ads
ރައީސް މުއިއްޒާ އެމަނިކުފާނުގެ އިސް މުޝީރު އަބްދުއްރަހީމް ރިޔާސީ ކެމްޕެއިންގައި ޔާމީންގެ ނަން ޖެހި ހުސް ގޮނޑިއާއި އެކު
އެނގުނީ މި ސަރުކާރުން ޝަރީއަތަށް ނުފޫޒު ނުފޯރުވާނެކަން: އަބްދުއްރަހީމް
ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދަށުކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުުކުމް ބާތިލުކުރުމުން އެނގުނީ މި ސަރުކާރުން ޝަރީޢަތަށް ނުފޫޒު ނުފޯރުވާނެކަންކަމަށް ރައީސް މުއިއްޒުގެ އިސް މުޝީރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޔާމީންގެ އިސްތިނާފު އަޑުއެހުން ނިމުމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މާތްﷲ އަށް ހަމްދުކޮށް އަބްދުއްރަހީމް ވަނީ ރައީސް މުއިއްޒަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދިވެހީން ބޭނުންވަނީ ރައީސް މުއިއްޒު ފަދަ ބަހާ ޢަމަލާ ދިމާވާ ވެރިންކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. 

" ދިވެހީންގެ ރާއްޖޭގައި ސަރުކާރުން ޝަރީޢަތަށް ނުފޫޒު ނުފޯރުވާނެކަން ސާބިތުކޮށް ދެއްވައިފީމު. ދިވެހީންގެ ރާއްޖޭގައި ހަމަ ކޮންމެ މީހަކަށްވެސް ތަފާތު ކުރުމެއްނެތި ޢަދުލު އިންސާފު ލިބޭނެކަން މަނިކުފާނު ކަށަވަރުކޮށް ދެއްވައިފީމު. ޝަރުޢީ ދާއިރާ އަކީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަންކަމާއެކު ޝަރީއަތް ކުރުމުގެ ފުރުސަތު އޮތް ދާއިރާއެއްކަން ޔަގީންކޮށް ދެއްވައިފީމު." އަބްދުއްރަހީމް އެކްސްގައި ކުރެއްވި ޕޯސްޓްގައިވެއެވެ.

ރޭ ޕީއެންއެފްގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ޖަލުގައި ބާއްވަން ބޭނުންފުޅުވަނީ ރައީސް މުއިއްޒުކަމަށް ވިދާޅުވެފައެވެ. އަދި ޝަރީއަތް ލަސްކުރުމަށް ސަރުކާރުގެ ވެރިން މަސައްކަތް ކުރައްވާކަމަށްވެސް ޔާމީން ވިދާޅުވިއެވެ. 

އެހެންނަމަވެސް ރައީސް މުއިއްޒު ވިދާޅުވަމުން ގަންދަވަނީ ޖުޑިޝަރީއަށް ނުފޫޒު ފޯރުވަނީ އެމްޑީޕީކަމަށެވެ. އެގޮތުން ސަބަބެއްކަމަށް ވިދާޅުވީ އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ރައީސް ޔާމީންގެ ޝަރީއަތް ލަސްވާތީ އެކަން ޖޭއެސްސީއަށް ހުށައެޅުމުން މައްސަލައިގެ އަޑުއެހުމެއް ތާވަލުކުރުންކަމަށެވެ.

ރިޝްވަތު ގަބޫލު ކުރުމާއި، މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ރައީސް ޔާމީން ޖަލަށްލީ، 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އެއީ، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ރިޝްވަތުގެ ކުށުގައި ހަތަރު އަހަރަށް އަދި މަނީ ލޯންޑްރިންގެ ކުށުގައި ހަތް އަހަރަށް، ޖުމްލަ 11 އަހަރުގެ ޖަލު ހުކުމެވެ. 

އެ މައްސަލަތައް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން މިރޭ ކުރި ހުކުމުގައި ދެ މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށްވަނީ އަމުރު ކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް