބުގެ ކަންކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރާވައި ހިންގާފައި ހުރީ ހަމަ ރަނގަޅަށް ކަމަށެވެ. އަދި މި އިންތިހާބުގައި އީސީން މީގެ ކުރީގެ އިންތިހާބުތަކުގައި ގެންދިޔަ ފަދައިން އެ އުސޫލުތަކުގެ ތެރެއިން ކަންކަން ގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އީސާ ވިދާޅުވި އެވެ. އީސާ ވިދާޅުވި ގޮތުގައި އީސީން އެފަދައިން އިންތިހާބު ގެންގޮސްފި ނަމަ މި އިންތިހާބު އިންސާފުވެރި އިންތިހާބަކަށް ވެގެންދާނެ ކަމުގަ އެވެ.

އެހެންނަމަވެސް ސަރުކާރުން އިންތިހާބު ތެރެއަށް ނުފޫޒު ފޯރުވަން ކުރާ މަސައްކަތް ހުއްޓުވުމަށް އީސީން އުފުލަން ޖެހޭ ޒިންމާ އެންމެ ރަނގަޅަށް އުފުލަމުން ގެންދާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އީސާ ވިދާޅުވި އެވެ. އޭނާ ވިދާޅުވެފައި ވަނީ އިންތިހާބުގެ ތެރޭގައި ސަރުކާރުން ހިންގާފައިވާ ނޭއްގާނީ ކަންކަމާއި އިންތިހާބާ ބެހޭ ގާނޫނާ ހިލާފަށް ހިންގާފައި ހުރި އަމަލުތައް ކުށްވެރި ނުކޮށް އަދި އެ އަމަލުތައް ތަހުގީގުނުކޮށް، މައްސަަލަ ނުބަލާ އީސީން އޮތް އޮތުމަކީ ކަންބޮޑުވެ ހިތާމަކުރައްވާ ކަމެއް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް