މި މަސައްކަތް ފައްޓަވާދެއްވީ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބްއެވެ. ވަޒީރު ވިދާޅުވީ މި މަޝްރޫއުގެ ދަށުން ކިނބިދޫއިން 25 ހެކްޓަރު ބިން ހިއްކާނެކަމަށެވެ.
މި މަސައްކަތް ފެށުމުގެ ރަސްމިއްޔާތިގައި އެ ދާއިރާގެ މިހާރުގެ މަޖިލިސް މެމްބަރު ރިޔާޒު އަބްދުﷲ އާއި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އަޙްމަދު އަލީ ހަބީބް އާއި ކިނބިދޫ ކައުންސިލްގެ ރައީސް އަލީ ހުސައިން ބައިވެރިވެވަޑައިގަތެވެ.
މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އެވެ. މި މަސައްކަތުގެ އަގަކީ 148.20 މިލިއަން ރުފިޔާއެވެ. ރަށުގެ އިރުމަތީ ފަރާތުން ހިއްކާ ބިމުގެ މަސައްކަތް 240 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ ސަރުކާރުގައި 12 އޮގަސްޓް 2023 ގައެވެ.
ތ. ކިނބިދޫއާއި ވޭމަންޑޫ ކޯޒްވޭއަކުން ގުޅައިލުމުގެ މަޝްރޫއުއަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ރިޔާސީ ވައުދެކެވެ. އެހެންނަމަވެސް ދައުރު ނިމުނު އިރުވެސް އެ ވައުދު ފުއްދިފައެއް ނުވެެއެވެ. އޭރުގެ ޕްލޭނިން މިނިސްޓަރު އަސްލަމް ވިދާޅުވީ ކޯޒްވޭއަށް އަޅަން ދިމާވި ގޮންޖެހުމަކީ ކޯޒްވޭ އަޅާ މަގުގައި 'އެލާ' ނަމަކަށް ކިޔާ ފަޅު ރަށެއް އޮތުންކަމަށެވެ. ކުރިން ރިސޯޓެއް ހެދުމަށް ނިންމައިފައިވާ އެރަށް ފަހުން ވަނީ ރިސޯޓު ނާޅަން ނިންމާފައެވެ.
ރާއްޖޭގެ ރަށްތަކަށް ރައީސް ޑރ. މުއިއްޒު ފެއްޓެވި ދަތުރުފުޅުގައި މިދިޔަ ފެބްރުއަރީ މަހުގެ 8 ވަނަދުވަހު ކިނބިދޫއަށް ވަޑައިގެން އެރަށު ކައުންސިލާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ރައީސް ވަނީ ތ. ކިނބިދޫއާއި ވޭމަންޑޫ ކޯޒްވޭގެ މަސައްކަތް ނިންމާ ދެއްވާނެކަމުގެ ޔަގީންކަން ކައުންސިލަށް ދެއްވާފައެވެ.
ރައީސް މުއިއްޒު ވަނީ މަޑިފުއްޓާއި ދިޔަމިގިލި ކޯޒްވޭގެ މަސައްކަތް ވެސް ނިންމާދެއްވާނެކަމަށް ވިދާޅުވެފައެވެ.