ads
މިލަންދޫ އެއާޕޯޓު ތަރައްގީ ކުރުމަށްޓަކައި ސާވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
"މިލަންދޫ އެއާޕޯޓަކީ ދާއިރާގެ 3 ރަށުގެ ކުރިމަގަށް މުހިންމު މަޝްރޫއެއް"
ށ. މިލަންދޫ އެއާޕޯޓަކީ އެ ރަށުގެ އިތުރުން ދާއިރާގައި ހިމެނޭ ނަރުދޫ އާއި ފީވަކުގެ ކުރިމަގަށް ވަރަށް މުހިންމު މަޝްރޫއެއް ކަމަށް މިލަންދޫ ކައުންސިލުގެ ރައީސް އަބްދުﷲ އާތިފް ވިދާޅުވެއްޖެ އެވެ.
Advertisement

މިލަންދޫ އެއާޕޯޓު ތަރައްގީ ކުރުމަށްޓަކައި ސާވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ ހެދުމުގެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަ މިނިސްޓްރީން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެކު ސޮއިކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

މިލަންދޫ ކައުންސިލުގެ ރައީސް އާތިފް "ސީއެންއެމް" އަށް ވިދާޅުވީ އެމްޓީސީސީ އާ އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ގާތްގަނޑަކަށް ދެ މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަަމަށެވެ. މި މަޝްރޫއާ އެކު މިލަންދޫ ދާއިރާ އިތުރު ހަރުފަތަކަށް ދާނެ ކަމަށާއި މިއީ މިހާތަނަށް އެ ދާއިރާގައި ހިންގޭ އެންމެ ބޮޑު މަޝްރޫއަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ މިލަންދޫ ދާއިރާ އިތުރު ހަރުފަތަކަށް ދާނެ ޕްރޮޖެކްޓެއް. މިއީ މިހާތަނަށް ހިންގޭ އެންމެ ބިޔަ ބޮޑު އަދި ރައްޔިތުންނަށް އެންމެ ލުއިފަސޭހަ އަދި މި ދާއިރާގެ ތިން ރަށުގެ ކުރިމަގަށް ވަރަށް މުހިންމު ޕްރޮޖެކްޓެއް،" އާތިފް ވިދާޅުވި އެވެ.

your imageމިލަންދޫ ކައުންސިލުގެ ރައީސް އާތިފް: ވިދާޅުވީ މިލަންދޫ އެއާޕޯޓު އެޅުމުގެ މަޝްރޫއާ އެކު އެ ދާއިރާ އިތުރު ހަރުފަތަކަށް ދާނެ ކަމަށް

ދަތުރުފަތުރު ކުރުމުގެ ނިޒާމު މިހާރު އޮތް ގޮތުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ކުދިންނަށް ރަށަށް އައުމަށް ދަތިތަކާ ކުރިމަތިވާކަން ފާހަގަކުރައްވާ އާތިފް ވިދާޅުވެފައި ވަނީ މިލަންދޫގައި އެއާޕޯޓު އެޅުމުން އެފަދަ ކުދިންނަށް ލިބޭ އޮފް ދުވަސްތަކުގައި ދެތިން ދުވަހަށް ނަމަވެސް ރަށަށް އައިސް އާއިލާ އާ ބައްދަލުކޮށް ހެދުމަށް ވަރަށް ބޮޑުތަނުން ފަސޭހަވާނެ ކަމަށެވެ. އަދި މާލޭގައި ކިޔަވަން ތިބޭ ކުދިންނަށް ލިބޭ ކުދިކުދި ޗުއްޓީތަކުގައި ރަށަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ވެސް ފަހިވާނެ ކަމަށް އާތިފް ވިދާޅުވި އެވެ.

"އީއައިއޭ ރިޕޯޓުތައް ކަމާ ބެހޭ މިނިސްޓްރީތަކަށް ލިބުނީމަ، އެ ދިރާސާކޮށްފައި ވީ އެންމެ އަވަހަކަށް އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމާއި އެއާޕޯޓު އެޅުމުގެ މަސައްކަތް ހަވާލުކުރާނެ ކަމަށް ވިދާޅުވެފައި ވަނީ،" ގުޅުންހުރި އިދާރާތަކުން މަސައްކަތް ކުރަމުން އަންނަ ދުވެއްޔާ މެދު ހިތްހަމަޖެހޭކަން ފާހަގަކުރައްވާ އާތިފް ވިދާޅުވި އެވެ.

މިލަންދޫގައި އެއާޕޯޓު ތަރައްގީ ކުރުމަށް ބޭނުންވާ ކަންކަން ފުރިހަމަ ކުރުމަށް އެމްޓީސީސީ އާ ހަވާލުކުރުމުގެ އެއްބަސްވުމުގައި އިންފްރާސްޓްރަކްޗަ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ނަޒީމެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ އެވެ. މި އެއްބަސްވުމުގައި ސޮއިކުރުމަށް ބުރާސްފަތި ދުވަހު މިލަންދޫގައި ބޭއްވި ރަސްމިއްޔާތުގައި ރަށު ކައުންސިލުގެ ރައީސް އާތިފް އާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.

your imageމިލަންދޫ އެއާޕޯޓު ތަރައްގީ ކުރުމަށްޓަކައި ސާވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މިލަންދޫގައި އެއާޕޯޓު އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދަތުރުފުޅުގައި މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 23 ވަނަ ދުވަހު އެ ރަށަށް ވަޑައިގެން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން މުއިއްޒު ވިދާޅުވި ގޮތުގައި އުމްރާނީ ތަރައްގީގެ ވިސްނުމުގައި 30 މިނެޓުން ދެވޭ ވަރަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެއާޕޯޓު އެޅުމަކީ އެ ކޯލިޝަނުގެ ސިޔާސަތެއް ކަމުގަ އެވެ. މުއިއްޒު ވިދާޅުވީ މިލަންދޫ ކައިރީގައި އޮތް ފުނަދޫގައި އެއާޕޯޓެއް އޮތް ނަމަވެސް ދާއިރާގައި ހިމެނޭ ނަރުދޫ އާއި ފީވަކުން އެ އެއާޕޯޓަށް ދިއުމަށް 30 މިނެޓަށް ވުރެ ގިނައިރު ނަގާނެ ކަމަށެވެ. އެހެންކަމުން ކޮންމެހެން ވެސް މިލަންދޫގައި އެއާޕޯޓެއް އަޅަން ޖެހޭކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެ އެވެ.

ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު އަތޮޅުތެރެއަށް ކުރައްވަން ފެއްޓެވި ދަތުރުފުޅުގައި މިދިޔަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު މިލަންދޫއަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި އެ ރަށު ކައުންސިލުގެ ރައީސް އާތިފް ވިދާޅުވެފައި ވަނީ މިލަންދޫގެ ރައްޔިތުން އެދޭ ކަންތައްތަކުގެ ލިސްޓު ވަރަށް ދިގު ކަމަށާއި ނަމަވެސް އެ ލިސްޓުގެ 1 ވަނަ އިން 10 ވަނައަށް އޮތީ "ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދަތުރުގައި މިލަންދުއަށް ވަޑައިގެން ޑރ. މުއިއްޒު ވި އެއާޕޯޓު ވައުދު" ކަމަށާއި އެކަން ކޮށްދެއްވުމުގެ އަމަލީ މަސައްކަތް ފެށުމަށް ރައްޔިތުން އެދޭ ކަމަށެވެ.

އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި ގޮތުގައި މިލަންދޫ ރައްޔިތުންގެ ލިސްޓު ވަރަށް ދިގު ނަމަވެސް އެމަނިކުފާނު ވެސް އިސްކަން ދެއްވާނީ އެ ލިސްޓުގެ 1 ވަނަ އިން 10 ވަނައަށް ވެސް އޮތް "ށ. މިލަންދޫގައި އެއާޕޯޓު" އެޅުމަށް ކަމަށެވެ. އެމަނިކުފާނުގެ އެޑްމިނިސްޓްރޭޝަނުން އެ ރަށުގައި އެއާޕޯޓު އަޅައިދޭނެކަމުގެ ޔަގީންކަން ރަށުގެ ރައްޔިތުންނަށް ރައީސް ވަނީ ދެއްވާފަ އެވެ.

your imageމިލަންދޫ އެއާޕޯޓު ތަރައްގީ ކުރުމަށްޓަކައި ސާވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

"އަޅުގަނޑު ދެކޭ ގޮތުގައި، ތިޔަބޭފުޅުން ބޭނުން ވަނީ އެންމެ ވާހަކައެއް އަޑުއައްސަވަން. އެއީ، ލިސްޓުގައި އެކަކުން ދިހައަކަށްވެސް އޮތީ އެންމެ ވާހަކައެއް. އެހެންވީމާ، އެ ވާހަކަ އެކަނި ދައްކާލަން ފަސް މިނިޓެއް ބޭނުމެއް ނުވާނެ. އާދެ، އަޅުގަނޑު ކެމްޕެއިންގައި މި ރަށަށް އައިން. އަޅުގަނޑު ވައުދު ވަނީ، ވައުދު ފުއްދަންކަން އަޅުގަނޑު އަބަދުވެސް ދަންނަވަން. އެހެންވީމާ، މި ރަށުގެ ރައްޔިތުންގެ ކުރިމަގާއި ތަރައްގީއަށް، އެއްވަނައިން ދިހަވަނައަށް ވެސް އޮތް އެއާޕޯޓު، އިރާދަކުރެއްވިއްޔާ ޔަގީންކަމާ އެކީގައި އަޅައިދޭނެކަމުގެ ސަތޭކަ ޕަސެންޓް ޔަގީންކަން ދެން،" އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅު ހަނދުމަ ހުރިކަން ފާހަގަކުރައްވާ ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދިނުމުގައި ރައްޔިތުންގެ އެހީތެރިކަަމަށް ވަނީ އެދިވަޑައިގެންފަ އެވެ. ބާރު ސްޕީޑުގައި މަސައްކަތް ކުރެވޭނީ ރައްޔިތުންގެ މަޖިލިހުގެ އެއްބާރުލުން ލިބިގެން ކަމަށް ވެސް އެމަނިކުފާނު އެ ދުވަހު ވަނީ ވިދާޅުވެފަ އެވެ.

"މިލަންދޫ ދާއިރާގެ ރައްޔިތުން ގާތުގައި ވެސް އަޅުގަނޑު އެދެން އޮތީ އެ ކަންތައް. އަޅުގަނޑަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ބޭފުޅަކު މަޖިލީހަށް ހޮއްވެވުމަކީ، ތިޔަބޭފުޅުންގެ ކިބައިން މިވަގުތު އަޅުގަނޑު އެދެން އޮތް އެންމެ ބޮޑު ކަންތައް،" ސަރުކާރެއް ބާރު ސްޕީޑުގައި ގެންދިއުމާއި ނުގެންދިއުމުގައި، ރާއްޖޭގައި ކަންކަން ހިނގާ މަގަށް ބަލާއިރު މަޖިލިހުގެ ދައުރު މުހިންމުކަން ފާހަގަކުރައްވާ ރައީސް ވިދާޅުވެފައިވެ އެވެ.


ށ. މިލަންދޫ ދާއިރާއަށް ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވަނީ ހަސަން މުފީދު އަބްދުލްގާދިރެވެ. ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި މަޖިލީހުގެ ގޮނޑިތައް ސަރުކާރަށް ދީފި ނަމަ، ވަރަށް ބާރު ސްޕީޑްގައި ރާއްޖޭގެ ރައްޔިތުން ބޭނުންވާ މިންވަރަށް ހުރިހާ ވައުދެއް ފުއްދަވައިދެއްވާނެ އެވެ. މަޖިލީހުގެ 93 ދާއިރާއަށް ސަރުކާރުގެ ކެންޑިޑޭޓުން ހޮވައިފި ނަމަ ހަގީގަތުގައި ވެސް ނަތީޖާ ރަނގަޅުވާނެ ކަމަށް ރައީސް އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

your imageމިލަންދޫ ދާއިރާއަށް ސަރުކާރު ކެންޑިޑޭޓުގެ ގޮތުގައި ވާދަކުރައްވާ ހަސަން މުފީދު އަދި ރައީސް މުއިއްޒު

މާދަމާ އޮންނަ މަޖިލިސް އިންތިހާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ ޓިކެޓުގަ އެވެ. އެ ޕާޓީން ޖުމްލަ 90 ދާއިރާއަށް ވާދަކުރާއިރު، އެމްޑީޕީގެ ޓިކެޓުގައި ކެންޑިޑޭޓުން ވާދަކުރަނީ 89 ދާއިރާއަކަށެވެ.

ޖުމްލަ 368 ކެންޑިޑޭޓުން ވާދަކުރާ މި އިންތިހާބުގައި 93 ދާއިރާއަކަށް މެންބަރުން އިންތިހާބުކުރާނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް